މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭނީ އިލެކްޝަންސް ކޮމިޝަނުން އެކުލަވައިލާފައިވާ ވޯޓްލާ މީހުންގެ ރަޖިސްޓްރީގައި ހިމެނިފައިވާ ފަރާތްތަކަށް އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިިއްޔެ ބޭއްވީ ބައްދަލުވުމަށްފަހު އެމްޑީޕީގެ އިލެކްޝަންސް ކޮމިޓީގެ މުޤައްރިރު އިބްރާހިމް ވަހީދު ވިދާޅުވީ ކޮންމެ ބޭފުޅަކުވެސް ވީ އެންމެ އަވަހަކަށް އެމީހަކަށް ރިޔާސީ އިންތިޚާބުގައި ވޯޓު ލެވޭނެތޯ ބެއްލެވުން މުހިއްމު ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އެކުލަވައިލި ވޯޓު ލާ މީހުންގެ ލިސްޓްގައި ރަޖިސްޓްރީ ވެފައިވާކަން ކަށަވަރު ކުރެވޭނީ އެ ކޮމިޝަނުން އެކުލަވައިލި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރުމުންނެވެ. އަދި އެ ކޮމިޝަނުން މައުލޫމާތު ދެއްވި ގޮތުގައި ވޯޓްލާ މީހުން އެލިސްޓްގައި ނެތްނަމަ އެމީހަކު ވޯޓް ލުމަށް ރަޖިސްޓްރީގައި ހިމެނުމަށް ދެވޭނީ ގިނަވެގެން 10 ދުވަހުގެ މުއްދަތު ކަމަށް ވިދާޅުވިއެވެ. އިބްރާހިމް ވަހީދު ވިދާޅުވީ އަންނަ ރިޔާސީ އިންތިޙާބްގައި ވޯޓް ލުމަށް ރިޖިސްޓްރީ ވެފައި ނެތްނަމަ އެކަން ރަނގަޅު ކުރުމަށް އެންމެ ދިހަ ދުވަހުގެ މުއްދަތެއް ރައްޔިތުންނަށް ދިނުމަކީ ވަރަށް ކުރުމު މުއްދަތެއްކަމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނުގައި ދަންނަވާފައިވާނޭ ކަމަށެވެ.
އެމްޑީޕީ އިލެކްޝަންސް ކޮމިޓީގެ މުޤައްރިރު އިބްރާހިމް ވަހީދު ވިދާޅުވީ މިހާރު އެންމެ މުހިއްމު ކަމެއް ދޭންވި އެއްކަމަކީ އެމްޑީޕީގެ މެންބަރުންނާއި އެމްޑީޕީއަށް ތާއީދު ކުރައްވާ އެންމެހާ ރައްޔިތުން މިއަދުން ފެށިގެން އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ވެފަވޭތޯ ބެއްލެވުމަށް 1414 އަށް އެސްއެމްއެސް ކުރައްވާ ވޯޓްލާ މީހުންގެ ރަޖިސްޓްރީގައި ނަން ހިމެނިފައިވޭތޯ ބެއްލެވުން ކަމަށެވެ. އަދި އެ ލިސްޓްގައި ނަން ހިމެނިފައިވޭތޯ އެސްއެމްއެސް މެދުވެރިކޮށް ބެއްލެވުމަށް “ވީއައިއެސް ޖެއްސެވުމަށްފަހު އައިޑީ ކާޑް ނަމްބަރު ޖައްސަވައި 1414 އަށް މެސެޖް ކުރެއްވުމަށެވެ.”
vis (space) id number
send to 1414
އިލެކްޝަންސް ކޮމިޝަނުން އެކުލަވައިލި ވޯޓްލާ މީހުންގެ ރަޖިސްޓްރީގައި ނަން ހިމެނިފައި ނެތްނަމަ ނުވަތަ ވޯޓްލާމީހުންގެ ރަޖިސްޓްރީގައި ހިމެނިފައި އޮތް މައުލޫމާތު ޞައްޙަ ނޫންކަމަށް ވާނަމަ ވީ އެންމެ އަވަހަކަށް އިލެކްޝަންސް އަށް ޝަކުވާ ފޯމް ހުށަހެޅުއްވުމަށް އެމްޑީޕީ އިލެކްޝަންސް ކޮމިޓީން އެދިވަޑައިގަތެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ފޯމް ހުށަހަޅުއްވާއިރު ފޯމާއެކު އައިޑީ ކާޑުގެ ކޮޕީއެއް ހުށަހެޅަންޖެހޭ ކަމަށްވެސް އިބްރާޙިމް ވަހީދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގައި ޝަކުވާ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފޯމް އެމްޑީޕީގެ ވެބްސައިޓުން އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ޑައުލޯޑް ކުރެވޭނެ އެވެ. މީގެ އިތުރުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 ކުން ހަވީރު 4ކަށް އެމްޑީޕީގެ މައި އޮފީހުންނާއި މާލޭގަ އުސްފަަސްގަނޑުން ހަވީރު 4ކުން ރޭގަޑު 10ކަށް ފޯމް ލިބެންހުންނާނެއެވެ. އަދި ރަށްރަށުގެ ކައުންސިލް އިދާރާއިންވެސް މި ފޯމް ލިބެން ހުންނާނެ ކަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
އެމްޑީޕީގެ އިލެކްޝަންސް ކޮމިޓީގެ މުޤައްރިރު އިބްރާޙިމް ވަޙީދު ވިދާޅުވީ މި ވަގުތު މެމްބަރުންނަށް ސާފު ކޮށްދެއްވަން ބޭނުންފުޅުވާ ދެވަނަ ކަމަކީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލާ މީހުން ރަޖިސްޓްރީ ކުރުމުގެ މަރުހަލާއަކީ ތަފާތު އެހެން މަރުހަލާއެއް ކަމަށެވެ. އަދި އެމަރްޙަލާ ކުރިޔަށް ދާނީ 1 ޖުލައިން ފެށިގެން 7 އޯގަސްޓްއާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ކަމަށެވެ.