ނޫސްބަޔާން: އައްޑޫ ސިޓީއާއި ކުޅުދުއްފުއްޓާއި މިލަންދޫގެ އެމް.ޑީ.ޕީ މެމްބަރުންގެ މައްޗަށް 8 ފެބްރުއަރީއާ ގުޅިގެން ފަށާފައިވާ ޝަރީޢަތްތައް ހުއްޓާލުމަށް ގޮވާލާ ގޮވާލުން ތަކުރާރުކުރުމުގެ ގޮތުން ނެރޭ ނޫސްބަޔާން

noosbayan

ނަންބަރު:MDP-2013-PR-34
ތާރީޚް: 20 މެއި 2013 (ހޯމަ)

އައްޑޫ ސިޓީއާއި ކުޅުދުއްފުއްޓާއި މިލަންދޫގެ އެމް.ޑީ.ޕީ މެމްބަރުންގެ މައްޗަށް 8 ފެބްރުއަރީއާ ގުޅިގެން ފަށާފައިވާ ޝަރީޢަތްތައް ހުއްޓާލުމަށް ގޮވާލާ ގޮވާލުން ތަކުރާރުކުރުމުގެ ގޮތުން ނެރޭ ނޫސްބަޔާން

އައްޑޫ ސިޓީއާއި ހދ.ކުޅުދުއްފުއްޓާއި ށ.މިލަންދޫއަށް ނިސްބަތްވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ގިނަ އަދަދެއްގެ އާންމު މެމްބަރުންނާއި، ކައުންސިލަރުންނާއި، ޕާރޓީގެ އެކި މަޤާމުތަކަށް އިންތިޚާބުކުރެވިފައިވާ ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް 8 ފެބްރުއަރީ 2012 ވަނަ ދުވަހުގެ ހިނގާދިއަ ހަމަނުޖެހުމާ ގުޅުވައިގެން ނުޙައްޤުން އުފުލާފައިވާ ދަޢުވާތަކުގެ ޝަރީޢަތްތައް މިހާރު ފަށައި ކުރިއަށް ގެންދާ ގެންދިއުމާމެދު މި ޕާރޓީން ކަންބޮޑުވުން ފާޅުކޮށް އެ ދައުވާތަކާއި ޝަރީޢަތްތައް ވަގުތުން ހުއްޓާލުމަށް މި ޕާރޓީން ގޮވާލާ ގޮވާލުން ތަކުރާރުކުރަމެވެ.

8 ފެބްރުއަރީ 2012 ވަނަ ދުވަހު ހިގާދިއަ ހަމަނުޖެހުމާ ގުޅިގެން އައްޑޫ ސިޓީއަށް ނިސްބަތްވާ 80 އެމް.ޑީ.ޕީގެ މެމްބަރުންނާއި، ކުޅުދުއްފުއްޓަށް ނިސްބަތްވާ 28 އެމް.ޑީ.ޕީގެ މެމްބަރުންނާއި މިލަންދޫއަށް ނިސްބަތްވާ 9 އެމް.ޑީ.ޕީގެ މެމްބަރުންގެ މައްޗަށް ނުޙައްޤުން އުފުލާފައިވާ ދަޢުވާތަކުގެ ޝަރީޢަތްތައް ކޯޓުތަކުން މިހާރު ވަނީ ހިންގަން ފަށާފައެވެ. މިގޮތުން ޝަރީޢަތް ހިންގޭ ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އާއި އެމް.ޑީ.ޕީގެ ކައުންސިލަރުންނާއި، ޕާރޓީގެ އެކި މަޤާމުތަކަށް އިންތިޚާބުކުރެވިފައިވާ ފަރާތްތައް ވެސް ހިމެނެއެއެވެ.

މިދެންނެވި އެންމެހައި ފަރާތްތަކުގެ މައްޗަށް ޓެރަރިޒަމާއި އެނޫން ވެސް ސާބިތު ނުހިފޭ ދޮގު ތުހުމަތުތައްކޮށް ޝަރީޢަތްތައް ހިންގުން ފަށާފައިވާއިރު، 8 ފެބްރުއަރީ 2012 ވަނަ ދުވަހު ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ފަރާތްތަކުން ސާބިތު ހެކި ލިބިފައިވާ ގޮތަށް، ފާޅުގައި މި ޕާރޓީގެ އިސް ފަރާތްތަކާއި އާންމު މެމްބަރުންނަށް ބޮޑެތި ލާއިންސާނީ އަނިޔާކޮށްފައިވާއިރު، އަދި ކޮމިޝަން އޮފް ނޭޝަނަލް އެންކުއަރީ (ކޯނި) ރިޕޯރޓުގައި ވެސް ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ފަރާތްތަކުން ރައްޔިތުންނަށް ލާއިންސާނީ އަނިޔާކޮށްފައިވާކަން ފާހަގަކޮށް، އެފަރާތްތަކާ މެދު ފިޔަވަޅު އެޅުން އަވަސް ކުރުމަށް ގޮވާލާފައިވާއިރު މިހާތަނަށް ވެސް އެއިން އެއްވެސް ފަރާތަކާމެދު ފިޔަވަޅު އަޅައި ޝަރީޢަތެއް ހިންގާފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

އެހެންކަމުން 8 ފެބްރުއަރީ 2012 ވަނަ ދުވަހުގެ ހާދިސާއާ ގުޅުވައިގެން ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް މި ޕާރޓީގެ އެތައް ސަތޭކަ މެމްބަރުންނާމެދު ދަޢުވާކޮށް މިހާރު ހިންގަންފަށާފައިވާ ޝަރީޢަތްތަކަކީ ޤާނޫނު އަސާސީގައި ލާޒިމުކޮށްފައިވާ ހަމަހަމަ ކަމާއި އިންސާފުން އެއްކިބާވެގެން ހިންގަމުންގެންދާ ކަންތައްތަކެއް ކަމަށް ޤަބޫލުކުރެވޭތީ، އެ ދަޢުވާތަކާއި ޝަރީޢަތްތައް ވަގުތުން ހުއްޓާލުމަށް މި ޕާރޓީން ގޮވާލާ ގޮވާލުން ތަކުރާރުކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް