މޭމަހުގެ 9 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ 76 ކެންޑިޑޭޓުންގެ ކެންޕޭން ރަސްމީކޮށް އިފްތިތާހުކުރުން ހޮނިހިރުދުވަހުގެ ރޭ 9 ޖެހިއިރު މާލޭގެ އާޓިފިޝަލް ބީޗުގައި ބާއްވައިފިއެވެ. ކެންޕޭން ފެށުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިހުގައި މިހާރު ޕާޓީ ތަމްސީލު ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ކ އަތޮޅު މެމްބަރ އަދި ޕާޓީގެ ޗެއާޕާސަން އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ އާއި ލ އަތޮޅު މެމްބަރ މޫސާ މަނިކާއި ތ އަތޮޅު މެމްބަރ ހަސަން އަފީފާއި ފ އަތޮޅު މެމްބަރ އަހްމަދު ހަމްޒާ ވާހަކަ ދެއްކެވިއެވެ. އަދި މަޖިލިހުގެ ފުވަށްމުލަކު މެދު ގޮނޑިއަށް ވާދަކުރައްވާ އެމްޑީޕީގެ ޒުވާން ކެންޑިޑޭޓް ޝިފާގް މުފީދުވެސް ވާހަކަ ދެއްކެވިއެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސް މުހަންމަދު ނަޝީދާއި ޕާޓީގެ ވަގުތީ ރައީސް އަދި ނައިބު ރައީސް އިބްރާހީމް ހުސައިން ޒަކީވެސް ވާހަކަ ދެއްކެވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ކެންޕޭން ލޯންޗް ކުރުމަށް ބޭއްވި މި ހަފުލާގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާ މެމްބަރުން އެ ބޭފުޅުންނާ ކުރިމަތިލައްވާ ދާއިރާތައް އަންގައިދޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ދެއްކުނެވެ. މި ރަސްމިއްޔާތު ބެލުމަށް އެމްޑީޕީއަށް ތާއިދު ކުރައްވާ ދޮޅުހާހެއްހާ މީހުން އާޓިފިޝަލް ބީޗަށް ހާޒިރުވިއެވެ.