ފުލުހުންގެ ރާޑަރަށް ހުދު ގިރުވާނުގެ ކުށްވެރިން އަރައިފި

“ކޮސޯވޯގެ މިނިވަންކަން ދިވެހިރާއްޖެއިން ގަބޫލުކުރުމަށް އެއްވެސް ފަރާތަކުން ރިޝްވަތެއް ހިފައި، އަދި އެއްވެސް ފަރާތަކުން ކޮރަޕްޝަނަށް މަގުފަހިވާފަދަ ޢަމަލެއް ކޮށްފައިވޭތޯ ބައްލަވައި، މިއިން ޢަމަލެއް އެއްވެސް ފަރާތަކުން ކޮށްފައިވާނަމަ އެ މައްސަލައެއް ތަޙުޤީޤު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގަވައިފި…” މިފަދައިން ޚަބަރުގެ ސުރިޚީގައި އޮތެވެ.
ރިސެޝަންގެ ވާހަކަ އިހަށް ބާއްވާފައި، ރައީސް އޮފީހުގެ ވެބްސައިޓުން އަޅައިގަން މި ސުރިޚީ އަށް އަޅުގަޑު ކަޅިހުއްޓާލީމެވެ. ކޮސޯވޯގެ މިނިވަންކަން ދިވެހިރާއްޖެއިން ގަބޫލުކުރާނަމަ އަދި އެކަން ހާމަކުރާނީ ނުވަތަ އެފަދަ ގަރާރެއް ނިކުމެގެންދާނީ އދ. މަޖިލީހުގެ ތަޅުމުގައި ކަމުގައި އަޅުގަޑު ނިންމައިފީމެވެ.
މިހިސާބުން އުފެދޭ އެތަކެއް ސުވާލު އެބަހުއްޓެވެ. ޚާރިޖީ ވަޒީރަކީ ކުރީގެ ސަރުކާރުގެ ޚާރިޖީ އޮފީހާއި، ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން ދާއިރާގައި މަސައްކަތްޕުޅު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިންޓަރނެޝަނަލް ރިލޭޝަންސް ވަރަށް ރަނގަޅަށް ކިޔަވާ ވިދާޅުވެގެން ހުންނެވި ބޭފުޅެކެވެ. ޒުވާން ނިއުމޯލްޑިވްސް ގްރޫޕުގެ އެއް ޑޮކްޓަރެވެ. އިގިރޭސި ވިލާތުގެ ޕަބްލިކް ރިލޭޝަންސް ކުންފުނި ހިލް އެންޑް ނޯލްޓަން އާއެކު މަސައްކަތްކުރެއްވި އިސްބޭފުޅުންގެ ތެރެއިން އެއްބޭފުޅާއެވެ. ޑިމޮކްރެޓިކް ބަދަލު އަޔަ ނުދިނުމަށް އޭރުގެ ގަޑުވަރު ތެރެއިން ހިންގި އޮޕްރޭޝަންގެ އިސްރޯލެއް އަދާކުރައްވަމުން ގެންދެވީވެސް ހަމަ އެމަނިކުފާނެވެ. ފުލުހުންގެ ތަހްގީގުގެ އިގިލި ފުރަތަމަ ދިއްވަނީ އޭނާއާއި ދިމާލަށެވެ. ކަރަޕްޝަނަކީ އަނެއް ދިވެހިރާއްޖެއަށް ދިއުމަށް މިއެދޭ އެދުމަށް ހުރަސްއަޅާ ބައްޔެކެވެ. އަދި އެބަލި ފެތުރުމުގެ މާހިރެއް ކަމުގައިވާ މުސްކުޅި ރައީސް މައުމޫނުގެ އެންމެ ބޮޑު ހަތިޔާރެވެ.
މިހާރުގެ ރައީސް އޮފީހުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީ ވަކި ދާއިރާއަކަށް އަމާޒު ކުރައްވައިގެން ހޯއްދަވަން، މިފަދަ ދަޑިވަޅެއްގައި ޖެހިވަޑައިގަތީ ކޮން ސަބަބަކާ ހުރެކަން އެގޭނީ ސަރުކާރުގެ ލިޔެކިޔުން އާންމުވާ ދުވަހަކުންނެވެ. ފެންނަން އޮތް ކަންކަމަށް އަދި ލިޔެ ކިޔުމަށް ބަލައިފިނަމަ އެގޭ އެއްޗަކީ މި ދަޑިވަޅަކީ ދައުލަތުގެ މާލީ ހާލަތު ވަރަށް ބޮޑަށް ދެރަވެފައިވާ ވަގުތެއްކަމެވެ.
