އެމްޑީޕީ ސިޔާސަތުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރުމަށް އެމްޑީޕީގެ ޓީމްތައް ހަރަކާތްތެރި ވަމުން އެބަދޭ.

އެމްޑީޕީ ސިޔާސަތުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރުމަށާއި އެމްޑީޕީގެ ދޭތިން ފަހެތި ކެންޕެއިންގެ ދަށުން ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމް މިހަފްތާގައިވެސް ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ކުރިއަށް އެބަދެއެވެ. އެގޮތުން އެމްޑީޕީގެ ސިޔާސަތު ތަކުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރުމަށާއި އެމްޑީޕީ ދޭތިން ފަހެތި ކެންޕެއިންގެ ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމްތައް ހިނގަމުންދާ ސަރަޙައްދު ތަކަކީ ހއ. އަތޮޅާއި ށ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި މ. އަތޮޅާއި އަދި ދ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީ އެވެ.

އެމްޑީޕީގެ ދޭތިންފަހެތި ކެންޕެއިންގެ ދަށުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު މިހާރު ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވާ އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ އެ ރައްޔިތުންގެ ހާލުއަހުވާލު ދަނީ އޮޅުންފިލުއްވަމުންނެވެ. އަދި އެމްޑީޕީ ގެ ކެންޕެއިން ޓީމްތަކުގެ މެންބަރުންނާ ބައްދަލުކޮށް ދޮރުން ދޮރަށް ހިނގާ ޓީމް ތަކުގެ މެންބަރުންނަށް ކަމާގުޅޭ މައުލޫމާތާއި އިރުޝާދު ރައީސް ނަޝީދު ދަނީ ހިއްސާ ކުރައްވަމުންނެވެ.

އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އަދި މ. ފ. އަދި ދ މި 3 އަތޮޅުގެ ކޯޑިނޭޓަރ މުޙައްމަދު ޝިހާބް ވިދާޅުވީ މ. ވޭވަށާއި މ. މުލަކަށް އަދި ދ. ކުޑަހުވަދޫ އާއި ދ. މާއެނބޫދޫއަށް އެމްޑީޕީގެ ޓީމް ޒިޔާރަށްކޮށް އެ ދެރަށުގެ ރައްޔިތުންގެ ގޭގެއަށްގޮސް އެމްޑީޕީގެ ސިޔާސަތުތައް ރައްޔިތުންނަށް އޮޅުންފިލުއްވައި ދިނުމާއި ރައްޔިތުންގެ ހާލަތުގެ މައުލޫމާތު ސާފުކުރައްވަމުން ގެންދަވާ ކަމަށާއި އަދި ދޭތިންފަހެތި ކެންޕެއިންގެ ދޮރުން ދޮރަށް ހިނގާ ޓީމް ތަކުގެ މެންބަރުންނަށް ކަމާގުޅޭ މައުލޫމާތު ދެއްވަންމުން ގެންދަވާ ކަމަށެވެ.

އެމްޑީޕީގެ ސިޔާސަތުތައް ރައްޔިތުންނަށް ހުށަހަޅައިދީ އޮޅުންފިލުވުމުގެ ގޮތުން އިއްޔެވަނީ ރާއްޖޭގެ 19 އަތޮޅާއި ދެ ސިޓީގައި އެމްޑީޕީގެ އެގްރިވިޔަފާރީގެ ސިޔާސަތުތައް އިފްތިތާޙްކޮށް ރައްޔިތުންނަށް ހުށަހެޅުމުގެ ހަފްލާތަށް ބާއްވާފައެވެ. އަދި މިހާރު އެމްޑީޕީގެ ދޭތިން ފަހެތި ކެންޕެއިން ކުރިއަށް ގެންދާ ޓީމްތަކާއި ދޮރުން ދޮރަށް ހިނގާ ޓީމްތަކުގެ މެންބަރުން ދަނީ އެގްރިވިޔަފާރީގެ ސިޔާސަތުގެ މައުލޫމާތު ތަކާއި އެމްޑީޕީން މީގެ ކުރިން ރައްޔިތުންނަށް ހުށަހަޅާފައިވާ ސިޔާސަތުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރަމުންނެވެ.

އެމްޑީޕީން އެކި ސަރަހައްދު ތަކުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ދަށުން ހއ އަދި ހދ. އަތޮޅުގައި އުޅުއްވަނީ އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދުއެވެ. ށ. އަތޮޅުގައި ހަރަކާތްތެރިވާ ޓީމްގައި އިސްކޮށް އުޅުއްވަނީ އެމްޑީޕީ ޕާލިމެންޓް ގުރޫޕްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު އެވެ. ރ. އަތޮޅުގައި ހަރަކާތްތެރިވާ ޓީމްގައި އިސްކޮށް އުޅުއްވަނީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ. ބ. އަތޮޅުގައި ހަރަކާތްތެރިވާ ޓީމްގައި އިސްކޮށް އުޅުއްވަނީ އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ އަދި ނ. ބ. އަދި ޅ. މި ތިންއަތޮޅުގެ ކޯޑިނޭޓަރ މުޙައްމަދު ނަސީމްއެވެ. ކ، އއ، އދ އަދި ވ. އަތޮޅުގައި މުޙައްމަދު ޝަފީގްއެވެ. މ. އަތޮޅުގައި ހަރަކާތްތެރިވާ ޓީމްގައި އިސްކޮށް އުޅުއްވަނީ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އަދި މ. ފ. އަދި ދ މި ތިން އަތޮޅުގެ ކޯޑިނޭޓަރ މުޙައްމަދު ޝިހާބް އާއި އެމްޑީޕީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާދިލްއެވެ. ދ. އަތޮޅުގައި ހަރަކާތްތެރިވާ ޓީމްގައި އިސްކޮށް އުޅުއްވަނީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ އާއި އެމްޑީޕީ ކުޑަހުވަދޫ ދާއިރާގެ ރައީސް މުޙައްމަދު ޝާޠިރު އެވެ. ގއ އަދި ގދ އަތޮޅުގައި އެމްޑީޕީ ސަރުކާރުގެ ހެލްތް މިނިސްޓަރ ޑރ. އަިމިނަތު ޖަމީލްއެވެ. އައްޑު ސިޓީގައި ހަރަކާތްތެރިވާ ޓީމްގައި އިސްކޮށް އުޅުއްވަނީ ޤައުމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުސްޠަފާ ލުޠުފީއެވެ.