ސިވިލް ސާވިސްގެ ވިއުގަގެ ތެރޭގައި ފައިދިގުމަކުނު ފަދައިން ‘ފޮށިލައިގެން’ ތިބި ޑީއާރޕީ މީހުން

އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ވެދެއްވުމަށް ކުރައްވާފައިވާ ވައުދުތަކުގެ އެންމެ ބޮޑު ހުރަހަކަށް މިއަދު ވެފައިވަނީ ވެރިކަން ބަދަލުވިއިރު ރާއްޖޭގެ ބައިތުލްމާލު ހުސްވެފައިއޮތުމާއި ރާއްޖޭގެ ސިވިލްސާވިސްގެ ހޭލުންތެރިކަން ކުޑަވުމެވެ. އެތައް ޒަމާންތަކެއް ވަންދެން ރައްޔިތުން އެދެމުން ދިޔަ ބަދަލުތަކެއްގެ ބިންގާ މިހާރު އޮތް ސަރުކާރުން އަޅައިދީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް އެ ސަރުކާރުން ރެއާދުވާލު މަސައްކަތް ކުރާއިރު އެކަންކަން ވިޔަ ނުދިނުމަށް ފޫގަޅާ ނުކުމެ ތިބި އެއްބަޔަކީ ސިވިލް ސާވިސްގެ ޕާމަނަންޓް ސެކްރެޓަރީންނެވެ.

ސަރުކާރުގެ ކޮންމެ މިނިސްޓްރީއެއްގެ ސިވިލް ސާވަންޓުންގެ އިސް މީހަކަށް ހުންނަނީ ޕާމަނަންޓް ސެކްރެޓަރީއެކެވެ. އެމީހުންނަކީ އެއިރެއްގައި އޮންނަ ސަރުކާރަކުން އަންގާ ގޮތެއްގެ މަތިން އެ ސަރުކާރަކުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުރިހަމަ ކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ސިވިލް ސާވިސްގެ މުއައްޒަފުން ލައްވާ ކުރުވުމުގެ މަސްއޫލިއްޔަތު އުފުލާ ބައެކެވެ. އެހެންނަމަވެސް މިދެންނެވި ޕާމަނަންޓް ސެކްރެޓަރީންގެ ތެރެއިން ގިނަ މީހުންނަކީ އެކަން ކުރާ ބައެއް ނޫނެވެ. މިއީ އިއްތިފާގެއް ނޫނެވެ. މިއީ މުސްކުޅި ރައީސް މައުމޫނުގެ ‘ޕްލޭން ބީ’ ކަމުގައި ބެލެވެއެވެ.

ސިވިލްސާވިސް ގާނޫނު ރާއްޖޭގައި ފާސްވެ ޕާމަނަންޓް ސެކްރެޓަރީންގެ މަގާމަށް ނަންހުށަހެޅުމަށް ސިވިލް ސާވިސް ކޮމިޝަނުން އިއުލާން ކުރިއެވެ. އެއާއެކު މައުމޫނު ސަރުކާރުގެ ކޮންމެ މިނިސްޓަރަކު އެމީހެއްގެ އޮފީހުން އެ މަގާމަށް ކުރިމަތިލާނެ މީހަކު ކަނޑައަޅާ ސިޓީ ފޮނުއްވުމަށް އެފަރާތަކަށް އެންގިއެވެ. އަދި އެ ކަނޑައެޅި މީހެއްގެ އިތުރުން އެ އޮފީހަކުން އެހެން މީހަކު ސިޓީ ނުލުމަށްވެސް އެންގިއެވެ.

މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ ޑީއާރޕީގެ އެކްޓިވިސްޓް ވިންގަކަށް ސިވިލް ސާވިސް ހަދައިގެން އުޅޭ ތަނެވެ. އެކްޓިވިސްޓުންގެ ލީޑަރުންނަށް މިފެންނަނީ ޕާމަނަންޓް ސެކްރެޓަރީންނެވެ. އެމީހުންގެ މަސައްކަތަކީ ސަރުކާރާ ރައްޔިތުންނާ ޖެއްސުމެވެ. އަދި އެމީހުންގެ އޮފީހުގައި އެމްޑީޕީގެ ސަޕޯޓަރެއް ހުރިނަމަ ނުވަތަ މައުމޫނުގެ ސަރުކާރަށް ފާޑުކިޔާ މީހެއް ހުރިނަމަ އެމީހަކު ބާކީ ކޮށްލުމެވެ. އަދި ޑީއާރޕީއަށް ސަޕޯޓު ކުރާ މީހުންނަށް މަގާމުގެ ކުރިއެރުން ދިނުމެވެ. އޭގެ އިތުރުން ރައްޔިތުން މާޔޫސްވާފަދަ ވާހަކަތައް ފެތުރުމެވެ.

މިކަން މިހެން އޮތުމަކީ ގައުމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. ސަބަބަކީ ހަމައެކަނި ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނުވުން އެކަންޏެއް ނޫނެވެ. ދުނިޔެއަށް އަންނަ ބަދަލާ ފައިހަމަ ނުކުރެވޭ ހޭލުންތެރިކަން ކުޑަ ގިނަ އަދަދެއްގެ ބަޔަކު ސިވިލް ސަރވިސްގައި ތިބުމަކީ ވަރަށް ހިތާމަހުރި ކަމެކެވެ. ހަމަގައިމުވެސް ދެކުނު އޭޝިޔާ ސަރަހައްދުގެ ބައެއް ގައުމުތަކުން ފެންނަފަދަ ވިސްނުމުގެ ގޮތުން ބަނގުރޫޓުވެފައިވާ ބައެއް ރާއްޖޭގައި ތިބުމަކީ މުޅި ދުނިޔެއަށް ދިވެހިގައުމު ހުޅުވިގެން ދާއިރު ދެރަ ކަމެކެވެ. ލަދުވެތި ކަމެކެވެ.
އަޅުގަނޑުމެން ދިވެހި ރައްޔިތުން މިއަދު މިވަނީ ދުނިޔޭގެ ނަމޫނާ ބަޔަކަށް ވެފައެވެ. 30 އަހަރުގެ ވެރިކަމެއް އެއްވެސް ލޭ އޮހޮރުވުމަކާ ނުލާ ނިންމާލީތީއެވެ. ދޭދޭ ރަހުމަތްތެރިކަމާ ގާތްކަން ދުރުގައި ބާއްވާފައި މިކަމުގައި ހުރި ފައިދާއާ ގެއްލުމަށް ވިސްނާ މިއީ ކޮންމެ ދިވެހި ދަރިޔަކު ފަޚުރުވެރިވާންޖެހޭ ކަމެކެވެ.

ސިވިލް ސާވިސްގެ ވިއުގައިގެތެރޭގައި ފައިދިގުމަކުނު ފަދައިން ‘ފޮށިލައިގެން’ ތިބި ޑީއާރޕީ މީހުންނާ އެމްޑީޕީގެ އެކްޓިވިސްޓުންނާ އަޅާ ބަލާއިރު އެމްޑީޕީގެ އެކްޓިވިސްޓުންނަކީ ސިޔާސީ ގޮތުން ވިސްނުންތޫނު ބައެކެވެ. ދިވެހި ގައުމުގެ ތަސައްވަރު އެމީހުންނަށް ފެނެއެވެ. އެ ތަސައްވުރަށް މަސައްކަތް ކުރަންވެސް އެމީހުންނަށް އެގެއެވެ. (ނިމުނީ)