ނައިފަރުގަ އެމްޑީޕީގެ ދޭތިން ފަހެތި ކެމްޕެއިން ހަރަކާތް ވަރަށް ފޯރީގައި ކުރިޔަށް

2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ން މިހާރު ކުރަމުންދާ ކެމްޕެއިންގެ ތެރެއިން ދޭތިން ފަހެތި ކެމްޕެއިންގެ ހަރަކާތްތައް ޅ. ނައިފަރުގައި ވަރަށް ފޯރިއާއެކު ކުރިޔަށް ދާކަމަށް ނައިފަރުގެ އެމްޑީޕީ ޓީމުގެ ލީޑަރ އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނައިފަރުގަ ކެމްޕެއިން ކުރިޔަށްދާ ގޮތުގެ މައުލޫމާތު ދެއްވަމުން އަޒީޒު ވިދާޅުވީ އެރަށުގަ މިހާތަނަށް 3 ޖަގަހަ ހުޅުވާ އިތުރު 2 ޖަގަހަ ހުޅުވުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމުގައެވެ. އަދި ނައިފަރުގަ ވައުދާ ހިނގުމުގެ މަސައްކަތް ހަލުވިކަމާއެކު މިހާރުވެސް ކުރިޔަށް ދާކަމުގައި އަޒީޒް ވިދާޅުވިއެވެ.

ނައިފަރުގެ އަންހެނުންގެ ރޫހު އާ ރޫޙަކާއެކީ ކެމްޕެއިންގެ މަސައްކަތައިގެން ހަރަކާތްތެރިވާކަން އަޒީޒް ފާހަގަ ކުރައްވަމުން ވިދާޅުވީ ނައިފަރުގެ އަންހެނުންނަކީ ފިސާރި އަންހެން ކަނބަލުންތަކެއްކަމާ ކެމްޕެއިންއަށްޓަކައި ނެގިފައިވާ އަންހެނުންގެ ޓީމަށްރަށުގެ ދުވަސްވި އަންހެން ވެރިން ވަރަށް ބޮޑަށް އެހީތެރިވާކަމަށެވެ. މީގެ އިތުރުން ނައިފަރުގެ ދޭތިން ފަހެތި ކެމްޕެއިންގައި ހަރަކާތްތެރިވާ ޒުވާނުން އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުންކަމުގައި އަޒީޒް ވިދާޅުވިއެވެ.

މި މަހުގެ 18 ވަނަ ދުވަހު ޅ. އަތޮޅު އޮޅުވެލިފުށީގައި ބޭއްވި އެގްރިވިޔަފާރީ ސިޔާސަތު އިފްތިތާޙްކުރުމުގެ ޙަފްލާގައި ނައިފަރުގެ ކެމްޕެއިން ޓީމުން ބައިވެރިވިކަމަށް އަޒީޒް އިތުރަށް ވިދާޅުވިއެވެ. އަދި އެއަށްފަހު މި ސިޔާސަތާ ގުޅޭ މައުލޫމާތު ނައިފަރުގެ ރައްޔިތުންނާ ހިއްސާކޮށް މި ސިޔާސަތުގެ އަތްމަތީ ފޮތް ބެހުމުގެ ހަރަކާތް ކުރިޔަށް ގެންގޮސްފައިވާކަމަށް އަޒީޒް ވިދާޅުވިއެވެ.