ފުވައްމުލަކު އުތުރު ދާއިރާގެ ޕްރައިމަރީސް މުހައްމަދު ވަޖީހް ކާމިޔާބު ކުރައްވައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެމްޑީޕީ ޕާޓީ ޓިކެޓް ދިނުމަށް ފުވައްމުލަކު އުތުރު ދާއިރާގައި މިއަދު ބޭއްވި ޕްރައިމަރީސް މާލެ ދަފްތަރު މުހައްމަދު ވަޖީހް އިބްރާހިމް ކާމިޔާބު ކުރައްވައިފިއެވެ.
ހޮނިހިރު ދުވަހު މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށް ފުވައްމުލަކު އުތުރު (ޏ1) ގައި ބޭއްވި މިޕްރައިމަރީސް މުހައްމަދު ވަޖީހް އިބްރާހިމް ކާމިޔާބު ކުރައްވާފައިވަނީ ވޯޓުލީ 228 މީހުންގެ ތެރެއިން 118 ވޯޓު ލިބިގެންނެވެ. މިޕްރައިމަރީސްގައި މުހައްމަދު ވަޖީހް އާ ދެން ވާދަ ކުރައްވާފައިވަނީ ޏ. ފުވައްމުލަކު އާބާދު އިސްމާއިލް ރަފީގްއެވެ. އޭނާއަށް ލިބިލައްވާފައި ވަނީ ޖުމްލަ 107 ވޯޓެވެ.
ފުވައްމުލަކު އުތުރު ދާއިރާގައި ބޭއްވި މިޕްރައިމަރީސްގައި ފުވައްމުލަކުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ އެމްޑީޕީގެ ހަރުގޭގައެވެ. އަދި މާލޭގައި ދިރިއުޅޭ މިދާއިރާގެ މީހުން ވޯޓުލުމަށް ވޯޓު ފޮށި ބަހައްޓާފައިވަނީ އެމްޑީޕީ ހަރުގެ ދުންފިނިހިޔާގައެވެ.
ފުވައްމުލަކު އުތުރު ދާއިރާގައި އަލުން ޕްރައިމަރީސް ބާއްވާފައި މިވަނީ 6 ފެބްރުއަރީ 2009 ވީ ހުކުރު ދުވަހު މި ދާއިރާގައި ބޭއްވި ޕްރައިމަރީސްގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ކަމުގައިވާ މުހައްމަދު ވަޖީހު އިބްރާހިމާއި އިސްމާއިލް ރަފީގަށް ލިބިފައިވާ ވޯޓުގެ އަދަދު އެއްވަރުވެފައިވުމާއެކު އެ ދާއިރާގައި ޕްރައިމަރީއެއް އަލުން ބޭއްވުމަށް 9 ފެބުރުއަރީ 2009 ދުވަހު ގައުމީ މަޖިލީހުން ނިންމަވާފައި ވާތީއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިހާތަނަށް 72 ކެންޑިޑޭޓަކަށް ޕާޓީ ޓިކެޓް ދެއްވާފައިވެއެވެ.
މިހާތަނަށް އެމްޑީޕީ ޕާޓީ ޓިކެޓް ހަމަނުޖެހިވާ 5 ދާއިރާއަކީ ހއ. ބާރަށު ދާއިރާ އާއި އދ. މަހިބަދޫ ދާއިރާ އާއި ފުވައްމުލަކު އުތުރު ދާއިރާ އާއި ގއ. ވިލިގިނލީ ދާއިރާ އަދި ރ. އުނގޫފާރު ދާއިރާއެވެ.