ވަގުތުން ނެރުމަށް
ނަންބަރު:MDP-2013-PR-32
ތާރީޚް: 15 މެއި 2013 (ބުދަ)
ފަނޑިޔާރުންނަށް ބިރުދެއްކެވުމަށް ޖޭއެސްސީ މެދުވެރިކުރައްވައިގެން ނާޖާއިޒު ސިޔާސީބޭނުމުގައި އެ ގަންނުވާ ގަނޑު ވަގުތުން ހުއްޓާލުމަށް ގޮވާލުން
ރައީސް މުހަންމަދު ނަޝީދުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށައަޅުއްވާފައިވާ މަސްއަލާއެއް ބައްލަވުމުންގެންދަވާ މި ދުވަސްކޮޅާ ދިމާކޮށް ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު އަހްމަދު ޝަރީފް ޢަލީ 14 މޭ 2013 ވީ އަންގާރަ ދުވަހު ޖޭއެސްސީ އަށް ހާޒިރުކުރައްވައި އެ ފަނޑިޔާރުގެ މައްޗަށް ނާޖާއިޒު ނުފޫޒާއި ބިރުދެއްކެވުމުގެ ޢަމަލުތައް ޖޭއެސްސީ އިން ހިންގަވާފައިވާތީ އެކަންކަން މިޕާޓީ އިން ވަރަށް ބޮޑަށް ކުށްވެރިކުރަމެވެ.
ދިވެހި ރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރާ މެދު ހުށައެޅިފައިވާ މަސްއަލާ އަހަރެއްހާދުވަހު އެއްވެސް އަޅާލެއްވުމެއް ނެތި މިހާތަނަށް ބޭއްވެވުމަށްފަހު، މިޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ހުށައެޅުއްވި މައްސަލާއެއް ދިވެހިރާއްޖޭގެ ހައިކޯޓުން ބައްލަވަމުން ގެންދަވާ މި ދަނޑިވަޅު އެމައްސަލާ ބެއްލެވުމުގެ ނަމުގައި އެކޯޓުގެ އިސްފަނޑިޔާރު ޖޭއެސްސީ އަށް ހާޒިރު ކުރެއްވުން އެއީ ކަނޑައެޅިގެން ދިވެހި ރާއްޖޭގެ ހައިކޯޓްގައި މިދުވަސްކޮޅު އަޑުއައްސަވަމުންގެންދަވާ އެންމެ މުހިންމު މައްސަލާއަށް ޣައިރުޤާނޫނީ ނުފޫޒު ހިންގެވުމާއި، އެ މައްސަލަ ބައްލަވާ ފަނޑިޔާރަށް ނާޖާއިޒު ގޮތުން ނަފްސާނީ ބިރުވެރިކަން މެދުވެރިކުރައްވަން ކުރައްވާކަމެއްކަމުގައި ބެލެވެއެވެ. ސަބަބަކީ އަހަރަކަށްވުރެ ގިނަދުވަހު އަޅުއްވާލެއްވުމެއްނެތި ބޭއްވެވި މައްސަލާއެއް ކޮންމެހެން މިދުވަސްވަރު މުހިންމުވެގެންދާފަދަ ކުއްލި ހާލަތެއް މެދުވެރި ވެފައި ނުވާތީއާއި، އެހެން ސަބަބެއް ނެތްތާ ދެން ނަޒަރުކުރެވޭނީ މިދުވަސްވަރު އެ ފަނޑިޔާރު ބައްލަވަމުންގެންދަވާ އެންމެ ނަންހުރި މައްސަލާއަށްކަމުގައި ވާތީއެވެ.
ފަނޑިޔާރު އަލްއުސްތާޛު ޢަހްމަދު ޝަރީފް ޢަލީ އަށް މި ޣައިރުޤާނޫނީ ނުފޫޒުތައް މެދުވެރިކުރެއްވުމަށް މަސައްކަތްކުރައްވާފައިވަނީ، ބަޣާވަތުގެ ސަރުކާރުގެ ބަންޑާރަ ނާއިބާ އަލްއުސްތާޒާ އައިޝަތު ބިޝާމާ އާއި ގާނޫނީ ވަކީލު ޢަހްމަދު ރަޝީދާއި ހުޅުމާލޭ ކޯޓްގެ ޞައްހަ ކަމާމެދު ސުޕްރީމްކޯޓުގައި ބެއްލެވި މަސްއަލާގައި (ޖޭއެސްސީ އަކީ އެމައްސަލައިގެ އެއް ހަޞްމު ކަމުގައި ވާއިރު) އެކަމިޝަނުގެ ރައީސްގެގޮތުގައި ހުންނަވައިމެ ސުޕްރީމް ކޯޓްގެ ބެންޗްގައި އިންނަވައިގެން ހުޅުމާލޭކޯޓު ޞައްހަކަމުގައި ވޯޓުދެއްވައި، މައްސަލަ ފެށުނީއްސުރެ އެކިގޮތްގޮތުން ރައީސް މުހަންމަދު ނަޝީދާއިމެދު ޣައިރުޤާނޫނީ ނުފޫޒު ހިންގެވުމުގައި ފާހަގަވެފައިވާ އަލްއުސްތާޛު އާދަމް މުހަންމަދު ބައިވެރިވެވަޑައިގަންނަވައިގެން އެތިންބޭފުޅުން ތިއްބަވައި އެ ކަމިޝަނުގެ ބައެއް މެމްބަރުންނަށް އެންގެވުމެއް ނެތިއެވެ.
މި ޕާޓީ އާއި މިޕާޓިގެ މެމްބަރުންނާމެދު ކަނޑައެޅިގެން ހަތުރުވެރިކަމާ ނަފްރަތާ އަނިޔާ އިސްކުރައްވަމުން ގެންދަވާ ބަޣާވަތްތެރިންނާއި ބައިވެރިން، ސިޔާސީ ނުފޫޒާއި ނަޒާއިޒު ބާރުވެރިކަން ހާމަކުރައްވައިގެން އަދި އަމުދުން ޖޭއެސްސީ އަކީ މިމައްސަލައިގެ އެއް ޙަޞްމު ކަމަށްވާއިރު ޖޭއެސްސީ މެދުވެރިކުރައްވައިގެން ފަނޑިޔާރުންނަށް ބިރުދެއްކެވުމަށް ތިޔަ ގަންނުވާ ގަނޑު ވަގުތުން ހުއްޓާލުމަށް މިޕާޓީއިން ހަރުއަޑުން ގޮވާލަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް