ރައީސް ނަޝީދު ކެމްޕެއިން ދަތުރުފުޅެއްގައި ތ. އަތޮޅަށް ފުރާވަޑައިގަންނަވައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ކެމްޕެއިން ދަތުރުފުޅެއްގައި މިއަދު ހަވީރު ތާ އަތޮޅަށް ފުރާވަޑައިގަންނަވައިފިއެވެ. ހަތަރުދުވަހުގެ މި ދަތުރު ފުޅުގައި ތާއަތޮޅުގެ ގިނަރަށްތަކަކަށް އެމަނިކުފާނު ޒިޔާރަތްކުރައްވައި ކެމްޕެއިންއާއި ގުޅުންހުރި މަސައްކަތުބައްދަލުވުންތައް ހިންގެވުމާއި ދޮރުން ދޮރަށް ހިންގެވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ރައީސް މުހަންމަދު ނަޝީދު މިއަދު ދަތުރުފުޅު ކުރައްވާނީ ވިލުފުއްޓަށެވެ.

އެމްޑީޕީގެ އިންސާފުގެ ދަތުރާއި އެކު ވަޢުދާ ހިނގުމާއި ދޭތިން ފަހެތި އަދި ރިޔާސީ ކެމްޕެއިންގެ ޖަލްސާތައް ރާއްޖޭގެ އެކިކަންކޮޅުގައި ދަނީ ހިނގަމުންނެވެ. ކުރިއަށްއޮތް ދައުރަށް ރައްޔިތުންގެ ވިސްނެވުމާއެކު އެކުލަވާލެވެމުންދާ އެމްޑީޕީ މެނިފެސްޓޯގައި ހިމެނޭ އުސްއަލިތައް ކޮންމެ ދެހަފްތާއަކުންކަހަލަ ގޮތެއްގައި އެމްޑީޕީން ގެންދަނީ މުޅި ރާއްޖެއަށް ހުޅުވާލަމުންނެވެ. ރާއްޖޭގެ 19 އަތޮޅާއި 2 ސިޓީގައި އެއްދުވަހަކު އެއްވަގުތަކާހެން ހުޅުވާލެވެމުންދިޔަ ސިޔާސަތުތަކުގެ ތެރޭގައި ގެސްޓް ހައުސް ވިޔަފާރީގެ ސިޔާސަތާއި، މެރިކަލްޗަރުގެ ވިޔަފާރީގެ ސިޔާސަތު އަދި މިނިވަން މަސައްކަތްތެރިޔާގެ ސިޔާސަތު ހިމެނެއެވެ. 07 ސެޕްޓެމްބަރ 2013 އާއި ދެމެދު މިއޮތް މުއްދަތުގައި އެފަދަ އިތުރު ފަސް ހަ ހުޅުވާލުމެއް މުޅި ރާއްޖޭގައި މުނާސަބު ކުރެވުމަށް އެމްޑީޕީ އިން ވަނީ އުފާވެރި ހަފްލާތައް އިންތިޒާމްކޮށްފައެވެ.