ދިވެހި ރާއްޖެ އަވަށްޓެރި ގައުމުތަކުގެ ތަރައްގީ އަށް “ޕްލަގް” ކޮށްލެއްވުން އެއީ އެމްޑީޕީގެ އަމާޒެއް – ރައީސް މުހަންމަދު ނަޝީދު

އަވަށްޓެރި ގައުމުތަކާ ގުޅުންތައް ބަދަހި ވާންޖެހޭ ކަމަށާ އެގައުމުތަކާ ތަރައްގީގެ އެތައްގުޅުމެއް ގުޅެވެން އެބްއޮތްކަމުގައި ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް އިންޑިއާއާއި ގުޅުންތައް ބަދަހިކުރެއްވެން އެބައޮތް ކަމަށާއި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ސިޔާސަތަކީ އިންޑިއާގެ ތަރައްގީ އާއިވެސް ގުޅުންތައް އުފެދުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީ”އެއް ބުރުން” މި ނަމުގައި ބޮޑުތިލަދުންމަތީގެ ރަށްތަކުގައި ބޭއްވުނު ޖަލްސާތަކުގެ ތެރެއިން ކުޅުދުއްފުށީގައި ހުކުރުދުވަހުގެރޭ ބޭއްވުނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ތިލަދުންމައްޗާއި އެންމެ ގާތުގައި ދެކުނު އިންޑިއާ އޮންނައިރު ދެކުނު އިންޑިއާއަކީ މިއަދުގެ ދުނިޔޭގައި އެންމެ ބާރަށް ތަރައްގީވަމުން އަންނަ ސަރަހައްދު ކަމުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ތަރައްގީގެ މަގުގައި ކުރީގައި އޮތީ އެމެރިކާއެއް ވެސް ނޫން، ޔޫރަޕެއް ވެސް ނޫން، ޗައިނާއެއް ވެސް ނޫން، ނަމަވެސް މުޅި ދުނިޔޭގައި މިއަދު އެންމެ ބާރަށް ކުރި އަރަމުން އަންނަ ސަރަހައްދު އޮތީ ބޮޑު ތިލަދުންމަތީގެ އަވަށްޓެރި ދެކުނު އިންޑިޔާ ކަމުގައެވެ. “އެ ތަރައްގީ އާއި ރާއްޖެއިން ނުގުޅެއްޖިއްޔާ އަޅުގަނޑުމެންނަކީ ގައުމިއްޔަތެއް ހުރި ބައެއްގެ ގޮތުގައި ނުދެކެވޭނެ، ރާއްޖޭގެ ރައްޔިތުންނަށް އެ ތަރައްގީ މަހްރޫމްކޮށްގެން ނުތިބެވޭނެ” ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ސިޔާސަތަކީ އިންޑިއާގެ ތަރައްގީ އާއި ޕްލަގްވުން، ގުޅިލުން، އެމްޑީޕީއަށް ހިސާބުވޭ އިންޑިއާއިން ހަފްތާއަކަށް ކޮޗިން އިން ފުރައިގެން 500 ޓުއަރިސްޓުން ބޮޑެތި ފެރީފަހަރުގައި ކުޅުދުއްފުއްޓަށް އަންނަން ތައްޔާރަށް ތިބިކަން، އަޅުގަނޑުމެންނަށް ހިސާބުވޭ މީހުން ދިރިއުޅޭ ރަށް ރަށުގައި ހިންގާ ގެސްޓް ހައުސްގެ ވިޔަފާރީގައި ރަނގަޅު ޗުއްޓީއެއް ވިއްކައިގެން، މި ބޮޑުތިލަދުންމަތީގެ ފަންސާސްހާސް ރައްޔިތުންނަށް މާތަނަވަސް ދިރިއުޅުމެއް ހޯދޭނެ.” ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން މިއެދޭ ބަދަލުތައް އިރާދަފުޅާއެކު ދެން އުފެދޭ އެމްޑީޕީގެ ވެރިކަމެއްގައި ހަގީގަތަކަށް ވެގެންދާނެ ކަމަށެވެ. އެގޮތުން ދިވެހި ރާއްޖޭގައި އެންމެ ފައިދާހުރި ގޮތަކަށް ކުރެވޭ އެއް ވިޔަފާރިއަކީ ޓުއަރިޒަމްގެ ވިޔަފާރިކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ވިޔަފާރި ހިންގަމުންދާތާ ސާޅީސް އަހަރުވެފައިވާއިރު އެއް މިލިއަން ޓުއަރިސްޓުން ރާއްޖެ އަންނަ ކަމަށާއި އަދި ފަންސަވީސް ހާސް އެނދުގައި ޓުއަރިސްޓުންނަށް ހިދުމަތްތައް ދެވެމުން ދާ ކަމަށެވެ އެ ޚިދްމަތްތަކަށް އަހަރެއްގެ މައްޗަށް 40 އެތައް ބިލިއަން ރުފިޔާއެއްގެ ބިލް ޓުއަރިސްޓުންނަށް ކުރެވި، ދިވެހިރާއްޖެއަށް އޭގެން އާމްދަނީ ލިބޭ ކަމަށާއި، އެ އާމްދަނީގެ މަގުތައް ރައްޔިތުންނަށް ބެހެވިގެންދާ ނިސްބަތްތައް އެތައްގުނަ ގިނަވެގެންދާނެކަމުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ބޮޑުތިލަދުންމަތީގެ ތަރައްގީއަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ކުޅުދުއްފުށީގަ އިތުރު ބޮޑު ބައެއް ހިއްކެވީ އެރަށުގެ ރައްޔިތުންނާއި ކައިރި ރަށްތަކުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ހޯއްދަވައި ދެއްވުމަށް ކަމަށާއި އެމްޑީޕީން އެކަން ކުރާނެ ކަމަށާއި އަދި އެމްޑީޕީގެ އަމާޒަކީ ކުޅުދުއްފުށީގައި ބައިނަލްއަގުވާމީ ފެރީ ޓާމިނަލެއް ބިނާކުރުން ކަމަށެވެ.

ރައީސް ނަޝީދު އަރިހުގައި ބޮޑު ތިލަދުންމަތީ “އެއްބުރުން” ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެތެރޭގައި އަންހެނުންގެ ރޫހުގެ އާއި ޒުވާނުންގެ ހިތްވަރުގެ އަދި ދާއިރާތަކުގެ މެމްބަރުންނާއި، ރައީސްނަޝީދު ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް ޢަބްދުﷲ ޝާހިދު ހިމެނިވަޑައިގެންނެވިއެވެ. ހަމައެއާއިއެކު ޖަލްސާތަކާއި ހަފްލާތައް ބޭއްވުނު ރަށްތަކުން ނިސްބަތުން ވަރަށްގިނައަދަދެއްގެ ރައްޔިތުން އެބޭފުޅުންނަށް މަރުހަބާދަންވައި ވަރަށް ހޫނު ތަރުހީބަކާއި ތާއީދު ހާމަކުރައްވާފައިވެއެވެ.

ރައީސް މުހަންމަދު ނަޝީދާއި އެމަނިކުފާނު އަރިހުގައި ބޮޑުތިލަދުންމައްޗަށް ދަތުރުކުރެއްވި ވަފުދުގެ ބޭފުޅުން މިއަދު މެންދުރު ވަނީ މާލެ ވަޑައިގެންފައެވެ.