ނަންބަރު:MDP-2013-PR-36
ތާރީޚް: 27 މެއި 2013 (ހޯމަ)
ބައިބައިވުމާއި ނަފްރަތް އުފެއްދުމަށް ދައްކާ ސިޔާސީ ވާހަކަތަކަށް ސަމާލުވެ ތިބުމަށް އިލްތިމާސް ކުރުން
އަލްމަރްހޫމް ޑޮކްޓަރ އަފްރާޝީމް ޢަލީގެ ޤަތުލާއި ބެހޭގޮތުން ފުލުހުން ހިންގިކަމަށްބުނާ ތަޙުޤީޤާއި، އެމައްސަލައިގެ ޝަރީޢަތާއި ގުޅޭގޮތުން ފުލުހުންނާއި މިހާރު ވެރިކަންކުރަމުންދާ ސަރުކާރުގެ ބައިވެރިން ފަތުރަމުންދާ ވާހަކަތަކަކީ ވަރަށް ދެކޮޅުނުޖެހޭ ފިތުނަވެރި ވާހަކަތަކެއްކަމުގައި މިޕާޓީން ދެކެމެވެ.
އެނގިވަޑައުގަންނަވާނޭ ފަދައިން 7 ފެބްރުއަރީ 2012 ވަނަދުވަހު ދިވެހިރާއްޖޭގެ ވެރިކަން ޤާނޫނާއި ޚިލާފަށް ބަދަލުކުރުމުގައި ފުލުހުންގެތެރެއިންބަޔަކު އިސްވެޙަރަކާތްތެރި ވެފައިވުމާއި، އޭގެފަހުން އެމުއައްސަސާއަށް ނިސްބަތްވާގޮތަށް ފުލުހުން ހިންގާފައިވާ ޣައިރުޤާނޫނީ އަދި ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން އެ މުއައްސަސާއާއިމެދު ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލިފައިވާކަމާއި، މަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީގެ ޤަތުލުގެ މައްސަލައިގެ ތަޙްޤީޤުގެ ސައްޙަކަމާއިމެދު ސުވާލުުއުފެދޭކަމަށާއި، މި މައްސަލައިގެ ތުހުމަތުގައި ދަޢުވާ އުފުލިފައިވާ ފަރާތަކުން ޝަރީޢަތުގައި ޝައްކު އުފެދޭފަދަ ގޮތަކަށް ވެފައިވާ އިޢުތިރާފަކާއި ގުޅޭގޮތުން ޝަރީޢަތަށް ކަމެއް ސާބިތުވުމުގެ ކުރިން އެފަރާތުގެ ބަޔާނަށް ބުރަވެ މި ޕާޓީއަށް ނިސްބަތްވާ ބައެއްގެ ބޮލުގައި އެއްވެސް އިލްޒާމެއް އެޅުވުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ކުރެވޭނޭ ކަމެއްނޫންކަމަށާއި، މިފަދަ ސާބިތުނުހިފޭ ވާހަކަތަކަކަށް ބިނާކޮށް ވާދަވެރި ސިޔާސީ ފަރާތްތަކުން މި ޕާޓީ އަށް ނިސްބަތްވާގޮތަށް ތަފާތުު ފިތުނަވެރި ވާހަކަތައް ފެތުރުމަކީ ހިތާމަހުރި ކަމެއްކަމުގައި ދަންނަވަމެވެ.
މިގޮތުން އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ޤައުމީ ޙަރަކާތުގެ ނަމުގައި ބަޔަކު ބޭއްވި އެއްވުމެއްގައި މުޚާޠަބުކުރަމުން މަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީގެ މަރުގެ މައްސަލަ އެމްޑީޕީގެ މައްޗަށް ރިޔާސީ އިންތިޚާބުު ނިމެންދެން ހަތިޔާރެއްގެ ގޮތުގައި އުފުލާފައި ބާއްވާނެކަމަށް 25 މެއި 2013 ވަނަ ދުވަހުގެރޭ ވިދާޅުވެފައިވުމުން އެމައްސަލަ ޝަރީޢަތުގެ މަރުޙަލާގައި ވަނިކޮށް ވަކި ދުވަހަކާ ހަމައަށް ބޭއްވުމަކީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުންކަމަށާއި، މި މައްސަލަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާނެކަމަށް ބުނެފައިވުމުން މި މައްސަލައާއި މި ޕާޓީއާއި ގުޅުވައިގެން ދެކެވޭ ފިތުނަވެރި ވާހަކަތަކަކީ ރޭވިގެން ހިންގޭ ބޮޑު ޖަރީމާއެއް ކަމުގައި ދެކެމެވެ.
ވީމާ ރައްޔިތުންގެ މެދުގައި ޝައްކުތަކާއި ބައިބައިވުމާއި ނަފްރަތު އުފެއްދުމަށް ފިތުނަވެރި ވާހަކަތައް ފެތުރުމުގެ ބަދަލުގައި ޒިންމާދާރުކަމާއެކު ސިޔާސީ ޙަރަކާތްތައް ހިންގުމަށް ރާއްޖޭގެ އެންމެބޮޑު ސިޔާސީ ޕާޓީގެ ހައިސިއްޔަތުން ވާދަވެރި ސިޔާސީފަރާތްތަކަށް އިލްތިމާސްކުރަމެވެ. ހަމައެހެންމެ ޤާނޫނީ އަދި ޝަރުޢީ އެއްވެސް ބިންގަލެއްނެތި ފަތުރަމުންދާ ފިތުނަވެރި ވާހަކަތަކާއިމެދު ސަމާލުވެތިބުމަށް ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް މި ޕާޓިން އިޚްލާސްތެރިކަމާއެކު ގޮވާލަމެވެ.
—
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް