އެމްޑީޕީ ބިލެއްދޫ ދާއިރާގެ ޕާޓީ ޓިކެޓް ފ. މެންބަރު އަޙްމަދު ޙަމްޒާއަށް ދީފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ބިލެއްދޫ ދާއިރާގައި ވާދަކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅު މެންބަރު އަލްއުސްތާޛް އަޙްމަދު ޙަމްޒާ އަށް ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޕާޓީ ޓިކެޓް ދެއްވައިފިއެވެ.
އެމްޑީޕީ މައި އޮފީހުގައި ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި އަޙްމަދު ޙަމްޒާ އަށް ޕާޓީ ޓިކެޓް ދެއްވާފައިވަނީ ޤައުމީ މަޖިލީހަށް ޙާޟިރުވެ ވަޑައިގެން ތިއްބެވި 17 މެންބަރުންގެ އިއްތިފާޤުންނެވެ.
ބިލެއްދޫ ދާއިރާއަށް އެހެން ކެންޑިޑޭޓަކަށް ޕާޓީ ޓިކެޓް ދެއްވާފައިމިވަނީ އެދާއިރާއަށް ޕާޓީ ޓިކެޓް ދެއްވާފައިވާ ކެންޑިޑޭޓް ކަމުގައިވާ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް ކަމުގެ މަޤާމް ފުރުއްވަމުން ގެންދަވާ އަލްފާޟިލް އަޙްމަދު ޝަފީޤް އެދާއިރާއަށް ކުރިމަތިލުމަށް ތަނާޒުލް ވެވަޑައިގަތުމާ ގުޅިގެންނެވެ. ފ. ބިލެއްދޫ ދާއިރާގައި ހިމެނެނީ ބިލެއްދޫގެ އިތުރުން މަގޫދޫ އާއި ފީއައްޔެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން 77 ކެންޑިޑޭޓަކަށް ޕާޓީ ޓިކެޓް ދެއްވާފައިވެއެވެ.