21 ރަށެއްގައި “އެގްރިވިޔަފާރި” އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުމަށް ޓީމުތައް ފުރައިފި

BVD-Hdh.Neykurandhoo-14

“އެގްރިވިޔަފާރި: ހެއްދި އެތިކޮޅު ދޭ ކިރާލަން، ވަގުތުން ފައިސާ ދޭ” މިނަމުގައި އެމްޑީޕީގެ އެގްރިވިޔަފާރި ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙް ކުރުމަށް ޓީމުތައް ފުރައިފިއެވެ.

މިއަދު (18 މޭ 2013- ހޮނިހިރު)ހަވީރު 4ޖަހާއިރު ރާއްޖޭގެ ތަފާތު 21 ރަށުގައި މި ސިޔާސަތު އިފްތިތާޙް ކުރުމަށް ބާއްވާ ޙަފްލާތަކުގައި ބައިވެރިވުމަށް އެމްޑީޕީގެ ޓީމުތަކުން ކުރާ ދަތުރުގައި މިއަދުގެ މެންދުރުގެ ވަގުތުގައި އެބައެއްގެ މަންޒިލަށް އެބަޔަކު ފޯރާ ނިމޭނެކަމަށް ޓީމުތަކުގެ ކޯޑިނޭޓަރުން ވިދާޅުވިއެވެ.

“އެގްރިވިޔަފާރި: ހެއްދި އެތިކޮޅު ދޭ ކިރާލަން، ވަގުތުން ފައިސާ ދޭ” މިނަމުގައި އެމްޑީޕީގެ އެގްރިވިޔަފާރި ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙް ކުރާ ރަށްތަކަކީ، ހދ. ކުޅުދުއްފުށި، ހއ. ކެލާ، ށ. ކަނޑިތީމް، ނ. ލަންދޫ، ރ. ހުޅުދުއްފާރު، ބ. ގޮއިދޫ، ޅ. އޮޅުވެލިފުށި، ކ. ކާށިދޫ، އއ. ތޮއްޑޫ، އދ. ކުނބުރުދޫ، ވ. ރަކީދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ލ. ކަޅައިދޫ، ގއ. ނިލަންދޫ، ގދ. ހޯޑެއްދޫ، ޏ. ފުވައްމުލައް، އައްޑޫ ސިޓީއިން ހުޅުމީދޫ އަދި މާލެ ސިޓީގައެވެ.

ހދ. ކުޅުދުއްފުށީގައި ބާއްވާ ރަސްމިއްޔާތުގައި”އެގްރިވިޔަފާރި: ހެއްދި އެތިކޮޅު ދޭ ކިރާލަން، ވަގުތުން ފައިސާ ދޭ” މިނަމުގައި އެމްޑީޕީގެ އެގްރިވިޔަފާރި ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙް ކޮށްދެއްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު އެވެ. އަދި މީގެ އިތުރުން އެނެއް 20 ސަރަހައްދުގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީ ސަރުކާރުގެ މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުންނެވެ.

“އެގްރިވިޔަފާރި: ހެއްދި އެތިކޮޅު ދޭ ކިރާލަން، ވަގުތުން ފައިސާ ދޭ” މިނަމުގައި އެމްޑީޕީގެ އެގްރިވިޔަފާރި ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާހް ކުރާ ޙަފްލާއަށް އަތޮޅުތަކުގެ އެންމެހާ ރައްޔިތުންނަށް އެރައްޔިތަކު ދިރިއުޅޭ އަތޮޅުގެ މި ސިޔާސަތު އިފްތިތާޙް ކުރާ ރަށުގަ ބާއްވާ ޙަފްލާއަށް ވަނީ ދަޢުވަތު އަރުވާފައެވެ.