އެމްޑީޕީއަށް ނިސްބަތްވާ މީހުން ހައްޔަރުކޮށް ދައުވާ ކުރަމުންދަނީ ދެހާސް ބާރަވަނަ އަހަރު ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހާއި އަށްވަނަ ދުވަހު އެމްޑީޕީ މީހުންނަށް ލާއިންސާނީ އަނިޔާކުރި ފަރާތްތަކާއި އަދި އެމްޑީޕީ އާ އިދިކޮޅު ސިޔާސީ ވާދަވެރި ބައެއްގެ ހެކިބަހުގެ މައްޗަށްކަމަށް އެމްޑީޕީ ޤާނޫނީ ވަކީލުގެ ޓީމުން ވިދާޅުވެއްޖެއެވެ.
މިއަދު އެމްޑީޕީ ރަސްމީ އޮފީހުގައި އެމްޑީޕީގެ ޤާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސްޕޯކްސް ޕާސަން އަލްއުސްތާޛް އިމްތިޔާޒް ފަހުމީ ވިދާޅުވީ ދެހާސް ބާރަވަނަ އަހަރު ފެބްރުއަރީ އަށް ވަނަ ދުވަހު ރާއްޖޭގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކުރި އެމްޑީޕީ މެންބަރުންގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން އައްޑޫސީޓީ އާއި ހދ. ކުޅުދުއްފުށި އަދި ށ. މިލަންދޫގައި އަހަރަކަށް ވުރެ ގިނަ ދުވަސް ކުރުމަށްފަހު އަލުން ޝަރީއަތްތައް ފަށައިފި ކަމަށާއި މިހާރު ކުރެވެމުންދާ ޝަރީއަތްތައް ކުރަމުން ދަނީ އެއްވެސް އަސާސެއް އަދި ޤާނޫނީ ހަމަހަމަކަމެއް ނެތް އުޞޫލުތަކެއްގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.
އިމްތިޔާޒް ވިދާޅުވީ މިހާރު ހިނގަމުން މިގެންދާ ޝަރީއަތްތަކަކީ ބޭ އިންސާފު ޝަރީޢަތްތަކެއްކަން ޤަބޫލު ކުރައްވަނީ މި ޝަރީޢަތްތަކަކީ ޤާނޫނު އަސާސީގައި ބުނާ ހަމަހަމަ ކަމުން އެއްކިބައިވެފައިވާ ޝަރީއަތްތަކެއް ކަމަށް ވާތީ ކަމަށެވެ. އަދި އަސްލެއް ހަމަހަމަ ކަމެއް ނެތް ދައުވާތައް މި ހިނދުން މިހިނދަށް ހުއްޓާވާލެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަށާއި ކޯޓްތަކަށް ކުރިން ގޮވާލެއްވި ގޮވާލެއްވުން ތަކުރާރު ކުރެއްވިއެވެ.
އިމްތިޔާޒު ވިދާޅުވީ ކޯނީގެ ރިޕޯޓްގައި ސަލާމަތީ ބާރުތަކަށް ނިސްބަތްވާ ފަރާތްތަކުން އެމްޑީޕީގެ އާއްމު މެންބަރުނަށާއި ޢާއްމު ރައްޔިތުންނަށް ކޮށްފައިވާ ލާއިންސާނީ އަނިޔާތައް ބަލައި، ތަޙްޤީޤްކޮށް ފިޔަވަޅު އެޅުމަށް އެ ރިޕޯޓްގެ ރެކޮމަންޑޭޝަންގައި ހިމަނާފައިވާ ކަމަށާއި އެހެންނަމަވެސް އެކަންކަން ބެލުމަށް ފަސްޖެހި ދޫކޮށްލައިފައި އޭގެ ފަހުން ހިނގާދިޔަ ކަންކަން ޝަރީއަތަށް ހުށަހެޅުމަކީ އެންމެ ކުޑަމިނުން ޤާނޫނު އަސާސީގައި ބަޔާންކުރާ ހަމަހަމަ ކަމުން އެއްކިބާ ވުންކަމަށެވެ.
އިމްތިޔާޒް ވިދާޅުވީ އެމްޑީޕީއަކީ ޓެރެރިޒަމް ހިންގާ އަދި އެބާވަތުގެ އެއްވެސް ޢަމަލަކަށް ތާޢީދު ކުރާނެ ބައެއް ނޫންކަމަށާއި އަދި ޤާނޫނު އަސާސީގައި ބުނާ ހަމަހަމަ ކަމާއި އިންސާފު އެންމެނަށް ލިބިގެންވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
މިއަދު އެމްޑީޕީ އޮފީހުގައި ނޫސް ވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލު ވުމުގައި އެމްޑީޕީ ޤާނޫނީ ޓީމްގެ މެންބަރު އަދި ޤާނޫނީ ވަކީލް އަލްއުސްތާޛް ޢަބްދުﷲ ޙަސީން ވިދާޅުވީ މިހާރު މިކުރެވޭ ދަޢުވާތަކަކީ ޤާނޫނީ ހަމަތަކާއި ޚިލާފަށް ކުރެވޭ ދަޢުވާތަކެއް ކަން ފާހަގަ ކުރެއްވޭ ކަމަށާއި މިދައުވާތަކުގައި ހެކިންގެ ގޮތުގައި ނަގާފައިވަނީ ކަނޑައެޅިގެން އެމްޑީޕީއާ ސިޔާސީ ގޮތުން ދެކޮޅުވެރި ފަރާތްތަކުގެ ބަޔާންތައް ކަމަށެވެ.
ހަސީން ވިދާޅުވީ ހިނގާ ދިޔަ ހަމަނުޖެހުން ތަކުގައި ހައްޔަރުކޮށްފައިވާ މީހުން ހައްޔަރުކޮށްފައި ވަނީވެސް ބަޣާވާތުގައި ބައިވެރިވާ އަދި އެމްޑީޕީއާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ދީފައިވާ ލިސްޓެއްގެ މައްޗަށް ކަމަށާއި އަދި އެފަދަ ސިޔާސީ ފަރާތައް ދެއްކި މީހުން ކަމަށެވެ. ދައުވާ ކުރެވެނީ އެދުވަހުގައި ލާއިންސާނީ އަނިޔާކުރި ފުލުހުންގެ ހެކިބަހުގެ ބަޔާން ތަކަށާއި އަދި ސިޔާސީ ގޮތުން އެމްޑީޕީއާ ދެކޮޅުވެރި ފަރާތްތަކުގެ ހެކިބަހުގެ ބަޔާންތަކުގެ މައްޗަށް ކަމަށްވާތީ ހެކިންގެ ހެކިބަހާއިމެދު ސުވާލު އުފެދޭ އަދި ސުވާލު އުފައްދާނެ ޖާގަ އެބައޮތް ކަމަށެވެ. އަދި ފާހަގަ ކުރެވެނީ ހެކިބަހުގެ ބަޔާންތަކަކީ ޒާތީ ހެކިބަސްތަކެއްކަމަށް ބެލޭނެ ޖާގަވެސް އެބައޮތް ކަމަށެވެ.
ޢަބްދުﷲ ހަސީން ވިދާޅުވީ ހައްޔަރު ކުރި ބައެއް މީހުންނަށް ހައްޔަރު ކުރުމުގެ ތެރޭގައި ވަނީ ލާއިންސާނީ އެތައްކެއް އަނިޔާއެއް ލިބިފައިވާ ކަމަށާއި އަދި ހައްޔަރު ކުރެވުނު ބައެއް މީހުންނަށް ބަންދުގެ މުއްދަތު ޖަހާފައިވާ ފޯނެއް މެދވެރިކޮށް ކަމަށް ގާޒީގެ ކުރިމަށްޗަށްވެސް ބައެއް މީހުން ނުގެންދާ ކަމަށާއި މިކަންކަން ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅުމުން އެއްވެސް ކަމެއް ބާލާފައި ނުވާކަމަށެވެ. އެހެންކަމުން މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ހިސާބުންވެސް ސުވާލު އުފެދޭ ކަންތައްތަކެއް ހިނގާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ހަސީން ވިދާޅުވީ ބައެއް ފުލުހުންނާއި ބައެއް އާއްމު ރައްޔިތުން ޝަރީއަތުގެ މަޖިލިސް ތަކުގައި ބަޔާންދިން ކަމަށް އިންކާރު ކުރަމުން ގެންދާއިރުވެސް އެ ފުލުހުން ދިންކަމަށް ބުނެ ދައުލަތުން ބަޔާން ހުށަހަޅަމުން ދާކަން ފާހަގަ ކުރެވިފައޮވާ ކަމަށެވެ. އަދި އަސްލު ކުއްވެރިޔާ ދެނެގަތުމަށް ފޮރެންސިކް ހެކި ނުވަތަ މީހާ ކުށް ކުރަނިކޮށް ހުންނަ ވީޑިއޯ ފޮޓޯ ނޫނީ އެނޫންވެސް އެބާވަތުގެ ހެކި، އަދި ރަނގަޅަށް ތަހްޤީޤް ހިންގިފައި ނުވާ ޤާނޫނީ ބިންގަލެއްނެތި ހުށަހެޅިފައިވާ ހަމައެއް އުޞޫލެއްނެތް އެތައް މައްސަލައެއް ހުރިކަންވެސް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ބައެއް މީޑިއާގެ ވަޞީލަތްތަކުން 8 ފެބްރުއަރީ ހިނގާ ދިޔަ ހަމަނުޖެހުން ހަމައެކަނި އެމްޑީޕީއާ ދިމާލަށް އަމާޒުކުރުމަކީ ކަނޑައެޅިގެން ސިޔާސީ މަޤްޞަދެއްގައި ކުރަމުންދާ ކަމެއްކަމާއި ސިޔާސީގޮތުން ވަކިބައެއް ބޮލުގައި ވަކިކަމެއް އަޅުވައި ކަމުގެ ހަޤީޤަތް އޮޅުވާލުމަށް ކުރަމުންދާ ކަމެއްކަމަށް ބެލެވޭ ކަމަށެވެ.
ހުޅުޖެހުމަކީ ނުވަތަ ދައުލަތުގެ މުދަލަށް ގެއްލުންދިނުމަކީ އެއްވެސް ބަޔަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އަދި ކުރާބަޔަކަށްވެސް ނުވަތަ ކުރިބަޔަކާއި މެދުވެސް ހަމަހަމަކަމާއި އިންސާފުން ކަންކުރަންވާނެ ކަމަށެވެ. އަދި މިހާރު ކަންކަން ހުރިގޮތުން ކަންކުރި އަސްލުފަރާތްތައް ކުށުން އެކަހެރިވެ އެހެންބަޔަކަށް ނުޙައްޤު އަދަބުތަކެއް ނުވަތަ އަނިޔާތަކެއް ލިބިގެން ހިނގާދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ހަސީން ވިދާޅުވިއެވެ.
ހަސީން ވިދާޅުވީ މިހާރު މިހިނގާ މައްސަލަތައް ދިގުމުއްދަތެއް ވަންދެން ނުބަލާ ބޭއްވުމަށްފަހު މިހާރު މި ދައުވާތައް ކުރިއަށް މި ގެންދެވެނީ އިންތިހާބް ކައިރިވަމުންދާ ވަރަކަށް ކަމަށް ބެލޭނެ ޖާގަ އެބައޮތް ކަމަށެވެ. އަދި މިމައްސަލަތައް ބެލުމަށް މިހާރު ކްރިމިނަލްކޯޓްގެ ޚާއްޞަ ގޮތްޕެއް އައްޑޫ ސިޓީގައި ޤާއިމް ކުރެވެމުންދާ ކަމުގެ މަޢުލޫމާތުވެސް ލިބޭ ކަމަށާއި ޚާއްޞަ ވަފްދުގެ ތެރޭގައި ކްރިމިނަލްކޯޓްގެ އިސްޤާޒީ ޢަބްދުﷲ މުހައްމަދު ވަޑައިގަންނަވާ ކަމަށް ޚަބަރު ލިބިފައިވާ ކަމަށެވެ.
