އިގްތިސާދު ބިނާ ކުރުމުގައި ސަރުކާރާއި ރައްޔިތުން ބައިވެރިވުން

(ޚަބަރު ސިޓީ ވޮލިއުމް 01 ނަމްބަރު 08 އާއި ގުޅޭ)
ކުރީގެ މަޒުމޫނުގައި އަޅުގަޑު ފާހަގަ ކޮށްފައިވާ ފަދައިން ދިވެހި ގައުމުގައި އިގްތިސާދީ ހުސްކަން އެއީ އެއްވެސް އޮޅުމެއް ނެތް ގޮތުގައި އޮތް ކަމެކެވެ. އަޅުގަޑުމެންގެ ގައުމަށް ދިމާވެފައިވާ ކިތަންމެ ކަމެއް އެބައޮތެވެ. ފާހަގަ ކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ގައުމުގެ އިގްތިސާދީ ބިންގާ އެޅުމުގައި ކަންކުރަންވީ ގޮތް މިއޮތީ ރަގަޅު ހަމައަކަށް ނުފެއްތިއެވެ. ޝައްކުކުރެވޭ ގޮތުން ނަމަ އެތަކެއް ބައެއްގެ އެތަކެއް ނުފޫޒުގެ ސަބަބުންނެވެ. އަޅުގަޑުގެ ހަދާން ބަލި ނޫންކަމުގައި ވަނީނަމަ ދިވެހި ޖުމްހޫރިއްޔާގެ ދެވަނަ ރައީސް ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު މަސައްކަތް ފެއްޓެވީ ހަރުދަނާ އިގްތިސާދީ ބިންގަލެއް އަޅުއްވާށެވެ.
ނާސިރު ޚިޔާރު ކުރެއްވި މޮޑެލެއް ކަމަށް އަޅުގަޑު ލަފާކުރަނީ ސިންގަޕޫރު މޮޑެލް އެވެ. ނަމަވެސް ރާއްޖޭގެ ވެރިކަން ދޫކޮށްލެއްވުމަށް ފަހު ނާސިރު ރާއްޖެ ދޫކުރައްވާ ސިންގަޕޫރަށް ހިޖްރަ ކުރެއްވުމާއި ވިދިގެން އެމަޝްރޫއު އެގޮތަށް ހިންގާން ނޭގުނު ކަމަށް އަޅުގަޑު ގަބޫލު ކުރަމެވެ. ބުއްދީގެ ހަމަތަކަށް ބެލިއަސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ގައުމުގައި ގުދުރަތީ ވަސީލަތް މަދު ކަމުގައި ވަނީނަމަ ގައުމަށް ފައިދާ ލިބޭނޭ އިގްތިސާދީ މަގުތައް ހުޅުވާލުމެވެ. މިގޮތުން ނާސިރުގެ ވެރިކަމުގެ ފަހުކޮޅު އޭނާ ދިވެހިރާއްޖޭގެ ވިޔަފާރި ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލެއްވީއެވެ. އެފަދަ ހުޅުވާލުމަކަށް އިޖާބަ ދިނީ އޭރު ދިވެހި ގައުމުގެ ފެންވަރުން އެފެންވަރުގެ އިންވެސްޓަރުންނެވެ. އެއީ އެކަން ތަބީއީ ގޮތުންވެސް އޮންނާނެ ގޮތް ކަމަށް ގަބޫލު ކުރަން ޖެހެއެވެ. ގަބޫލު ކުރައްވާށެވެ، އެދުވަސްވަރު ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރި ވެރިންނަށް ޓޫއިންވަން ރެޑިޔޯ އާއި ކެސެޓް ޖެހޭ ވައްތަރުގެ 10 ވަރަކަށް ސެޓަށްވުރެ ގިނަކޮށް އެބާވަތަކުން ނުގެނެވެއެވެ. ސަބަބަކީ އިމްޕޯޓް ކުރެވޭ ވަރުގެ ވިޔަފާރިވެރިން މަދުކަމާއި އިމްޕޯރޓް ކުރަންޖެހޭ ބާވަތްތައް ގިނަކަމާއި އެވަރުގެ ކެޕިޓަލް އެމީހުންގެ އަތުގައި ނުހުރުމެވެ.
ކޮންމެއަކަސް މިހުޅުވާލި ހުޅުވާލުމަށް އިޖާބަދީ ރާއްޖެއައީ އިންޑިޔާގެ ވިޔަފާރިވެރިންނެވެ. އެވިޔަފާރިވެރިންނާ އެކު ރާއްޖެއަށް ތަނަވަސް ކަމާއި ބަޒާރުގެ ހުސްކަން ފަޅުފިލުވާލަ ދިނެވެ. ހަމައެއާއި އެކު އިންޑިޔާގެ ކަސްޓަމަރުން އެމުދާ އިންޑިޔާއަށް ގެންދިޔުމަށް ރާއްޖެ ދަތުރު ކުރަން ފެށިއެވެ. ރާއްޖޭގެ ވިޔަފާރިވެރިން މިކަމާމެދު ހިތް ހަމައެއް ނުޖެހުނެވެ. ނަތީޖާއަކަށްވީ އަލަށް އައި ސަރުކާރުން އިންޑިޔާގެ ވިޔަފާރިވެރިންގެ ބޮލުގައި ކޮންމެވެސް ބަދުނާމެއް އަޅުވައި އެ ވިޔަފާރިވެރިން ބޭރުކުރަން ފެށުމެވެ. އިސާހިތަކު އެމީހުން ބޭރުކޮށް ނިމިއްޖެއެވެ. ގައުމުގެ އިގްތިސާދަށް އެހުޅުވުނު މަގު ބަންދުވެ އޭގެން ލިބެންވީ ދިގު މުއްދަތުގެ މަންފާ ނުލިބުނީއެވެ. އަޅުގަޑު ކެރިހުރެގެން ވަކާލަތު ކުރާނީ އެވިޔަފާރިވެރިން ބޭތިއްބި ނަމަ ގައުމަށް ލިބޭނެ ފައިދާ ބޮޑުވީސް ކަމެވެ. އެއީ ބޭރު އިންވެސްޓަރުންނަށް ރާއްޖޭގެ ވިޔަފާރި ހުޅުވާލެވި އެކަން ފަށައިގަތުމުގައި ގައުމުގެ އިތުބާރު އުފެއްދުމަށް ވެސް ބޭނުންކުރެވޭނެ ވަސީލަތަކަށް އެކަން ވާތީއެވެ. ވިޔަފާރީގެ ތާރީޚްގައި ސިންގްޕޫރާއި ދުބާއީވެސް ދަތުރުކޮށްފައިވާ މަރުހަލާ ތަކަކީ މިއީ ކަމަށް އަޅުގަޑަށް ދެކެވޭތީއެވެ.
ދިވެހިޖުމްހޫރިއްޔާ މިހާރު މިއޮތީ އަނެއްކާވެސް އިގްތިސާދުގެ އާ ސަފްހާތަކެއް ހުޅުވަން ޖެހިފައެވެ. މިކަމަށް އަޅުގަޑުމެންގެ ވިޔަފާރިވެރިން ނާއި ސިޔާސީ މުފައްކިރުންގެ ވިސްނުން އެއްހަމައެއްގައި ގެންގުޅެން ޖެހެއެވެ. ހަމައެފަދައިން ސަރުކާރުގެ ވިސްނުމާއި ރޭވުންތެރިކަމާއި ކެރުންތެރި ކަން ބޭނުންވެއެވެ. އިގްތިސާދީ މިނިވަންކަމަށް ގައުމުގެ ދޮރު ހުޅުވާލާއިރު ކުރާން އުޅޭކަން ރަގަޅަށް އެގި އިގްތިސާދީ ކަންތައްތައް ރަގަޅަށް ބެލެހެއްޓޭނެ ގޮތްތައް ހަމަ ޖައްސަން ޖެހެއެވެ. އިގްތިސާދަށް ވާނުވާ ބެލެހެއްޓޭނޭ ގާބިލްކަން ގާއިމުކުރަން ޖެހެއެވެ. ދުވަހުން ދުވަހަށް ވާނުވާ ބެލެހެއްޓޭނޭ މެކޭނިޒަމް ގާއިމުކޮށް ބެލެހެއްޓެން ޖެހެއެވެ.
