އައްޑޫ ސިޓީގަ ދޭތިން ފަހެތި ކެމްޕެއިންގެ ހަރަކާތް ހަފްތާ ބަންދުގައި ކުރިޔަށް

އައްޑޫ ސިޓީގެ ދޭތިން ފަހެތި ކެމްޕެއިންގެ 12 ވަނަ ޕްރޮގްރާމް ވަރަށް ފޯރީގައި ކުރިޔަށް ދާކަމަށް އައްޑޫ ސިޓީގެ ރައިސް އަޙްމަދް އަދްހަމް ވިދާޅުވެއްޖެއެވެ.

މި މޭ މަހުގެ 23ން 26ހަށް ގެންދާ މި ޕްރޮގްރާމްގައި މައިގަޑު މަސައްކަތެއްގެ ގޮތުގައި ކުރިޔަށް ގެންދަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ މަޝްވަރާ ބައްދަލުވުންތަކެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުއަށް ކެމްޕެއިން ކުރަން ފެށިފަހުން މިހާރު އައްޑޫ ސިޓީގައި މި ގެންދެވެނީ ހަފްތާ ބަންދުގެ 12 ވަނަ ޕްރޮގްރާމް ކަމުގައި އަދްހަމް ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި މިހާރު ކުރިޔަށް ދާ ދޭތިން ފަހެތި ކެމްޕެއިންގެ ޕްރޮގްރާމްގައި އައްޑޫ ސިޓީގަ ކެމްޕެއިން ހަރަކާތް ފެށިފަހުން ކުރެވުނު މަސައްކަތްތަކަށް ބަލާ އަދި ކެމްޕެއިންގެ ހަރަކާތް އިތުރަށް ގެންދާނެ ގޮތުގެ މަޝްވަރާ ބައްދަލުވުންތައް ކުރިޔަށް ގެންދެވޭނެއެވެ. މިގޮތުން ހުރިހާ ދާއިރާއެއްގެ ކެމްޕެއިން އޭޖެންޓުންނާއި ޕެޗް އޭޖެންޓުންނާއި، ފަންޑް ރެއިޒިން ކޮމިޓީތަކާއި އަދި ކުދި ކޮމިޓީ ތަކުގެ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންދާކަމަށް އަދްހަމް ވިދާޅުވިއެވެ.

ވަކި ވަކި ދާއިރާތަކުގައި ބާއްވަމުން ގެންދާ މި ބައްދަލުވުންތަކުގައި މިއަދާ ހިސާބަށް ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައިވާ ދާއިރާތަކަކީ، މަރަދޫ ދާއިރާ، ފޭދޫ ދާއިރާ، ހިތަދޫ ދެކުނު ދާއިރާ، ހިތަދޫ މެދު ދާއިރާ، އަދި މީގެ އިތުރުން މިއަދު ހުޅުމީދޫއާއި، ހިތަދޫ އުތުރު ދާއިރާގެ ބައްދަލުވުންތައް ކުރިޔަށް ގެންދާ ގޮތަށް ޕްރޮގްރާމްތައްވަނީ ރޭވިފައިކަމުގައި އަދްހަމް ވިދާޅުވިއެވެ.