ނޫސްބަޔާން: ފަނޑިޔާރުންނަށް ބިރުދެއްކެވުމަށާއި ރައީސް ނަޝީދުގެ ޝަރީޢަތައް ނުފޫޒު ފޯރުވުމަށް ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު ކުރަމުންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަން

noosbayan
ނަންބަރު:MDP-2013-PR-35
ތާރީޚް: 20 މެއި 2013 (ހޯމަ)

ފަނޑިޔާރުންނަށް ބިރުދެއްކެވުމަށާއި ރައީސް ނަޝީދުގެ ޝަރީޢަތައް ނުފޫޒު ފޯރުވުމަށް ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު ކުރަމުންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަން

ރައީސް މުހަންމަދު ނަޝީދުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށައަޅުއްވާފައިވާ މައްސަލަ ބައްލަވައި ފަނޑިޔާރުންނަށް އެކިގޮތް ގޮތުން ބިރުދެއްކުމާއި ބާރާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރައީސް ނަޝީދުގެ ޝަރީޢަތައް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ރައީސް އާދަމް މުޙައްމަދު ނުފޫޒު ފޯރުވަމުން ކުރަމުންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް މި ޕާޓީން އެންމެ ހަރުއަޑު ގޮވާލަމެވެ. އަދި މި ކަމާއި ގުޅިގެން ޖޭއެސްސީން ބިރުދައްކާ ނުފޫޒު ފޯރުވަމުންދާ ދިއުން ކަމާގުޅޭ އެންމެހާ މުއައްސަސާތަކުން ބައްލަވާ ފިޔަވަޅު އެޅުއްވުމަށް މި ޕާޓީން ގޮވާލަމެވެ.

މިޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ހުށައެޅުއްވި ޖޭއެސްސީގެ ފަރާތުން ޤާނޫނު އަސާސީއާ ޤާނޫނާ ޚިލާފަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓްގައި ވަކި މެޖިސްޓްރޭޓްންތަކެއް ހޮވައި ބެންޗެއް އެކުލަވައިލި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބައްލަވަމުން ގެންދަވަނިކޮށް މައްސަލަ އަވަސްކޮށްދިނުމަށް އެދި ކަމަށް ބުނެ ޖޭއެސްސީގެ ފަރާތުން ހައިކޯޓަށް އެކިފަހަރު ސިޓީ ފޮނުވުމާއި ރައީސް ނަޝީދުގެ މައްސަލަ ހައިކޯޓުން ހިންގާ ގޮތާއިމެދު ސުވާލު އުފައްދާ ޝަކުވާކޮށް، ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައަށް ނުފޫޒު ފޯރުވަމުން ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދުގެ މަޤާމާއި ބާރާއި ނުފޫޒު ދަނީ އިންތިހާއަށް ބޭނުން ކުރަމުންނެވެ.

އަދި ދިވެހި ރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރާ މެދު މީގެ އަހަރެއްހާ ދުވަސްކުރިން ހުށަހެޅިފައިވާ މައްސަލައެއް ބެލުމަށް ކަމަށްބުނެ، މިޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ހުށައެޅުއްވި މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުން ބައްލަވަމުން ގެންދަވާ މި ދަނޑިވަޅު އެމައްސަލަ ބެއްލެވުމުގެ ނަމުގައި އެކޯޓުގެ ފަނޑިޔާރު ޖޭއެސްސީ އަށް ހާޒިރު ކުރައްވާ ބިރު ދެއްކުމުގެ ގޮތުން ތަފާތު ކަންކަން ދަނީ ކުރަމުންނެވެ.

އެއީ ކަނޑައެޅިގެން ދިވެހި ރާއްޖޭގެ ހައިކޯޓްގައި މިދުވަސްކޮޅު އަޑުއައްސަވަމުންގެންދަވާ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދުގެ މައްސަލައަށް ނުފޫޒު ހިންގެވުމާއި، އެ މައްސަލަ ބައްލަވާ ފަނޑިޔާރަށް ނަފްސާނީ ބިރުވެރިކަން މެދުވެރިކުރައްވަން ކުރައްވާކަމެއްކަމުގައި ބެލެވެއެވެ. ސަބަބަކީ އަހަރަކަށްވުރެ ގިނަދުވަހު އަޅުއްވާލެއްވުމެއްނެތި ބޭއްވެވި މައްސަލައެއް ކޮންމެހެން މިދުވަސްވަރު މުހިންމުވެގެންދާފަދަ ކުއްލި ހާލަތެއް މެދުވެރި ވެފައި ނުވާތީއާއި، އެހެން ސަބަބެއް ނެތްތާ ދެން ނަޒަރުކުރެވޭނީ މިދުވަސްވަރު އެ ފަނޑިޔާރު ބައްލަވަމުންގެންދަވާ އެންމެ ނަންހުރި މައްސަލައަށްކަމުގައި ވާތީއެވެ.

މި ޕާޓީ އާއި މިޕާޓިގެ މެމްބަރުންނާމެދު ކަނޑައެޅިގެން ހަތުރުވެރިކަމާ ނަފްރަތާ އަނިޔާ އިސްކުރައްވަމުން ގެންދަވާ ބަޣާވަތްތެރިންނާއި ބައިވެރިން، ސިޔާސީ ނުފޫޒާއި ނަޖާއިޒު ބާރުވެރިކަން ހާމަކުރައްވައިގެން އަދި އަމުދުން ޖޭއެސްސީ އަކީ މިމައްސަލައިގެ އެއް ޙަޞްމު ކަމަށްވާއިރު ޖޭއެސްސީ މެދުވެރިކުރައްވައިގެން ފަނޑިޔާރުންނަށް ބިރުދެއްކެވުމަށް ޖޭއެސްސީގެ ރައީސް ކުރައްވަމުން ގެންދަވާ ހަޑިހުތުރު ފިނޑި އަމަލު ވަގުތުން ހުއްޓާލުމަށް މިޕާޓީއިން ހަރުއަޑުން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް