އެމްޑީޕީ ޕާޓީ ޓިކެޓް އިތުރު ތިން ފަރާތަކަށް ދީފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިހާތަނަށް އެމްޑީޕީ ޕާޓީ ޓިކެޓް ހަމަނުޖެހިވާ 5 ދާއިރާގެ ތެރެއިން، ރ. އުނގޫފާރު ދާއިރާ އާއި އދ. މަހިބަދޫ ދާއިރާ އަދި ހއ. ކެލާ ދާއިރާއަށް ހޮވުނު ކެންޑިޑޭޓުންނަށް މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޕާޓީ ޓިކެޓް ދެއްވައިފިއެވެ.
މިއަދު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޕާޓީ ޓިކެޓް ދެއްވާފައިވާ ތިން ފަރާތަކީ މިދިޔަ ހުކުރު ދުވަހު ރ. އުނގޫފާރު ދާއިރާގައި ބޭއްވި ޕްރައިމަރީސް ކާމިޔާބު ކުރެއްވި ރ. އުނގޫފާރު ރިވެލި ޑރ. އަހުމަދު އަޝްރަފް އާއި އދ. މަހިބަދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ޅ. ހިންނަވަރު ދޭލިޔާގެ ރުގިއްޔާ މުހައްމަދު އަދި ހއ. ކެލާ ދާއިރާއަށް ކުރިމަތިލައްވާފައިވާ ހއ. ކެލާ އިރުދޭމާގެ ޒުބޭރު މުހައްމަދުއެވެ.
މިއަދު ހެނދުނު 11:00 ގައި އެމްޑީޕީ މައި އޮފީހުގައި ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ހއ. ކެލާ ދާއިރާއަށް އެހެން ކެންޑިޑޭޓަކަށް ޕާޓީ ޓިކެޓް ދެއްވާފައި މިވަނީ އެދާއިރާއަށް ޕާޓީ ޓިކެޓް ދެއްވާފައިވާ ކެންޑިޑޭޓް ކަމުގައިވާ ހ. އުލިގަމުގެ ފުއާދު ގާސިމް އެދާއިރާއަށް ކުރިމަތިލުމަށް ތަނާޒުލްވުމާ ގުޅިގެންނެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލިހުން މިހާތަނަށް 75 ކެންޑިޑޭޓަކަށް ޕާޓީ ޓިކެޓް ދެއްވާފައިވެއެވެ.