ފުރަތަމަ ފަހަރަށް ރައްޔިތުން ބިރެއްނެތި ވޯޓުދީގެން ދައުލަތް ހިންގުމާއި ހަވާލުވި ސަރުކާރަކީ ވަތަން އެދޭ އިއްތިހާދުގެ ސަރުކާރެކެވެ. މި އިއްތިހާދުގެ އެއް ބައިވެރިއަކީ އޭރުގެ އިންޑިޕެންޑެންޓް ކެންޑިޑޭޓް ނިއުމޯލްޑިވްސް ގްރޫޕުގެ ޑރ. ހަސަން ސައީދު އާއި އޭނާގެ ދެ ޕާޓްނަރުން ކަމުގައިވާ ޑރ. ޖަމީލް އަދި ޑރ. އަހުމަދު ޝަހީދު (މިހާރުގެ ފޮރިން މިނިސްޓަރ) އެވެ. ޑރ. ހަސަން ސައީދުގެ ސިޓީފުޅުގައި ވިދާޅުވެފައިވާ އަންކޮންޑިޝަނަލް ސަޕޯޓް ނުވަތަ އެއްވެސް ޝަރުތަކާނުލާ ދެއްވި އެއްބައިވަންތަކަން ހަދުމަފުޅުވޭތޯއެވެ؟ ނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަބުރު ނިމުމާއެކުހެން މިޔުޒިކް ބަދަލުވާން ފެށިކަން އެގެއެވެ. އާ ކެބިނެޓުގެ މަގާމުތައް ފުރާލުމަށް ބޭނުންވެވަޑައިގެން ބޭފުޅުންތަކެއް އުޅުއްވަން ފެއްޓެވިއެވެ. އެންމެފަހުން އައިސް އާ ރައްޔިތުންގެ މަޖިލީހެއްގެ އިންތިޚާބަށް ކުރިމަތިވި ހިދު އިއްތިހާދު މިއޮތީ ކެމީލިއަނެއްގެ ސިފަޖެހި ސެލްވެޑޯރ ޑާލީގެ ކުރެހުމަކަށް ބަދަލުވެފައެވެ. ރައްޔިތުން ވޯޓުދިނީ އެމްޑީޕީ އިއްތިހާދުގެ މެނިފެސްޓޯ ހިންގުމަށް އެދި ގަބޫލުވެގެންނެވެ.
ކޮންމެއަކަސް އެމްޑީޕީ އިއްތިހާދުގެ ތެރޭގައި ވަރަށް އިސް ރޯލެއްގެ ޒިންމާ އެޅިފައިވަނީ ޑރ. ޝަހީދުގެ ކޮޑުފުޅުގައެވެ. ރާއްޖެ ތަމްސީލުކުރުމަށް ޚާރިޖީ ޕޮލިސީ ތަންފީޒުކުރެއްވުމަށް އޭނާ ހުންނެވީތީއެވެ. އެއްސުވާލަކީ، ޕޮލިސް ސަރވިސްއަށް މި ތަހްގީގު ވަކިފަރާތަކަށް ނުޖެހި ގެންދެވޭނެތޯއެވެ؟
މިހެން މިސުވާލު އުފެދެނީ 11 ނޮވެމްބަރު 2008 ގައި ސަރުކާރާއި ހަވާލުވި އެމްޑީޕީ ގެ މެމްބަރުންނަކީ، އެ ތާރީޚުގެ ކުރީގައި އޭރުގެ ސަރުކާރުގެ ރައީސް އަދި ސިފައިންގެ އެންމެ އިސްވެރިޔާގެ އޯޑަރަށް ފަހާދުވި މެމްބަރުންނެވެ. ފުލުހުންނާއި ބެހޭގޮތުން މިހާތަނަށް އާންމުކޮށްފައިވާ ރިޕޯޓުތަކުން ދޭހަވާގޮތުގައި ފުލުހުންގެ އިތުބާރު ރައްޔިތުންގެ މެދުގައި އުފެއްދުމަށް އަޅަންޖެހޭ އެތަކެއް ފިޔަވަޅު އެބަހުއްޓެވެ.
ދިވެހިރާއްޖޭގައި ނުކުންނަ ބައެއް ދުވަހު ނޫސްތަކުގައި، ކޮސޯޥޯގެ މިނިވަންކަން ގަބޫލު ކުރުމަށްޓަކައި ދިވެހި ސަރުކާރުގެ ބައެއް އިސްވެރިން ދެ މިލިއަން ޑޮލަރުގެ ރިޝްވަތެއް ނަގާފައިވާ ކަމަށް ބުނެ ލިޔަމުންދާތީ، މި ވާހަކައިގައި އެއްވެސް ޙަޤީޤަތެއްވޭތޯއާއި، ކޮސޯވޯގެ މިނިވަންކަން ދިވެހިރާއްޖެއިން ގަބޫލުކުރުމަށް އެއްވެސް ފަރާތަކުން ރިޝްވަތެއް ހިފާފައިވޭތޯއާއި، އަދި އެއްވެސް ފަރާތަކުން ކޮރަޕްޝަނަށް މަގުފަހިވާފަދަ ޢަމަލެއް ކޮށްފައިވޭތޯއާއި، މިއިން އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ކޮށްފައިވާނަމަ އެމައްސަލައެއް ތަޙުޤީޤު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެންގެވީ5 މާޗް 2009 ވީ ބުރާސްފަތި ދުވަހުއެވެ. (ނިމުނީ)