ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުގެ ހެޑްސް އޮްފް ޑިިޕްލޮމެޓިކިް މިޝަންސް ރައީސް ނަޝީދުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

20130514-IMG_0712-150x150

ކޮޅުނބުގައި ހުންނަ ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުގެ ސަފީރުންނާއި ރައީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތީ ފަރެންސޭސި ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ މިސްއިޒް ކްރިސްޓީން ރޮބިޝޯން، އިޓަލީ ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ފެބްރީޒިއޯ ޕައޯ އަރޕި، ޖަރުމަނު ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސްލެންސީ މިސްޓަރ ޔޮގެން މޯހަރޑް، ނެދަރލެންޑްސްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ލުއި ޕިއެ، އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރުގެ ނައިބު މިސްޓަރ ރޮބީ ބުލޮކް އަދި ވިލާތުގެ އިއްތިހާދުގެ ހައިކޮމިޝަނަރުގެ ނައިބު މިސްއިޒް ޓެރީ ލެޓިނެންއެވެ.

މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގައި މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކާއި ސިޔާސީ މަސްރަހާ ގުޅޭގޮތުން ވާހަކަދެކެވުނެވެ.

މި ބައްދަލުވުމުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ދިވެހި ފުލުހުންނާއި ސިފައިން ރައްޔިތުން އިންތިޚާބު ކުރި ސަރުކާރު ވައްޓާލުމާ ގުޅިގެން އެދުވަހު ހިނގި ކަންކަން ތަހުގީގު ކުރުމަށް އެކުލަވާލެވުނު ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ރިޕޯޓްގައި ފާހަގަކުރައްވާފައިވާ ކަންތައްތައް ތަންފީޒުވުމަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ކޮންމެހެން މުހިއްމު ކަމެއް ކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ބައިނަލްއަޤްވާމީ އޮބްޒަވަރުން އިންތިޚާބު މޮނިޓަރ ކުރެއްވުމަކީ ކޮންމެހެންވެސް މުހިއްމު ކަމެއްކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ އަހުމަދު ނަސީމާއި، ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޛާ މަރިޔާ އަހުމަދު ދީދީއާއި، ރައްޔިތުންގެ މަޖިލިހުގެ ހެންވެއިރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލ ޣަފޫރާއި އެމްޑީޕީގެ ޗެއަރޕަސަންގެ ނައިބު އަލީ ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.