އުނގޫފާރު ދާއިރާގެ ޕްރައިމަރީސް 6 މާރޗް 2009 ވާ ހުކުރު ދުވަހު އޮންނާނެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިހާތަނަށް އެމްޑީޕީ ޕާޓީ ޓިކެޓް ހަމަނުޖެހިވާ 4 ދާއިރާގެ ތެރެއިން، ރ. އުނގޫފާރު ދާއިރާގެ ޕްރައިމަރީސް އަންނަ ހުކުރު ދުވަހު ބާއްވާގޮތަށް ޕާޓީން ހަމަޖައްސައިފިއެވެ.
ހުކުރު ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށް ބާއްވާ މިޕްރައިމަރީސްގައި ވޯޓުލުން ކުރިއަށްދާނީ ރ. އުނގޫފާރު ދާއިރާގައި ހިމެނޭ ރ. އުނގޫފާރާއި ހުޅުދުއްފާރު އަދި މާކުރަތުގައި ތިބި އެމްޑީޕީގެ މެންބަރުންގެ މެދުގައެވެ. އަދި މާލޭގައި ދިރިއުޅޭ މިދާއިރާގެ މީހުންނަށް ވޯޓުލުމުގެ އިންތިޒާމް އެމްޑީޕީ ހަރުގެ ދުންފިނިހިޔާގައި ހަމަޖެހިފައިވާނެއެވެ.
މިޕްރައިމަރީގައި އުނގޫފާރު ދާއިރާއަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަކީ ރ. ހުޅުދުއްފާރު މުނާ، އާދަމް ސައީދު އާއި ރ. އުނގޫފާރު ރިވެލި ޑރ. އަހުމަދު އަޝްރަފްއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިހާތަނަށް 72 ކެންޑިޑޭޓަކަށް ޕާޓީ ޓިކެޓް ދެއްވާފައިވެއެވެ. މިހާތަނަށް އެމްޑީޕީ ޕާޓީ ޓިކެޓް ހަމަނުޖެހިވާ 4 ދާއިރާއަކީ ހއ. ބާރަށު ދާއިރާ އާއި އދ. މަހިބަދޫ ދާއިރާ އާއި ގއ. ވިލިގިނލީ ދާއިރާ އަދި ރ. އުނގޫފާރު ދާއިރާގައެވެ.