ދުނިޔެ މިހާރު ތަހައްމަލު ކުރަންޖެހިފައި މިވަނީ ފުން އިގްތިސާދީ އަޑިގަޑަކާއެވެ. އެހެން ކަމުން އަޅުގަޑުމެންގެ އިގްތިސާދަށް އަސަރު ނުކޮށެއް ނުދާނެއެވެ. ވީމާ އަޅުގަޑުމެން އަޅާންޖެހޭ ފިޔަވަޅުތައް ކުރިއަށް ޖެހެން ޖެހެއެވެ. ނިދިން ހޭލާ ގައުމުގެ އިގްތިސާދު މިހާރު އޮތްވަރުގައި ދެމެހެއްޓުމަށާއި އިތުރަށް ތަރައްގީ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ލަސްފަސް ނުކޮށް އަޅަން ޖެހެއެވެ. އެއަށްވުރެ ވަކީން ބޮޑުކަމެއް މިހާރު އޮތް ކަމަކަށް ނުފެނެއެވެ. މިކަމުގައި އެއްގޮތަކަށްވެސް ހާސްވެ ތެޅިފޮޅިގަންނާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި އަވަސްވެ ގަންނާންވީ އިގްތިސާދީ ރޭވުންތައް ހަރުދަނާކޮށް ގައުމީ އިގްތިސާދު ހަރުދަނާ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ފެއްޓުމަށެވެ. އަދި އިގްތިސާދު ހަރުދަނާ ކުރުމަށް ރައްޔިތުންނަށް ހިއްސާ ކުރެވޭނެ މަގުތައް ހުޅުވައިދީ ލުއިކޮށް ކަންކަން ކުރެވޭނެ މަގު ތަނަވަސް ކޮށްދޭށެވެ. އަޅުގަޑުމެންގެ އަވަށްޓެރި އިންޑިޔާގެ އިގްތިސާދު ހުޅުވާލުމަށް ބޮޑުވަޒީރު ނަރަސިމްހާ ރާއޮ މަސައްކަތް ފައްޓަވައިގަތުމުން އެކަމުގެ ހިތްހަމަ ނުޖެހުން ބޮޑުވެގެން ދިޔައެވެ. ނަމަވެސް އޭގެ މީރު މޭވާ މިއަދު އިންޑިޔާގެ ރައްޔިތުން ބޭނުން ކުރަމުން ގެންދަނީއެވެ.
އެމީހެއްގެ ކަމަކާއި އުޅޭނީ އެމީހެކޭ ބުނާ ހަމައިންނާއި ވަޅުބޮކަށް ނުވެ ތިބޭން ބޭނުންނަމަ އަޅުގަޑުމެންނަކީ ކޮން ބައެއްކަމާއި އަޅުގަޑުމެންގެ ބޭނުންތަކަކީ ކޮބައިކަން ވަޅުން ބޭރަށް ނުކުމެ ބަލައިލަން ޖެހެއެވެ. ދުނިޔެ ތަހައްމަލު ކުރަމުން މިދާ އިގްތިސާދީ ވަޅުގަޑު އޮތްކަމާއި އެންމެ ގާތުން އަވަށްޓެރި އިންޑިޔާގެ އިގްތިސާދުވެސް މަޑުޖެހިފައި އޮތްކަމާއި އަދި އަޅުގަޑުމެން އެންމެބޮޑަށް ވިޔަފާރި ހިންގަނީ ޔޫރަޕް ކަމަށް ވާއިރު ޔޫރަޕްގެ އިގްތިސާދަށް ވަމުންދާ ގޮތް ވަރަށްގާތުން ބަލަން ޖެހެއެވެ. މިއީ މިއަދުގެ ހަގީގަތް އޮތް ހާލުކަމުގައި ދެކި އަޅުގަޑުމެންގެ ރާއްޖެއަށް އިންވެސްޓްމަންޓްތައް ގެނައުމާއި ތަނަވަސްކަން ދެމެހެއްޓުމާއި އިގްތިސާދު ކުރިއަށް ގެންދިއުމަށް އަޅުގަޑުމެން އިސްނަގައިގެން ކުރިއަށް ދިޔުން ކަމުގައި ގަބޫލުކޮށް އެކަން އެމަގުން ހިންގަން ޖެހެއެވެ.
މިމައުޟޫއުގައި އަޅުގަޑު އަލިއަޅުވާލަން ބޭނުން އަނެއް ކަމަކީ އިގްތިސާދު ކުރުމުގެ މައްޗަށެވެ. އަޅުގަޑު ގަބޫލު ކުރަނީ އިގްތިސާދު ފެށެނީ ތިމާގެ އަމިއްލަ ގެއާއި ހިސާބުން ކަމަށެވެ. ރަގަޅު ގޮތެއްގައި ދިރިއުޅޭ އާއިލާއަކީ ލިބޭ އެއްޗަކުން ފުއްދައިގެން ރީތި ދިރިއުޅުމެއް އުޅޭ އާއިލާއެކެވެ. މިގޮތުން ބަލާއިރު އެތަކެއް އާއިލާ ދިރިއުޅޭ ރަށެއްގެ އިގްތިސާދީ ހަމަޖެހުމަށް ވާނީ އެރަށުގެ މީހުންނަށް ލިބޭ އެއްޗަކުން ފުއްދައިގެން ރިވެތި ދިރިއުޅުމެއް އުޅުމެވެ. މިބައިތައް ގިނަވެ އެތަކެއް ރަށެއް އެއްކޮށްލުމުން އަތޮޅަކަށް ކިޔާ އެތަކެއް އަތޮޅު އެކުވުމުން ރަށްތަކަކުން އެކުލެވޭ ދިވެހި ގައުމަށް މިވަނީ ވެފައެވެ. ގައުމީ އިގްތިސާދަކީ ރައްޔިތުންގެ އިގްތިސާދެވެ. ސަރުކާރުގެ ބަޖެޓަކީ ރައްޔިތުންގެ ބަޖެޓެވެ، ފައިސާއެވެ. ބަޖެޓަކަށްވަނީ ވަކި ކަންތައްތަކެއް ކުރުމަށްޓަކައި އެކަންކަން ހާސިލް ކުރުމަށް ހޭދަކުރުމަށް އެކަމެއް ފުއްދޭނެ އަދަދުތަކެއް ކަޑައެޅުމާއި، ގައުމުގެ ރައްޔިތުން ތަމްސީލުކުރާ މުއައްސަސާއިން އެކަން ގަބޫލު ކުރުމުން ކަޑައެޅޭ ފައިސާގެ އަދަދު ތަކެކެވެ.
