ޕާޓީގެ މެމްބަރުންގެ ރޫހު ހުރި ގޮތް ގައުމީ މަޖިލިހުގެ މެމްބަރުންނަށް އެންގުމަކީ މެމްބަރުންގެ މަސްއޫލިއްޔަތެއް

އެމްޑީޕީގެ ފުރަތަމަ އަމާޒު ހާސިލް ކޮށްފިއެވެ. އެއީ ދިވެހީން އުއްމީދުކުރަމުން އައި ޒަމާނީ ޑިމޮކްރެސީއެއްގެ ބިންގާ އަޅައި ހެޔޮވެރިކަމެއް ފަށައިގަތުމެވެ. މިހާރު އޮތީ އެ ބިންގަލުގެ މައްޗަށް ބިނާކުރުމެވެ. މިކަން ކުރުމަށް ބަލާއިރު އަޅުގަނޑުމެން ކަންކުރަމުން އައި ގޮތް މުރާޖާކުރަން ޖެހެއެވެ. އަޅުގަނޑުމެން އަމާޒުކުރި ނަތީޖާއާ ހާސިލުވި އެއްޗަކާ އަޅާބަލަން ޖެހެއެވެ. އަޅުގަނޑުމެން ދާންވީ ހިސާބާއި ހުރި ހިސާބާ ދެމެދުގައިވާ ދުރުމިން މިނެލަންވެސް ޖެހެއެވެ. މިކަންކަން ކުރުމުން އަޅުގަނޑުމެންނަށް ގަބޫލުކުރެވިފައި އޮންނަ ގޮތަށާއި ކަންތައްތައް ކުރަމުން އައި ގޮތަށް ފަހަރެއްގައި ބަދަލު ގެންނަން ޖެހިދާނެއެވެ.

ޑިމޮކްރެޓިކް ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އުފެދި، އޭގެ ގުނަންތަކުގެ މަސައްކަތްތައް ހަރުދަނާވެ ހަރަކާތްތެރިވަމުން ދިޔުމަކީ އެމްޑީޕީގެ ހުރިހާ މެމްބަރުންގެވެސް އެދުމަކަށް ވާނެއެވެ. އެގޮތުން ޒަމާނީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ހަރަކާތްތެރިވަމުން ދިޔުމަށް ޕާޓީގެ މެމްބަރުންގެ ތެރެއިން ޕޮލިޓީޝަނެއްގެ ގޮތުގައި ނުވަތަ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުން މެމްބަރުން ތިބިނަމަ ޕޮލިޓީޝަނެއްގެ ދައުރު ނުވަތަ އެކްޓިވިސްޓެއްގެ ދައުރު އަދާކުރުމަށް ތައްޔާރުވެ އެދައުރު އަދާކުރުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު ލިބިގަނެ، އެ އަމާޒަށް ވާސިލުވުމަށް ކުރަންޖެހޭ ކަންކަން ޕާޓީގެ ތެރޭގައި ކުރަމުން ދިޔުމަކީ މުހިންމު ކަމެކެވެ.

އަޅުގަނޑު ދެކޭ ގޮތުގައި، ސިޔާސީ ޕާޓީއެއްގައި 3 ބާވަތެއް މެމްބަރުން އުޅެއެވެ. އެއްބަޔަކީ އެކްޓިވިސްޓުންނެވެ. އަނެއް ބަޔަކީ ޕޮލިޓީޝަނުންނެވެ. އަނެއް ބައި މީހުންނަކީ މި ދެބާވަތުގެ ތެރޭގައި ނުހިމެނޭ އެހެންނަމަވެސް މި ދެބައިމީހުންގެ މަސައްކަތަށް ސަޕޯޓް ކުރާ މީހުންނެވެ.

އެކްޓިވިސްޓުންނާއި ޕޮލިޓީޝަނުންނަކީ ސިޔާސީ ޕާޓީއެއްގެ އަމާޒަށް ދެ ގޮތަކަށް ކަންކުރާ ބައެކެވެ. ނަމަވެސް އެއްބަޔަކު ކުރާ މަސައްކަތުގެ ބޭނުން އަނެއްބަޔަކަށް ނުހަނު ބޮޑުވެއެވެ. އެއްބަޔަކަށް އަނެއް ބައެއްގެ މަދަދު ބޭނުންވާނެއެވެ. މި ދެބައިމީހުންނަށް ލިބިފައިވާ ހުނަރާއި ސިފަތައް ތަފާތެވެ. ބައިވެރިވުމަށް ޝައުގުވެރިވާ ހަރަކާތްތައްވެސް ތަފާތެވެ.

