ހަރުގެ ބިތްދޮށުން ގޭގޭ ޖޯލިތަކުން

ގާސިމް: ކަލޭ މާލެ ގޮސް އަންނިގެ ދެފައިގަ ހިފާފަ ނަމަވެސް މި ސަރަހައްދުގެ ޕްރޮވިންސް އޮފީސް މިރަށުގައި ހަދައިދޭތޯ ނިކަން ބަލައިދީ ބަލަ… މާތްކަލާކޮށްޓަކާ..ނިކަން..
މޫސާ: އެއީ އަނެއްކާ ކީތްކުރަން؟
ގާސިމް: މިރަށުގައި ޕްރޮވިންސް އޮފީސް ނުހެއްދިއްޖިއްޔާ ކިހާ ދެރަ… އެޕާޓީ މީހުން ބުނާނެ އަހަރުމެންނަށް ކަމެއް ނުވިއެއްނުންހޭ… މުޅި އަތޮޅަށް ބަލާއިރުވެސް މައުމޫނު ސަރުކާރު ވައްޓާލަން އެންމެ ފުރަތަމަ ނުކުތީ މިރަށު މީހުން.ނޭ. އެމްޑީޕީ މެމްބަރުންވެސް އެންމެ ގިނަ ވާނީ މިރަށުގައޭ… އަމުދަކުން އަންނިއަށް އެންމެ ގިނަ ވޯޓު ދީފައި އޮންނާނީވެސް މިރަށުންނޭ… ނޭގޭތަ؟ އިންތިޚާބުގެ ނަތީޖާއަށް ބަލައިލަބަލަ…
މޫސާ: ގާސިމާ… ކަލޭ އަދިވެސް ވިސްނުން ތިޔަ ގެންގުޅެނީ މިދިޔަ 30 އަހަރުގައި ގެންގުޅުނު ގޮތަށޭ… މައުމޫނުގެ ކުލަވަރު ކަލޭގެ ސިކުނޑިން އަދިވެސް ފިލުވައި ނުލެވިގެންތަ ތިޔަ އުޅެނީ…
ގާސިމް: ތި ބުނީ…؟
މޫސާ: މައުމޫނުގެ ވެރިކަމުގައި އަތޮޅުވެރިކަން ކުރާ ރަށަށް ބަނދަރާ… ޖެނެރޭޓަރާ… ހޮސްޕިޓަލާ… ސްކޫލާ… ދިރާގާ… ބޭންކާ… ދީ އަތޮޅުގެ ދެން ހުރި ހުރިހާ ރަށެއްގެ މަތިން ހަނދާން ނައްތާލައި އަތޮޅުވެރިކަން ކުރާ ރަށާ އަތޮޅުގައި ދެން ހުރި ރަށްރަށާ ދެމެދު ތަފާތުކުރުންތައް ގެންގުޅެ ދެބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ޖެއްސިއަސް، މި ސަރުކާރުން އެ ފުރުސަތު ލިބޭގޮތަކަށް ކަންކަމެއް ނުކުރާނެ… ޕްރޮވިންސް އޮފީސް މިރަށުގައި ނެތަސް މިރަށުގެ ކަނޑުފަޅާ، ރަށުގެ ތިމާވެއްޓަށް ބަލާ މިރަށާ ގުޅޭ ކަންކަން މިރަށުގައި ސަރުކާރުން ހިންގަވާނެ… މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ހުރިހާ އަސާސީ ޚިދުމަތްތަކެއްވެސް ލިބި ދިނުން… ދެން ހުރި ސިނާއީ… އިގްތިސާދީ ކަންކަމަކީ އެ ރަށަކުން ލިބެން ހުރި ވަސީލަތްތަކަށް ބަލާ އެންމެ އެކަށީގެންވާ ގޮތަކަށް ހަމަޖައްސައިދޭނެ ކަންކަން… އަނެއްކޮޅުން ލާމަރުކަޒު ކުރީމާ އެފަދަ ކަންކަމުގައި އަހަރުމެންނަށް ބަސްކިޔާނެ ވަގުތުވެސް ލިބޭނެ… ކަލޭ ކޮންކަމަކާ ތިޔަ ހާސްވަނީ؟ ހާސް ކަނޑާލާ…
—————————————————————————————————–
އަބުދު: ހަލޯ.. އައްޔާ… ކޮބާ ކިހިނެއްތަ؟ ހާދަ ވާހަކަ ވާހަކަ އަޑުއިވޭ… މިރަށުގައި އެބަ ދައްކާ… މާލޭގައި ބަޔަކު އެއްވާން އުޅުނު ވާހަކައެއް
އައްޔަ: އަބުދޫ… ހާދަ ވަރަކަށޭ ތިޔަ ފޯނު ކުރަނީ… މާލޭގަ ކަމެއް ނުހިނގާ… ތިޔަ ވާނީ މާފަންނު ކުއަޅަވަށްގޭ ކުރިމަތިން އެއޮންނަ މަހާ ޗޯރު މާވައްތަ އަށް ދޭތެރެ ދޭތެރެއިން މީހުން އެއްވާ ވާހަކަ ކަމަށް…
އަބުދު: އެއީ ކޮންތަނެއް…
އައްޔަ: ކަލޭ ހާދަ ފަހަތުގައޭދޯ ތިޔަ އުޅެނީ… މަހާ ޗޯރު މާވައްތަ އަކީ އަންނި ވެރިކަމަށް އައި އިރު ރައްޔިތުންގެ ބޭތުލްމާލުގަ އޮތިއްޔާ އޮތް ފައިސާއެއް ދިރުވާލައިގެން ގޮސް ދިރިއުޅޭ ބަޔަކު އުޅޭ މަގުގެ ނަން… ބޮޑެތި ކަންކަމާ ދިމާވީމާ މަގުމަގުގެ ނަންވެސް ރާއްޖޭގައި ބަދަލުވެއެއްނު… ނޮވެމްބަރު ތިނަކާ ގުޅިގެންވެސް ސަރުކާރުން މަގުމަގަށް ނަން ދެއްވި… މިފަހަރު އެމަގަށް ނަންދިނީ ރައްޔިތުން… އޭ މަ މިހާރު ވަރަށް ބިޒީ… ކަނޑާލަނީ…
—————————————————————————————————–
އުމަރު: އަހަރުމެން މީ މައުމޫނު ވެރިކަމުން ދުރުކުރަން އަނބިދަރިންނާ މުދަލާ ހުރި ހުރިހާކަމެއް ބަހައްޓާފަ މަސައްކަތް ކުރި މީހުން. މިހާރު ވަޒީފާއެއް ހޯދަން އެމްޑީޕީ އޮފީހަށް ދިޔައީމާ ބުނީ އެ އޮފީހަކުން އެކަމެއް ނުކޮށްދެވޭނެއޭ. އެމްޑީޕީ ވެރިކަމަށް އައުމުން އަހަންނަށް ވީކަމެއް ނެތް. އެހެރީ އަހަރެންގެ މަންޖެ… އޯލެވެލުން އެއްނަންބަރުގެ ފާސް ހޯދައިފި މިފަހަރު. އެމަންޖެއަކަށް ނެތް 11، 12 ގައި ކިޔެވޭނެ ގޮތެއްވެސް. އަނެއްކޮޅުން އެހެރީ މަންމަ. މިހާރު ބޭސް ހުސްވެފަ. އަނެއްފަހަރު ގޮވައިގެން އިންޑިޔާއަށް ދާން ވެފަ.

މުހްސިން: ދެން ތިޔަ ކަމާ އަހަރެން ދެކެނީ އެހެން ގޮތަކަށް. އަހަންނަށްވެސް އެނގޭ ކަލޭތީ މައުމޫނުގެ ވެރިކަން ވައްޓާލުމުގައި އެއް ވާނަކަށް ހުއްޓާނުލާ މަސައްކަތް ކުރި މީހެއްކަން. އެކަމަކު އަހަރުމެން އެ މަސައްކަތް ކުރުމުން އެހެން މީހުންނަށް ނުލިބޭ ކަންތައްތަކެއް އަހަރުމެންނަށް ލިބޭނެކަމަށް ހީކޮށްގެން ނުވާނެ… ކީކޭ ކަލޭ ބުނަނީ. އަހަރުމެން މައުމޫނު ބާލަން މަސައްކަތް ކުރީ މުޅި ރައްޔިތުންނަށް، މުޅި ގައުމަށް ފައިދާއެއް ހޯދުމަށް. އަހަރެން ދެކޭ ގޮތުގަ ވިއްޔާ ކިތަންމެ ރަގަޅަކަށްވެސް އެކަން އެބަވޭ. ރައްޔިތުންނަށް މިއަދު އެބަ ޔަގީންވޭ އަންނިގެ ސަރުކާރުން މިހާރުވެސް ފައިދާތަކެއް ވެއްޖެކަމަށް. އަހަރުމެންނަށްވެސް ލިބޭނީ އެހެން މީހުންނަށްވެސް ލިބޭ ފައިދާތަކެއް. މައުމޫނަށް 100 އިންސައްތަ ވޯޓު ލިބުނު ރަށްރަށުގެ މީހުންވެސް މިހާރު އެދަނީ ބުނަމުން މި ވޭތުވެ ދިޔަ 30 އަހަރު ކޮންކަމެއްހޭ އެ މައުމޫނު އެމީހުންނަށް ކޮށްދިނީ؟ މިއަދު އެވެރިންގެ އަތަށް ކުޑަމިނުން 2000 ރުފިޔާ ލިބުނީމާ އެއީ މިވީ މަދު ދުވަސްކޮޅާ ބަލާފަ ހާދަ ބޮޑު އެއްޗެކޭ. އަދި ނުލާހިކު ބޭނުންވެފައި އޮތް ކަމެއް. މައުމޫނު ވެރިކަމުގައި ހުރެ ރާއްޖޭގެ ބޭތުލްމާލު ހުސްކޮށް ހެދިއިރު އެބައޮތްތަ އެފަދަ ކަމެއް ވެފަ. ނޫނީ ވިސްނާލާފަވެސް އެބައޮތްތަ؟
—————————————————————————————————–
އުބޭދު: އެމްޑީޕީ ވެރިކަމަށް އައުމުން އަހަންނަށް ހީވަނީ މާ ކަންކަން ގޯސް ވެއްޖެހެން. މިހާރު މިއަދު ހެދުނު ކިޔުގައި ޖެހުނުގޮތަށް މިއިނީ. އެހެރަ ދިހައެއް ޖެހީ. އަދި ސައިވެސް ނުބޮން. ބަލިމީހާ އިންގޮތަށް މިއިނީ… އިހަށް ވެއްޖިއްޔާ މާލޭ ހޮސްޕިޓަލުގައި ޑޮކްޓަރުން ތިބޭ… ނުބައިކޮށް ބޭސް ލިޔެދޭންވެސް… މިހާރު އެންމެ ކުޑަމިނުން ޑޮކްޓަރެއްވެސް ނުތިބޭ. އެމީހުން މަސައްކަތު ނުނިކުތަސް ރައްޔިތުންނަށް ހޮސްޕިޓަލުން ދޭންޖެހޭ ޚިދުމަތްތައް ދެވެން ޖެހޭނެނު.

އަބްދުއްސަލާމް: ކަލޭ ތީ ދެން ހާދަހާ ވިޔާ ނުދާ ވާހަކަ ދައްކާ މީހެކޭދޯ… އަހަންނަށް އިގެއޭ ކަލޭ އެމްޑީޕީއަށް ވަންނަން ފޯމު ފުރީ އިހަށް ދުވަހުކަން… ކޮންމެ ޕާޓީއެއްގެ މީހަކަށް ވިޔަސް ތި ބާވަތުގެ ވާހަކަ ދައްކަން ވާނީ ކަންކަމުގެ ހަމައާ ލަމައަށް ވިސްނާފަ. އަހަރުމެންނަށް އެގެޔޭ ކަލޭ ކަހަލަ މީހުން އެކި ފާޑުގެ ގޭސްގަޑު އަބުރަމުން ދާކަން. އެކަމަކު ބުނަން ތި އަނބުރާ ގޭހުގެ ވަހުގައި ޖެހެނީ ދާދި މަދު ބައެއް. ޑޮކްޓަރުން ސަލާމުގައޭ ބުނެ ހަޅުތާލުކޮށް ގޭގައި ތިބޭދުވަސްތަކު ރައީސުލްޖުމްހޫރިއްޔާއާ އޭނަގެ މިނިސްޓަރުންނަށް ދެވޭތަ ހޮސްޕިޓަލުގެ ގޮޅިގޮޅީގައި ތިބެގެން ބަލިމީހުން ބަލާފަ ބޭސް ލިޔެދޭން. ނޫނީ މިރަށުގައި ޑޮކްޓަރުންނަށް މާގިނަ ބަޔަކު ތިބީތަ ގޭގައި ކަމެއް ނެތިފަ ހަޅުތާލުކޮށް ގޭގައި ތިބޭމީހުންގެ ބަދަލުގައި ޚިދުމަތް ދޭން ނެރެން. ނުވަތަ އެމީހުން މުސާރަ ކުޑައޭ ގޮވާލާއިރަށް މުސާރަ ބޮޑު ކުރާނެ ފައިސާ ހުރީތަ ބައިތުލްމާލުގަ. އަމުދުން ސަރުކާރު މުވައްޒަފުންގެ ކަންކަން ހަމަޖައްސަނީ ސިވިލް ސާވިސުންނޭ… މައުމޫނު ދައުރުގަ ހިތަށް އެރިގޮތަކަށް މީސްމީހުންގެ މުސާރަ ބޮޑުކޮށް އަނެއް ބައެއްގެ ދަށްކޮށް ހެދީމާ އޭގެ އުދަގޫ އުފުލަން ޖެހިފަ މިއޮތީ އަހަރުމެން ރައްޔިތުންނަށް…
—————————————————————————————————–
މޫމިނާ: މިއަދުވެސް އިޖޫ ބަލާ މި އައީ ހިގާފަ. މިއޮތް އަވީގަ އެސޮރު ގެންގޮސް ގެއަށްލާފަ އޮފީހަށް ދާއިރު ހުންނަނީ ހޫނުވެގެން ހަލާކުވެފަ. ކީއްކުރާނީ. މުޖޭގެ ކާރު މި މަހު އެގެންދިޔައީ ދެވަނަ ފަހަރަށް… ޔާމިނުގެ ކާރު އެ އޮންނަނީ ދުވާލުދާ ހަތަރުދަމު ޕާކިން ލައިނުން ބޭރުގަ… އަނެއްކޮޅުން ހަމަ ގޯޅި ލަބާލާ ކަންމަތީގަ… ކިހާ އުދަގޫވާނެ ހިގާމީހުންނާ ދުއްވާ އެއްޗިއްސަށްވެސް އެކަމަކު ފުލުހުންނަށްވެސް މި ފެންނަނީ އަހަރުމެންގެ ކާރު… އޭތި އެތާ އޮވެގެން މީހުނަށް އުދަގުލެއްވެސް ނުވާނެ…

އަޒުރާ: މޫނިމެން ޕާކިން ލައިނުން ބޭރުގަ ކާރު ބާއްވާތީ އެއްނު ފުލުހުން ގެންދަނީ… އަހަންނަށް ހީވަނީ ފުލުހުން އެކުރަނީ ވަރަށް ރަގަޅުކަމެއް ހެން… މިއޮތް ކުޑަކުޑަ މާލެއަށް އަރުވާފައިވާ މިއޮތްހާ ވެހިކަލްތައް ނިކަން ދެކިބަލަ… އެއެއްޗެހި މަގުގެ އެއްފަރާތުގަ ޕާކުކުރީމާ މާލޭގެ ގިނަ މަގުތަކުގެ ފުޅާމިނަކީ މިހާރު 6 ފޫޓު… މޫނީ… އަހަރެންވެސް ގަބޫލު ކުރަން ވަކި ބައެއްގެ ކާރު ގެންދެވިގެން ނުވާނެކަން. ފުލުހުން ގެންދަންޏާ ގެންދަންވާނެ ޕާކިންލައިނުގެ ބޭރުގައި ހުންނަ ހުރިހާ ވެހިކަލެއްވެސް. އެންމެންގެ މައްޗަށް އެއް އުސޫލަކުން ކަންކަން ހިންގަންވާނީ. މުޖޭގެ ކާރު އެކަނި ގެންދަންޏާ އަހަންނަށް ބުނެވޭނީ މުޖޭ އެމްޑީޕީގެ ކަންކަމުގައި އިސްކޮށް އުޅުނީމަ ފުލުހުންގެ ތެރޭގައި އުޅޭ ބަޔަކަށް އެކަން ފާހަގަ ކުރެވިގެން ޖެއްސުން ކުރަނީއޭ… ފުލުހުންގެ ތެރޭގައިވެސް އުޅޭނެތާ ފުލުހުންނަކީ ކޮންބައެއްކަން ނޭގޭ މީހުން. އެކަހަލަ މީހުން އުޅޭނެ އަދިވެސް ކުރީ ސަރުކާރުގައި ގެންގުޅޭ އުސޫލުތަކުން ނުނެއްޓެވިގެން.