ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންނާއި ދިވެހިރައްޔިތުންނަށް މަރްހަބާ ދަންނަވަމެވެ. އަދި އެމްޑީޕީގެ މެންބަރުން ޤައުމީ ރޫހުގައި ތި ވަޑައިގެންނަވަމުންދާ ޤުރުބާނީއަށް ނުހަނު އިޚްލާސްތެރިކަމާއިއެކު ޕާޓީގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝުކުރުދަންނަވަމެވެ.
މިއަހަރު ޤައުމީދުވަސް ފާހަގަކުރާއިރު 30 އަހަރުދުވަސްވީ ވެރިކަމަށްފަހު ރާއްޖޭގެ މީހުން މިތަހައްމަލު ކުރަންޖެހޭ ކަންކަމަށް ބަލައިލާއިރު ހިތާމައިގެ ކޮޅެއްނެތެވެ. އިންސާނިއްޔަތަށް ޚިދުމަތްކުރުމަށް ވަޢުދުވެ ޑޮކްޓަރުންގެ ފާސްލިބިފައިވާ އަޅުގަނޑުމެންގެ ހިތުގައި ލޯތްބާއި ޤަދަރު ލިބިފައިވާ ބައެއްކަމަށްވާ ޑޮކްޓަރުންގެ ތެރެއިން ބައެއްވަނީ “ބަލި” ވެގެން މަސައްކަތަށް ނުނިކުމެވަޑައިގަންފައެވެ. ރާއްޖޭގެ މީޑިއާއިން އަދި މިހާތަނަށް އައިޖީއެމް އެޗް ގައި މަސައްކަތްކުރައްވާ މި ޑޮކްޓަރުންނަށް މިޖެހުނު “ރޯގާ” އާއި ބެހޭ އިތުރު މައުލޫމާތެއް ލިބިފައެއްނުވެއެވެ. ޑޮކްޓަރުންގެ ޚިދުމަތް ލިބިގަތުމަށް ހޮސްޕިޓަލަށް ދިޔަ ޢާންމު ފަރާތްތަކުން މިޑޮކްޓަރުންނާ މެދު ނުރުހުން ފާޅުކުރަމުންދެއެވެ. މިފަރާތްތައް ދެކެނީ ދިވެހިރައްޔިތުން އިންތިޚާބުކުރި ސަރުކާރު ‘އިނދަ’ ޖައްސާލުމުގެ ރޯގާއެއް މި ޑޮކްޓަރުންގެ މެދުގައި ފެތުރިގެން ދަނީކަމަށެވެ.
ރައްޔިތުންނަށް ޚިދުމަތްދޭން ތިބި ‘ބަލި’ ޑޮކްޓަރުންނާއި 30 އަހަރު ދުވަހުގެ ނުފޫޒާއި ކަރަޕްޝަނާއި އަމިއްލަ އެދުމުން ފުރިފައިވާ ވެރިކަމަށް ދެވިހިފައިވާ ރޯގާއެއްކަމަށް އާންމުން ބުނެއެވެ. އަޅުގަނޑުމެންގެ ތެރޭގައި ޤައުމީ ރޫހާއި ޤައުމީ ޚިދުމަތް ނެތީކަމަށް ބުނެއެވެ. މިހެން ކަމަށްވާނަމަ އަޅުގަނޑުމެން އެންމެން އަތާއަތް ގުޅާލާ އަޅުގަނޑުމެން ޤައުމީ ރޫހް އަޅުގަނޑުމެންގެ ތެރޭގައި އާލާކުރުމަށް މަސައްކަތްކުރަން ވެއްޖެއެވެ.
އަޅުގަނޑުމެންނަށް މާތްﷲ ހެޔޮވިސްނުން ދެއްވާށިއެވެ.