ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއަކަށް އެ މަޖިލިހުގެ މެމްބަރެއް ހާޒިރުވުމަށް ހުރަހެއް އޮވެގެން ނުވާނެ

1 މާރޗް 2009 ވީ ދުވަހު، ދިވެހިރާއްޖޭގެ ޤާނޫން އަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ދެއްވާ ރިޔާސީ ބަޔާން މަޖިލީހަށް އިއްވައިދެއްވިއެވެ. މި ރިޔާސީ ބަޔާނަކީ އެމްޑީޕީގެ މެންބަރުން ފަޚުރުވެރިވާފަދަ ރިޔާސީ ބަޔާނެކެވެ. ޤައުމުގެ ހާލަތު އެއްވެސް ފޮރުވުމެއްނެތި ރައްޔިތުންނަށް ހާމަކޮށް ދެއްވި ބަޔާނެކެވެ. އުއްމީދީ ބަޔާނެކެވެ. އެއްދުވަކަށްވުރެ އަނެއްދުވަހު ނަތީޖާ ހެޔޮވުން އެއީ ސަރުކާރުގެ އަމާޒުކަމަށް ވިދާޅުވެ ހުށައެޅުއްވި ބަޔާނެކެވެ.
ޤައުމުގެ ހާލު ފޮރުވުމެއްނެތި ޤައުމުގެ ރައީސް ރައްޔިތުންނާ ހިއްސާ ކުރެއްވުން މިއީ ދިވެހިންނަށް ވަރަށް އައު ކަމަކެވެ. ރައްޔިތުން އާދަވެފައިވަނީ އިވާން ނަސީމް އާއި ޖަލުގައި ތިބި ކުށްވެރިންތަކެއް ސެޕްޓެންބަރ 20/19 ގައި މަރާލުމުން، އޭރުގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ރައްޔިތުންނަށް ދެއްވިފަދަ ބަޔާން ތަކަށެވެ. އޭރު އަމަލު ކުރެވުމުން ދިޔަ ޤާނޫން އަސާސީގެ 42 ވަނަ މާއްދާގެ ދަށުން ކުރީ ސަރުކާރުން ކުރިޔަށް އޮތް އަހަރަށް ސަރުކާރުގެ ސިޔާސަތުކަމަށް ވިދާޅުވެ ހުށައަޅުއްވާ ރިޔާސީ ބަޔާން ތަކަށެވެ. އެއްއަހަރާ އަނެއް އަހަރު ބަޔާންތަކަށް ބަލާއިރު 1 އަހަރުގެ ސިޔާސަތާއި އަނެއް އަހަރުގެ ސިޔާސަތާ މާބޮޑު ގުޅުމެއް ނެތް ބަޔާން ތަކަށެވެ.
ކޮންމެއަކަސް ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ 2009 ވަނަ އަހަރަށް މިހުށައެޅުއްވި ރިޔާސީ ބަޔާނުގައިވަނީ އެކި ގޮތްގޮތުން މީޑިޔާގައި ދިރާސާކޮށްފައެވެ. ނަމަވެސް އާންމުންގެ ގިނަ މީހުން ވަނީ މިބަޔާނާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭކަމުގެ ޝުއޫރުތަށް ފާޅުކޮށްފައެވެ.
ރިޔާސީ ބަޔާން ރައީސުލްޖުމްހޫރިއްޔާ އިއްވަވަނީ މަޖިލީހުގެ ޖަލްސާއެއްގައެވެ. މަޖިލީހުގެ މެންބަރުން ބަނދެވެނީ ރާއްޖޭގެ ޤާނުން އަސާސީ އާއި ޤާނޫންތަކަށާއި މަޖިލީހުގެ ޤަވާއިދަށެވެ. ރިޔާސީ ބަޔާން އިއްވާ ޖަލްސާއަކާއި އެހެން ޖަލްސާއެއް މަޖިލީހުގެ މެންބަރުންނަކަށް ތަފާތެއް ނުކުރެވެއެވެ. މަޖިލީހުގެ ޤަވާއިދު، މަޖިލީހުގެ މެންބަރުންގެ މައްޗަށް މަޖިލީހުގެ ޖަލްސާއަކަށް މެންބަރަކަށް ހާޒިރުވެވޭނީ މަޖިލީހުން ދޫކޮށްފައިވާ ފާހެއް އޮވެގެންކަމަކަށް ލާމިޒެއް ނުކުރެއެވެ. އަދި މަޖިލީހުގެ ޤަވާއިދުގެ 83 ވަނަ މާއްދާ ބުނާ ގޮތުން ހައްޔަރެއްގައި ހުރި މެންބަރެއްވިޔަސް މަޖިލީހުގެ ޖަލްސާތަކަށާއި މަޖިލީހުގެ ކޮމެޓީއަށް ހާޒިރުވުމުގެ ހައްޤު ލިބިގެންވެއެވެ. މިހެންކަމަށް ވާއިރު މަޖިލީހުގެ ޖަލްސާއަށް ހާޒިރުވުމަށް ހުރަސް އެޅުމުގެ ބަދަލުގައި ޖަލްސާއަށް ހާޒިރުވުމަށް