ގއ. ކޮނޑޭގެ އަދާލަތު ޕާޓީގެ ދެ ކައުންސިލަރުން އެމްޑީޕީއަށް ސޮއިކޮށްފި

kondey

ގއ. ކޮނޑޭގެ ދެ ކައުންސިލަރުން އެމްޑީޕީއަށް ސޮއިކޮށްފިއެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މައި އޮފީހުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި އެމްޑީޕީއަށް ސޮއިކުރީ ގއ. ކޮނޑޭގެ އަދާލަތު ޕާޓީއަށް ނިސްބަތްވާ ދެ ކައުންސިލަރުންކަމަށްވާ މޫސާ އަޙްމަދް ދީދީ އަދި އަޙްމަދް އައްބާސްއެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ، މިއަދު އެމްޑީޕީއާ މި ގުޅިވަޑައިގެން އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ވެވަޑައިގެންނެވި ދެ ކައުންސިލަރުންނަށް މަރްޚަބާއާ ތަޙްނިޔާ ދަންނަވާ ކަމަށާއި، އެމްޑީޕއިން މިހާރު ކުރަމުން ގެންދާ މަސައްކަތްކަމަށްވާ “އެއްބުރުން” މިއަހަރު މިއޮތް ރިޔާސީ އިންތިޙާބު ކާމިޔާބު ކުރުމުގެ މަސައްކަތްކަމަށެވެ. އަދި އެހެންވީމާ ގއ. ކޮނޑޭގެ ދެ ކައުންސިލަރުން އެމްޑީޕީއަށް ގުޅިވަޑައިގަތީމަ އަޅުގަނޑުމެންނަށް މިހާރު އެބަ ވަރަށް ސާފުކޮށް އެނގިގެންދޭ ރާއްޖޭގެ ރައްޔިތުންގެ ވިސްނުމާ ފިކުރު މިހާރު މިދަނީ ކޮންދިމާލަކަށްކަން، އެހެންވީމާ އެދޭބޭފުޅުން އެނިންމެވި ނިންމެވުމަށް ވަރަށް ބޮޑަށް ތަޙްނިޔާ ދަންނަވާކަމަށެވެ.

އަދި ހަމަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައަކަވަމުން ކޮނޑޭގެ ދެ ކައުންސިލަރުން ވިދާޅުވީ، އަޅުގަނޑުމެން އަބްދުﷲ ޝާހިދު އަދި ރައީސް ނަޝީދުއާއެކީ މި އިންތިޙާބު ކާމިޔާބު ކުރުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރާނެކަމަށެވެ.

މި ރަސްމިއްޔާތުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ރައްޔިތުންގެ މަޖްލީހުގެ ރައީސް އަދި އެމްޑީޕީގެ މެމްބަރ އޮންރަބަލް އަބްދުﷲ ޝާހިދުއެވެ.