އެކްޓިވިސްޓުންނަކީ ސިޔާސީ ނިންމުންތައް ވަކި ގޮތަކަށް ނިންމުމަށް ސިޔާސީ ހަރަކާތް ހިންގާ ބައެކެވެ. ނުވަތަ ސިޔާސީ ނިންމުންތައް ވަކި ގޮތަކަށް ނިންމިޔަ ނުދިނުމަށް މަސައްކަތް ކުރާ ބައެކެވެ. އެ ނިންމުމަކީ ރައްޔިތުންގެ މަޖިލިހުން ނިންމާ ނިންމުމަކަށްވެސް ވެދާނެއެވެ. ނުވަތަ ސަރުކާރުން ނިންމާ ކަމަކަށްވެސް ވެދާނެއެވެ. ނުވަތަ ކޮންމެވެސް މުސްތަގިއްލު ގުނަނަކުން ނިންމާ ކަމަކަށްވެސް ވެދާނެއެވެ. އެކްޓިވިސްޓުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި އެއްވުމާއި، ހިނގާލުމާއި، ޕެޓިޝަން ހުށަހެޅުމާއި، އިހްތިޖާޖް ކުރުމާއި މުޒާހަރާކުރުން ހިމެނެއެވެ. މިއިން ކޮންމެ ކަމަކީ ވަކި އުސޫލެއްގެ މަތިން، ސުލޫކީ މިންގަނޑެއްގެ ތެރޭގައި ހިންގޭ ކަންކަމެވެ. އެކްޓިވިސްޓުންނަކީ ފުލުހުންގެ ތަޅާފޮޅުމާއި، ޖަލުގައި ހައްޔަރުވުމާއި، ބަޑިބަޑީގެ ވަޒަން އެރުންފަދަ ބިރުތަކާ ކުރިމަތިވާ ބައެކެވެ. ސިޔާސީ މަގާމުތަކުގައި އުޅޭ މީހުންފަދައިން އެކްޓިވިސްޓެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރު މީހުން އުޅެއެވެ.

ޕޮލިޓީޝަނުންނަކީ މަޖިލިހުގެ މެމްބަރުކަން ކުރާ މީހުންނެވެ. ނުވަތަ ސަރުކާރުގެ ވެރިންނަށް ނުވަތަ އިސް ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނެވެ. މި މީހުންގެ މަސައްކަތަކަށް ވާނީ އެމީހުންގެ އިންތިޚާބީ ދާއިރާއަށް ނުވަތަ ރައްޔިތުންނަށް ފައިދާކުރާ ނުވަތަ ބޭނުންވާ ގޮތަށް މަޖިލިހުގެ ނިންމުންތައް ނުވަތަ ސަރުކާރުގެ ސިޔާސަތު އެކަށައެޅުމަށް ވަކާލާތު ކުރުމެވެ. ވީމާ ސިޔާސީ ނިންމުމެއް ނިންމާއިރު، އެ ނިންމުމުގެ ހެވާއި ނުބައި ކުރިއާލާ ވަޒަންކުރުމަކީ ޕޮލިޓީޝަނުންނަށް މަޖުބޫރު ކަމެކެވެ. ސިޔާސީ އެހެން ޕާޓީތަކުގެ މީހުނާ ގުޅޭ މީހަކަށްވެސް ޕޮލިޓީޝަނުން ވާންޖެހޭނެއެވެ. ސަބަބަކީ މަޖިލިހުގައި ވޯޓެއް ކާމިޔާބު ކުރަން ބޭނުންވެއްޖެ ހިނދެއްގައި ސިޔާސީ އެހެން ޕާޓީތަކުގެ މީހުންގެ ވޯޓުވެސް ބޭނުން ވާނެތީއެވެ. ޕޮލިޓީޝަނުންނަކީ ވަގުތަށް ކަމޭހިތާ، މީހުންގެ އިހްސާސްތައް ދެނެގަންނަ، ސާފު ރިކޯޑެއް އޮންނަ، މުޖްތަމައުގެ މީހުން ގަބޫލުކުރާ ސިފަތަކެއް ހުންނަ ބަޔަކަށް ވާންޖެހޭނެއެވެ.

