އެމްޑީޕީގެ އެގްރިވިޔަފާރި ސިޔާސަތު އަންނަ ހޮނިހިރު ދުވަހު އިފްތާޙް ކުރާނެ.

photo

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެގްރިވިޔަފާރި ނުވަތަ ދަނޑުވެރިކާމާ ގުޅޭ ސިޔާސަތު އިފްތިތާޙް ކުރުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި އެމްޑީޕީގެ ޗެއަރޕާސަން އިދާރީ، ޢަލީ ޝިޔާމް ވިދާޅުވީ އެމްޑީޕީގެ އެގްރިވިޔަފާރި ސިޔާސަތު މިފަހަރު އިފްތިތާޙް ކުރުން ރަސްމީކޮށް ބާއްވަން ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށީގައި ކަމަށާއި އަދި އެހެން ފަހަރު ތަކެކޭވެސް އެއްފަދައިން ހަމަ އެދުވަހު ރާއްޖޭގެ 19 އަތޮޅާއި ދެ ސިޓީގައި މި ސިޔާސަތު އިފްތިތާޙް ކުރުން އޮންނާނެ ކަމަށެވެ. އަދި އެމްޑީޕީގެ އެގްރިވިޔަފާރީގެ ސިޔާސަތަކީ “ހެއްދި އެތިކޮޅު ދޭ ކިރާލަން އަވަހަށް ފައިސާ ދޭ” ސިޔާސަތު ކަމަށެވެ.

ޢަލީ ޝިޔާމް ވިދާޅުވީ އެމްޑީޕީގެ އެގްރިވިޔަފާރި ސިޔާސަތުވެސް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ކަމަށެވެ. އަދި ކުޅުދުއްފުށީގައި މިއަންނަ ހޮނިހިރު ދުވަހު އެގްރިވިޔަފާރި ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވުމާއި އެކު ރާއްޖޭގެ 18 އަތޮޅާއި 2 ސިޓީގައި އެއްފަހަރާ ބޭއްވޭ ހަފްލާތަކެއްގައި އެގްރިވިޔަފާރި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ކަމަށެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީ ކެންޕެއިން ކޮމިޓީގެ ނައިބް ޢަބްދުލްމާޖިދް ވިދާޅުވީ އެމްޑީޕީއަކީ އެމްޑީޕީން ކުރާކަމެއް ހާމަކަން ބޮޑުގޮތެއްގައި ރައްޔިތުންނަށް ސާފުވާނޭހެން ކުރަމުން އަންނަ ޕާޓީއެއްކަން މިހާރު ރައްޔިތުންނަށް އޮޅުން ފިލައިފި ކަމަށާއި އަދި އެމްޑީޕީގެ އެގްރިވިޔަފާރީގެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމަށް މުޅިންއާ ދިރުމެއް އަންނާނެ ކަމަށެވެ.

ޢަބްދުލްމާޖިދް ވިދާޅުވީ ދަނަޑުވެރިކަމަކީވެސް ރާއްޖޭގެ އެހެން ވިޔަފާރިއެކޭ އެއްގޮތަށް މުސްތަޤްބަލެއް އޮތް ވިޔަފާރި އެއްކަމަށާއި އެހެންނަމަވެސް އެ މުސްތަޤްބަލްއޮތީ ދަނޑުވެރިކަމުގައިވެސް ޒަމާނީ ވަޞީލަތްތައް ބޭނުންކޮށް، މިޒަމާނުގައި އެހެން ޤައުމު ތަކުގައިވެސް ދަނޑުވެރިކަން ކުރާ އުޞޫލުތަކާއި ވަޞީލަތްތައް ލިބި ދިވެހި ދަނޑުވެރީންނަށްވެސް ހުނަރާއި ފަސޭހަތައް ލިބިގެން ސަރުކާރުގެވެސް ޒިންމާއެއް އޮތް މުސްތަޤްބަލެއް ކަމަށެވެ. އަދި އެމްޑީޕީގެ ކޮންމެ ސިޔާސަތަކީވެސް ވަށައިޖެހޭ ސިޔާސަތެއް ކަމަށާއި އެގޮތުން އެގްރިވިޔަފާރިއަކީވެސް ވަށައިޖެހޭ ސިޔާސަތެއް އޮތް ކަމެއް ކަމަށެވެ. އެގޮތުން ދަނޑުވެރިންނަށް ބިން ލިބުމާއި މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ބިމުގައި ގޮވާން ކުރާނެ ތަކެޗާއި ގަސްކާނާ ދަނޑުވެރިންނަށް ފޯރުކޮށްދިނުމާއި ދަނޑުތަކުން އުފައްދާ ތަކެތި ވިއްކޭނެ ރަނގަޅު އިންތިޒާމް ހަމަޖެހިގެން ދިއުން ކަމަށެވެ.

ރާއްޖޭގައި ހައްދާ އެކިއެކި ފެހިކާނާ ހަލުއިކަމާއެކު ވިއްކާލެވި، މާރުކޭޓުން ފަށައިގެން ކާމޭޒާއި ހަމައަށް ތާޒާކަންމަތީ ފޯރާނެ އިންތިޒާމެއް ޤާއިމް ކުރުމަކީ އެމްޑީޕީގެ މުހިއްމު އަމާޒެކެވެ. އެމްޑީޕީ ސަރުކާރުގެ މާލީ އެހީތެރިކަމާއެކު އެގްރިދަނޑުތައް އެޅި، ތަމްރީނާއި ޕްރޮޖެކްޓްތަކާއެކު ކުރިއަރުވާ، ހައްދާ ތަކެތި އެގްރިބޯޓް މެދުވެރިކޮށް އެގްރިސެންޓަރުތަކަށް ފޯރުކޮށް، ގަނެއް ވިއްކުން މި ސިޔާސަތުން މަގުފަހިކޮށް ދޭނެއެވެ.