އެމްޑީޕީ ޤާނޫނީ ޓީމްގެ މެންބަރު އަދި ޤާނޫނީ ވަކީލް އަލްއުސްތާޛް މުޙައްމަދު ފަރީދު ވިދާޅުވީ ޝަރީއަތް ހިނގަމުންދާ އިރުވެސް ފާހަގަ ކުރެވޭ ނުރަނގަޅު އެތައް ކަމެއް ކޯޓް އިމާރާތު ތެރެއިންވެސް ފާހަގަ ކުރެއްވޭ ކަމަށެވެ. އަދި އެކަންކަންވެސް ކޯޓްތަކުގެ ފަނޑިޔާރުންގެ ސަމާލުކަމަށްވެސް ގެނެވިފައި އޮންނާނެ ކަމަށެވެ.
ފަރީދު ވިދާޅުވީ ޝަރީއަތުގެ ނިޒާމް ހަމަޖެހިފައި އޮތް ގޮތުން ރެކޯޑް ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައެއް ނެތް ކަމަށާއި ހެއްކަކާ ސުވާލު ކުރުމުން އެމީހުން ކޯޓްގައި ދޭ ޖަވާބުތައް ފަހުން ފެންނަން ނޫނީ ލިބެން ނުހުންނަ ކަމަށާއި ކުރިން ދީފައި ހުންނާ ހެކިބަސްތަކާއި ފަހުން ނަގާ ހެކިބަސްތަކުގެ ތަފާތު ދެނެގަނެވޭނެ ގޮތެއްވެސް ނެތްކަމަށެވެ. އަދި ގިނަ ދުވަސްވުމުން ބައެއް ހެކިން ހަނދާންނެތޭ ވާހަކަ ބުނެފައިވާ އިރު ކުރިން ދީފައިވާ ހެކިބަސް ރެކޯޑް ކުރެވިފައި ނެތުމުން ހެކިންގެ ބަޔާންތަކުގެ މުހިއްމު ބައިތައް ހިމެނިފައި ނުވާފަހަރުވެސް ގޮސްފައި އެބަހުރި ކަމަށެވެ. އެހެންކަމުން ތަނުގެ ނިޒާމް އޮތްގޮތުންވެސް އިންސާފު ވެރިކަމާއެކު މި ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ހުރަހަކަށް ވަމުންދާ ކަމަށެވެ.
ފަރީދު ވިދާޅުވީ ދަތުލަތުގެ ބައެއް މުއައްސަސާތަކުން އިންސާފުވެރި ކަމާއެކު ބައެއް ކަންކަން ބެލެން ނެތްކަމަށް ވިދާޅުވަމުން އެބަ ގެންދަވާ ކަމަށާއި އަދި އެގޮތުން ފުލުހުން ހިންގާފައިވާ އަމަލުތައް ފުލުހުންނަށް ބެލެންނެތްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ކަމުގައި ހުންނެވި ޢަބްދުﷲ ރިޔާޒްވެސް ވަނީ ފާހަގަ ކުރައްވާފައި ކަމަށާއި އެހެން ކަމުން އިންސާފުވެރި ކަމާއެކު ބެލެންނެތް ކަމަށް ވާނަމަ އިންސާފުވެރިކަމާއެކު ނުބެލޭނެ ކަންކަން ދޫކޮށްލުން އެއީ ބުއްދިވެރި ގޮތްކަމަށް ވިދާޅުވިއެވެ.
މިހާރު މިދިމާވާ މައްސަލަތައް ދިމާވަމުން މިދަނީ ހަތެއް ފެބްރުއަރީގެ މައްސަލަތައް ތަޙްޤީޤު ނުކޮށް އެހެން މަސައްލަތައް ބަލަން އުޅުމުން ކަމަށާއި ވަކިބައެއްގެ މައްސަލަތައް، ނޫނީއްޔާ ކުރިން ހިނގާދިޔަ ކަންކަން ނުބަލާ ފަހުން ހިނގާ ކަންކަން ބަލަމުން ދިއުމަކީވެސް އިންސާފު ނުލިބުން ކަމަށެވެ. އަދި މިއީ ވަކިބަޔަކަށް އަނިޔާތަކެއް ދިނުމަށް މުޅި ސިސްޓަމް އެކުލައިވައިލައިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ބެލެވޭ ކަމުގައި ޤާނޫނީ ވަކީލު ފަރީދު ވިދާޅުވިއެވެ.