އެމްޑީޕީގައި ހަމައެކަނި އެކްޓިވިސްޓުންގެ ދައުރު އަދާކުރާ މީހުން މަދެވެ. އަދި ހަމައެކަނި ޕޮލިޓީޝަނުންގެ ދައުރު އަދާ ކުރާ މީހުންވެސް މަދެވެ. އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާ ގިނަ މީހުންނަކީ ބައެއްފަހަރު އެކްޓިވިސްޓެއްގެ ދައުރު އަދި ބައެއް ފަހަރު ޕޮލިޓީޝަނެއްގެ ދައުރު އަދާކުރާ މީހުންނެވެ. މިއީ 11 ނޮވެމްބަރ 2008 ގެ ކުރިން އެކަން އޮންނާނެ ގޮތެވެ. އެއިރު ރާއްޖޭގައި އޮތް ޚުދުމުޚްތާރު ވެރިކަން ވައްޓާލަން ނުކުމެ އުޅޭއިރު ޕޮލިޓީޝަނުންނަށް ހަމައެކަނި ޕޮލިޓީޝަނެއްގެ ދައުރު އަދާކޮށްގެން ފަރުޖެއްސޭކަށް ނޯންނާނެއެވެ. މައުމޫނުގެ ޚުދުމުޚްތާރު ވެރިކަން ވައްޓާލެވިފައިވަނީ އެފަދަ ގޮތަކަށް އަޅުގަނޑުމެންގެ މެމްބަރުން ކަންކަން ކުރީމައެވެ. ނަމަވެސް މިއަދު ހާލަތު ބަދަލުވެއްޖެއެވެ. މިހާރު އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ކުރިން ދެންނެވިހެން އަޅުގަނޑުމެން އުފައްދާފައިވާ އޮނިގަނޑުގެ މައްޗަށް ކަންކަން ބިނާކުރުމެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ކަންހިގާގޮތް ބަލައި، ދިރާސާކޮށް އެކަންކަމުގެ ތެރެއިން އަޅުގަނޑުމެންނަށް ފައިދާކުރާ ވިސްނުމެއް އޮވެއްޖެނަމަ އެ ވިސްނުމުގެ މައްޗަށް އަމަލު ކުރަން ފެށުމެވެ.

މިއަދު އެމްޑީޕީގެ މެމްބަރުން އެމީހުންގެ ކުރިމަގު ބައްޓަން ކުރާނެ ގޮތެއް ކަނޑައަޅަން ވެއްޖެއެވެ. ތިމަންނާ ކުރިއަށް ދާނީ ޕޮލިޓީޝަނެއްގެ ގޮތުގައިތޯ ނުވަތަ އެކްޓިވިސްޓެއްގެ ގޮތުގައިތޯ ކަނޑައަޅަންޖެހެއެވެ. އެމްޑީޕީގެ މެމްބަރަކު ޕޮލިޓީޝަނަކަށް ވާން ބޭނުންނަމަ ދާއިރާގެ ރައީސްކަމާއި ނައިބު ރައީސް ކަން ނުވަތަ ގައުމީ މަޖިލިހުގެ މެމްބަރުކަން ކުރުމަކީ މުހިންމު ކަމެކެވެ. ވީމާ އެފަދަ މަގާމުތައް ހޯދުމަށް މެމްބަރުންގެ ތާއިދު ލިބޭނެގޮތަކަށް ޕާޓީއަށް މަސައްކަތް ކުރުމަކީ ބުއްދިވެރިކަމެކެވެ.

އަޅުގަނޑު ދެކޭގޮތުގައި، ސިޔާސީ ގޮތުން ފުރާ ފުރިހަމަ ޕާޓީއަކަށް ވުމަށް އެމްޑީޕީން ކުރަންޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. މިކަންކަމުގައި އިސްނަގަންޖެހޭނީ ޕާޓީގެ މެމްބަރުންނެވެ. ޕާޓީން މިފަދަ ކަންކަން ކުރެވޭނީ ޕާޓީގެ މައި އިންޖީނުކަމުގައިވާ ގައުމީ މަޖިލިހުން އެކަމަށް ގޮވާލުމުންނެވެ. ޕާޓީގެ މެމްބަރުންގެ ރޫހު ހުރި ގޮތް ގައުމީ މަޖިލިހުގެ މެމްބަރުންނަށް އެންގުމަކީ މެމްބަރުންގެ މަސްއޫލިއްޔަތެކެވެ. އަދި މެމްބަރުން ކަންކަމާ ދެތޭރޭ ދެކޭގޮތް އޮޅުން ފިލުވުމަކީ ގައުމީ މަޖިލިހުގެ މެމްބަރުންގެ މަސްއޫލިއްޔަތެއް ވެސް މެއެވެ. (ނިމުނީ)