އެހެންވީމާ ބަލައިލަން ޖެހޭ ކަމަކީ ގައުމެއްގެ ހައިސިއްޔަތުން ވެސް ލިބޭ އެއްޗެއްކަން ހަމަޖެއްސުމަކީ އެންމެހާ ރައްޔިތުން ގަބޫލު ކުރަން ޖެހޭ ހަގީގަތެއް ކަމެވެ. ތިމާމެންނަށް ލިބޭ އެއްޗަކަށްވުރެ ގިނައިން ހޭދަ ކުރެވޭނެ ގޮތްތަކަކީ ކަންކަން ކުރަން އެހީ ހޯދުން، ނޫނީ ކޮންމެވެސް ނުސީދާ ގޮތަކުން ފައިސާ ހޯދުމެވެ. މިރާއްޖޭގެ ވެރިކަން 1978 އާއި ހަމައަށް އައި އިރު ރާއްޖެއަކީ މިހިސާބު ގަޑަށް ބަލައިލިއަސް އަގުހުރި ރައްޔިތެއް އުޅޭ ގައުމެއްކަން ފާހަގަ ކުރެވެއެވެ. ނާސިރުގެ ދައުރު ނިމުނު އިރު ރާއްޖެއަކީ 95 ޕަސަންޓް ކޮރަޕްޝަން ފްރީ ގައުމެކެވެ. އެކަމުން ދިވެހިންނަކީ ފިސާރި އަގުހުރި ހަރުދަނާ ބައެއްކަމުގައި އަވަށްޓެރި ގައުމުތަކުގެ މީހުން ގަބޫލުކުރެއެވެ. އެ ގަދަރުވެސް ދިވެހިންނަށް ލިބެއެވެ.
ގައުމުގެ އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައި މަސައްކަތްކުރާ އުމުރު ފުރާވަރުގެ ދެޖިންސުގެ މީހުން މަސައްކަތް ކޮށްގެން ގައުމަށް ތަނަވަސްކަން ގެނެސްދިނުން މުހިންމެވެ. އިގްތިސާދު ވަރުގަދަ ކުރުމަށްޓަކައި މަސްވެރިކަމާއި، ދަޑުވެރިކަމާއި، ޓުއަރިޒަމާއި، އުފެއްދުންތެރި ކަމުގެ އެހެނިހެން ކަންތައްތައް ހިންގުން ބޭނުމެވެ. އަދި ހަމަ ކިރިޔާވެސް ގައުމުގައި ހިފެހެއްޓެން ހުރި އެއްވެސް އާމްދަނީއެއް ގައުމުން ބޭރުވެގެން ނުދާނެ އެންމެހާ ކަންކަމާމެދު ވިސްނާ ލަދުވެތިކަމެއް ބޮޑާކަމެއް ނެތި މަސައްކަތް ކުރަން ޖެހެއެވެ. މަސްވެރިކަމާއި ދަޑުވެރި ކަމަކީ މިރޮގުން ވަރަށް ބޭނުންތެރި ދެކަމެވެ. ދަޑުވެރިކަމުގެ ޒަމާނީ ޓެކްނޮލޮޖީ ހޯދައިގެން ޚާއްސަކޮށް ކެއުމުގެ ބޭނުމަށް އުފައްދަން ޖެހޭ ތަކެތި އުފެއްދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. މަސްވެރި ކަމާއި މަހުގެ ބާވަތްތަކުން އުފައްދާ ބާވަތްތަކަކީ އިގްތިސާދުގެ ފައިދާއަށް ކުރަން ޖެހޭ ކަމެއް ވެސް މެއެވެ. މިހާރަކަށް އައިސް މަސްމިރުސް ފަދަ ބާވަތްތައް ރާއްޖޭގެ ވިޔަފާރިވެރިން އުފައްދާފައި ހުންނަތަން ފެނުމަކީ އަޅުގަޑުމެންނަށް ލިބޭ އުފަލަކާ އަދި ގައުމުގެ އިގްތިސާދަށް ކޮށްދެވޭ ބޮޑު ހިއްސާއެކެވެ. (ނިމުނީ)