ފުރުސަތު ހޯދައިދިނުމަށް ދައުލަތުގެ މުއައްސަސާތަކުން މަސައްކަތް ކުރަންވާނެއެވެ. މަޖިލީހުގެ އިދާރާއިން މަޖިލީހުން ދޫކޮށްފައިވާ މަޖިލީހުގެ މެންބަރުކަން އަންގައިދޭ ފާސްދެއްކީމާ ނިމުނީއޭ ވިދާޅުވާކަމަށް ވަންޏާ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވާން ވާނީ މަޖިލީހުގެ މެންބަރުކަން އަންގައިދޭފާސް ހިފައިގެންކަމަށް އަންގަވަން ވާނެއެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދުގައި ނެތްކަމެއް ކުރުމަށް މަޖިލީހުގެ އިދާރާއިން އެންގިދާނެތޯ، މިއީ ސުވާލު އުފެދޭކަމެކެވެ. އެހެން ޖަލްސާއަކަށް ހާޒިރުވުމަށް ކުރަންނުޖެހޭކަމެއް ކުރީމަވީނޫންހޭ ވިދާޅުވެ މަޖިލީހުގެ އިދާރާއިން މީޑިޔާގައި ވިދާޅުވިނަމަ އެއީ އެންމެ ރަގަޅު ގޮތުގައި ކުރައްވާފައިވާ ކަމެއްނޫނެވެ. މާލެ އަތޮޅު މެންބަރ މާރިޔާ އަހުމަދު ދީދީ، އާދެ އަޅުގަނޑު ރިޔާސީ ބަޔާން އިއްވި ޖަލްސާއަށް ދިއުމަށް އަލޯރާ ފަރނިޗަރ ކުރިމަތިން ފައިމަގުން ހިނގާފައިދަނިކޮށް ފާސްނެތި ނުވަދެވޭނޭކަމަށް ފުލުހަކު ބުންޏެވެ. ކޮން ފާހެކޭ އަޅުގަނޑު ސުވާލުކުރުމުން ޖަލްސާއަށް ދިއުމުގެ ފާސްކަމަށް ޖަވާބު ލިބުމުން އަޅުގަނޑަކީ މެންބަރެއް ކަމަށާއި މިދަނީ މަޖިލީހުގެ ޖަލްސާއަށް ކަމަށާއި، ޖަލްސާއަށް ދިއުމަށް މެންބަރުންނަކަށް ފާހެއް ބޭނުން ނުވާނެކަމަށް ބުނުމުން އެހެން ވިއަސް ނުވެދެވޭނެކަމަށް ފުލުސްމީހާ ވަނީ ބުނެފައެވެ. އަޅުގަނޑަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވާކޮށްފައިވާ މީހަކީމެވެ. މަޖިލީހުގެ ޖަލްސާއަށް ހާޒިރުވުން އެއީ މެންބަރެއްގެ ވާޖިބެކެވެ. އަދި މަސްއޫލިއްޔަތެއްވެސް މެއެވެ. މެންބަރެއްކަން އަންގައިދޭ ފާސް ފުހުންނަށް އެދުވަހު ދައްކަން ޖެހޭކަމަކަށް މަޖިލީހުން އަންގަވާފައިވީނަމަ އެއީ ކުރަން ނުޖެހޭ ކަމެއްކަމުގައި ވީނަމަވެސް އެކަން ކުރީމުހެއެވެ. އަދި ފުލުސްމީހާވެސް މެންބަރެއްކަން އަންގައިދޭ ފާސް ދައްކާށޭ ބުނި ނަމަ ދެއްކީ މުހެއެވެ.
މުހިންމު ޖަލްސާއަކަށް ހާޒިރުވިޔަ ނުދިނުމަށާއި ވޯޓުގައި ބައިވެރިވުމަށް ހުރަސްއެޅުމުގެ ގޮތުން މީގެ ކުރިން ރާއްޖޭގައި އެކިއެކި ނޭދެވޭ އަމަލު ހިންގާފައިވެއެވެ. މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާއިން ޖަލްސާއަށް ހާޒިރުވުމުގެ ހައްޤު މެންބަރުންނަށް ދީފައިވަނީ މިސަބަބަށް ޓަކައެވެ. އަޅުގަނޑު ފާހަކަށް އަހާލުމުން ފުލުހެއް ރިޕޯޓް ކުރީއޭ ބުނުމުން މިދެކެވޭ ވާހަކަ މީޑިއާއިން ކޮންމެ ގޮތަކަށް ދެކެވުނު ކަމުގައި ވިޔަސް އަޅުގަނޑު ދުށީ ފުލުހުން މަޖިލީހުގެ މެންބަރުން ޖަލްސާއަށް ހާޒިރު ނުވެވޭކަމަށް ބުނެ މަޖިލީހުގެ މެންބަރުންގެ ޤާނޫނީ ވާޖިބަށް ހުރަސް އަޅާކަމަށްވަންޏާ، މިއިން ވަރަށް ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަމަށެވެ.