އެމްޑީޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެދިގެން ދިޔުން

އެމްޑީޕީ ވުޖޫދަށް އައުމާއެކު އޭގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތާއި އަމާޒު މިއަދު ވަނީ ހާސިލް ކޮށްފައެވެ. އެއީ ރާއްޖޭގެ ރައްޔިތުންނަށް އަނިޔާވެރިވެ، ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަމުން ދާތާ 30 އަހަރު ފުރާ ފުރިހަމަވެފައިވާ ސަރުކާރެއް ވައްޓާލައި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ގާއިމުގެ ކުރުމުގެ މަގު ތަނަވަސް ކޮށްދިނުމެވެ. އެމަގްސަދުގައި މިއަދު އެމްޑީޕީ މިގެންދަނީ ރާއްޖޭގައި ވެރިކަން ކުރަމުންނެވެ. އެމްޑީޕީގެ މި ކާމިޔާބަކީ ދިވެހީންގެ ނަސީބެވެ. ދިވެހީން ގައުމެއް ގޮތުގައި ދެމިއޮތުމަށް ލިބުނު ފުރުސަތެކެވެ.

ރާއްޖޭގެ ވެރިކަމަށް އެމްޑީޕީ އައުމުން މިއަދު އެމްޑީޕީ ރަޖިސްޓްރީ ވުމަށްފަހު އަދާކުރަމުން އައި ދައުރު ބަދަލުވެއްޖެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީން މިއަދު އަދާކުރަމުން ދާ ދައުރަކީ ޕާޓީގެ ސިޔާސަތުތައް ސަރުކާރުން ތަންފީޒު ކުރަމުން ގެންދޭތޯ ބެލުމެވެ. އެކަމަށް ސަރުކާރަށް ބާރު އެޅުމެވެ. އަދި އެކަމަށް މަގު ފަހިކޮށް ދިނުމެވެ.

އަޅުގަނޑު ދެކޭ ގޮތުގައި، އެމްޑީޕީ ރަޖިސްޓްރީވުމާއެކު، ޕާޓީ ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވި ގ ކެނެރީގޭ މުހަންމަދު ނަޝީދުގެ ވިސްނުން ގެންގުޅުއްވީ އެންމެ ކުރު މުއްދަތެއްގައި އެންމެ ބޮޑު ފައިދާއެއް ދިވެހީންނަށް ލިބޭނެ ގޮތަކަށެވެ. އެގޮތުން 30 އަހަރުގެ ވެރިކަމެއް ފުރޮޅާލުމުގައި އޭނާ ބޭނުންކުރެއްވި ސްޓްރެޓަޖީއަކީ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ސިޔާސީ ވިސްނުމާއި ހޭލުންތެރިކަން ދިވެހީންގެ ސިކުނޑިތަކުގައި އަށަގަންނަވައި ދިވެހީންނަށް ގެއްލިފައިވާ ހައްގުތައް ހޯދައިގަނެ ރާއްޖެއިން ޚުދުމުޚްތާރު ވެރިކަން ފޮހެލައި ޑިމޮކްރެސީއެއްގެ ބިންގާ އެޅުމަށެވެ. އެކަން އޭނާ ވަރަށް ފުރިހަމައަށް މިވަނީ ކާމިޔާބު ކުރައްވާފައެވެ. މި ކާމިޔާބު ހޯދުމަށް މަސައްކަތް ކުރުމުގެ ތެރޭގައި އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް ވަރަށް ރިވެތި ނަމެއް ލިބިފައިވެއެވެ. އެ ނަމަކީ “އެކްޓިވިސްޓް” އެވެ. މި ނަމަކީ އަޅުގަނޑު ދެކޭގޮތުން އެމްޑީޕީގެ މެމްބަރުން ވަރަށް ފަޚުރުވެރިވާ ނަމެކެވެ.

އެމްޑީޕީން ރާއްޖޭގައި ވެރިކަން ކުރަމުން މިދާ ދަނޑިވަޅުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އުފައްދާ އޭގެ ދައުރު ހަރުދަނާ ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. އެމްޑީޕީގެ ކުރިމަގު ޒަމާނީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީއެއް ގޮތުގައި ފުރާ ފުރިހަމަވެ ލިބާސް ލެއްވުމަށް މިއަދު އެޅިދާނެ އެންމެ ބޮޑު އެއްފިޔަވަޅަކީ ޕާޓީގެ ދާއިރާތަކާ ގޮފިތައް އަލުން އެކުލަވާލުމެވެ. ޕާޓީގެ ޗެއާޕަރސަނަކަށް މިއަދު ހުންނެވި އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީއާ ބައްދަލުކޮށްލައި އެކަމާމެދު އެކަމަނާގެ މަޝްވަރާއެއް އަޅުގަނޑު ހޯދައިލީމެވެ.

އެކަމަނާގެ ވިސްނުން ހުރީ މިހާރު އަމަލު ކުރެވެމުންދާ ގާނޫނު އަސާސީން ރާއްޖޭގެ އިންތިޚާބީ ދާއިރާތައް 21 ދާއިރާގެ ބަދަލުގައި 78 ދާއިރާއަށް ބަދަލުވުމާއެކު ޕާޓީގައިވެސް 78 ދާއިރާ އުފެއްދުމަށެވެ. އަދި ކޮންމެ ދާއިރާއެއްގެ ރައީސަކަށް ރައްޔިތުންގެ މަޖިލިހުގައި އެދާއިރާއެއް ރަމްޒުކޮށްދޭ މެމްބަރަކު ހުންނެވި ނަމަ އެބޭފުޅަކު ހަމަޖެހިގެން ދިޔުމަށެވެ. އަދި ރައްޔިތުންގެ މަޖިލިހުގައި އިންތިޚާބީ ދާއިރާއެއް ތަމްސީލުކޮށްދެއްވާނެ މެމްބަރަކު ނެތްނަމަ ޕާޓީން އެދާއިރާގައި އިންތިޚާބެއް ބާއްވައިގެން ރައީސަކު ހޮވުމެވެ. ޕާޓީގެ ގޮތްޕެއް އުފެއްދުމަށް ޕާޓީގެ އަސާސީ ގަވާއިދު މިހާރު ޝަރުތުކުރާ 50 މެމްބަރުންގެ ބަދަލުގައި 25 މެމްބަރުންނަށް މަދު ކުރެއްވުމަށްވެސް ޗެއާޕަރސަން މާރިޔާގެ ވިސްނުންފުޅު ހުރިކަން އަޅުގަނޑަށް އެގުނެވެ. ގޮތްޕެއްގައި ހިމެނޭ މެމްބަރުންގެ އަދަދު އެހާ މަދުކުރުމުގައި އެކުލެވޭ ހިކުމަތާމެދު އަޅުގަނޑު އެކަމަނާއާ ސުވާލު ކުރީމެވެ. އެކަމާމެދު އެކަމަނާ ވިދާޅުވީ އެއަދަދަށް ތިރި ކުރުމުން އިންތިޚާބީ ދާއިރާއެއްގައި ހިމެނޭ އެންމެ ކުޑަރަށެއްގައި ހިމެނޭ މެމްބަރުންވެސް ޖަމައީ ސިފައެއްގައި ހަރަކާތްތެރިވުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ޕާޓީގެ އެންމެ އެދެވޭ ސިފައެއްގައި މިވަގުތު ހަރަކާތްތެރިވުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ އަޅުގަނޑު ދެކޭގޮތުގައި ގޮތްޕެއްގައި އެކުލެވޭ މެމްބަރުން އެއް ސަރަހައްދެއްގައި އުޅެމުން ނުދިޔުމެވެ. ޗެއާޕާސަންގެ ޚިޔާލުފުޅަކީ އަޅުގަނޑު ދެކޭގޮތުގައި ޕާޓީއަށް ވަރަށް މުހިންމު ދެ ކަންތައް ކަމުގައި އަޅުގަނޑަށް ގަބޫލު ކުރެވުނެވެ.

އަޅުގަނޑަށް ހީވާ ގޮތުގައި މިފަދަ ބަދަލެއް ގެނައުމަކީ ޕާޓީގެ ކޮންގްރެސްއަކުން ނިންމޭނެ ކަމެކެވެ. ނަމަވެސް ކޮންގްރެސް އެއް ބޭއްވުމަކީ ގިނަ އިންތިޒާމުތަކެއް އެކުލެވޭ ވަރަށް ޚަރަދު ބޮޑު ކަމެކެވެ. ވީމާ ގައުމީ މަޖިލިހުން މިފަދަ ބަދަލެއް ގަނައުމާ ދޭތެރޭ ޕާޓީގެ މެމްބަރުން ވިސްނެވުން ވަރަށް ބުއްދިވެރިއެވެ. ގައުމީ މަޖިލިހަކީ ދެ ކޮންގްރެސް ދެމެދުގައި ކަންކަން ނިންމުމުގެ ބާރު އޮތް ގުނަނަކަށް ވުމާއެކު ކޮންގްރެސްއެއް ބޭއްވުމުން އެ ނިންމުން ތަސްދީގު ކުރުމަށް މިހާރުން މިހާރަށްވެސް ގައުމީ މަޖިލިހުން މިކަން ކުރެވިދާނެއެވެ. (ނިމުނީ)