ކުއްލި ޚަބަރު: އެމްޑީޕީ އިން ކޮރަޕްޝަނާ ދެކޮޅަށް ބާއްވަމުން ދިޔަ ޖަލްސާ އަށް ހަތިޔާރާއެކު ވަދެ ބަޔަކު ހުރަސް އެޅުމާ ގުޅިގެން މާލެތެރޭގައި ހަމަނުޖެހުން ހިނގަމުން އެބަދޭ

15 ޖުލައި 2010

01.00 ކޮރަޕްޝަނުގެ ތުހުމަތުގައި ކުރިން ވެސް ހައްޔަރުކުރި ޔާމީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

14 ޖުލައި 2010

23.55 މިހާރު ފުލުހުން ވަނީ ހަމަ ނުޖެހުން ހިނގަމުންދިޔަ ހުރިހާ ސަރަހައްދެއް ކޮންޓްރޯލްކޮށްފަ

23.45 އެމްޑީޕީ މީޑިއާ ޔުނިޓަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑީއާރުޕީ އޮފީސް ކުރިމަތިން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ރަޝީދުގެ ބޯފަޅާލުމުގެ ސަބަބުން އެމަނިކުފާނަށް މިހާރު އޭޑީކޭ ގައި ދަނީ ފަރުވާ ދެމުން.

23.30 ސަރުކާރަށް ތާޢީދުކުރާ ފަރާތްތައް ތިބި ފަޅިއަށް ފުލުހުން ކަރުނަ ގޭސް ޖަހައިފި. އެސަރަހައްދު ކޮންމެވެސް ވަރަކަށް އަމާން ވަމުން އެބަދޭ އެސަރަހައްދުގައި ހުރި ވެހިކަލްތަކަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ.މިހާރު އިދިކޮޅު މީހުންތިބި ފަޅިއަށް ވެސް ކަރުނަ ގޭސް ޖަހައިފި

23.20 އާޓިފިޝަލް ބީޗަށް ހަތިޔާރާއެކު ވަދެ އިދިކޮޅު ފަރާތްތަކުން ހިންގި ހަމަނުޖެހުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުން ފަރުވާދެމުންދާ ކަމަށް މަޢުލޫމާތު ލިބޭ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް އަދި ވަނީ ކަށަވަރު ނުކުރެވިފަ

23.11 ފުލުހުން މިހާރު ދަނީ ރަޔަޓް ގިޔަރުގައި ޙަރަކާތްތެރިވަމުން. އަދި ފުލުހުން ދަނީ ބާރުގެ ބޭނުންކޮށްގެން މި މުޒާހަރާ ރޫޅާލަން މަސައްކަތްކުރާނޭ ކަމަށް ވިދާޅުވެފަ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިރޭ އާޓިފިޝަލް ބީޗްގައި ބާއްވަމުން ދިޔަ ޖަލްސާ ހިނގަމުންދަނިކޮށް ހަތިޔާރާއެކު ބަޔަކު ވަދެ އެ ޖަލްސާ އަށް ހުރަސް އެޅުމާ ގުޅިގެން މާލެތެރޭގައި ހަމަނުޖެހުން ހިނގަމުން އެބަދެއެވެ.
އެމްޑީޕީގެ ޖަލްސާ ހިނގަމުން ދަނިކޮށް އެތަނަށް ލަކުޑިއާއި ދަގަނޑާއި ތޫނު ހަތިޔާރު ހިފައިގެން ބަޔަކު ވަދެ މާރާމާރީ ހިންގުމާ ގުޅިގެން، އެސަރަހައްދު ދޫކޮށް އެމްޑީޕީގެ ސަޕޯޓަރުން ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ދާދި ފަހުން ހައްޔަރުކުރި ޕީއޭގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ގެކޮޅު ކައިރިއަށް އެއްވެފައެވެ.
އެސަރަހައްދުގައި މިހާރުވެސް އިދިކޮޅު ފަރާތްތަކާއި، ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާ ދެމެދު ގަލާއި ފުޅިފަދަ ތަކެތިން ހަމަލާ ބަދަލުކުރެވެމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ. މިހަމަލާތަކުގައި ބައެއް މީހުން ޒަޚަމްވެ، ހޮސްޕިޓަލަށް ގެންދަމުންދާކަމަށް ވެސް މަޢުލޫމާތު ލިބެމުން އެބަދެއެވެ.
ފުލުހުން ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް މަސައްކަތްކުރަމުން ނުދިޔަ ނަމަވެސް އެބޭފުޅުން ދަނީ ޔާމީން ހިމާޔަތްކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ޔާމީން އުޅުއްވާ ގެކޮޅުގެ ދޮރާށީގެ ދެފަރާތުގައި ފުލުހުންދަނީ ހަރަކާތްތެރި ވަމުންނެވެ.
ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ޔާމީން ހައްޔަރުކުރުމަށް ގޮވަމުން އެބަގެންދެއެވެ.
ފުލުހުންނާއި އާންމުންނަށް އަނިޔާވަމުންދާތީ މިހާރު ފުލުހުން ގެންދަނީ ހަމަނުޖެހުން ހިންގާ ފަރާތްތަކަށް އިންޒާރުދެމުން ކަމަށް މަޢުލޫމާތު ލިބެއެވެ. އެ ސަރަހައްދުގައި 2000 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.