އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ކުޑަކުދިންނަށް ރައްކާތެރިކަމާއި ހަމަޖެހުމާއި އަމިއްލަ ނަފްސަށް އިތުބާރު ލިބިދޭ މާހައުލެއް ހޯއްދަވައިދެއްވަން މަސައްކަތްކުރެއްވުން އެއީ ވާޖިބެއް ކަމުގައި ފާހަގަކުރައްވައިފިއެވެ.
ކުޑަކުދިންގެ ދުވަހާ ގުޅުވައި މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި އެމަނިކުފާނު ފާހަގަ ކުރައްވާފައިވަނީ އެއީ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއްގެގޮތުގައެވެ. “ރައްކާތެރިކަމާއި ހަމަޖެހުމާއި އަމިއްލަ ނަފްސަށް އިތުބާރު ލިބިދޭ މާހައުލެއް ކުޑަކުދިންނަށް ހޯދައިދޭންޖެހޭ. ހުރިހާ ކުޑަކުދިންނަށް
މިއަދުގެ ތަޙްނިޔާ” މިވަތު ހދ. އިހަވަންދޫގައި ހުންނަވައި އެމަނިކުފާނު ޓްވީޓްކުރައްވާފައިވެއެވެ.
ރައީސް މުހަންމަދު ނަޝީދު އާއި ބޮޑުތިލަދުންމަތީ އެއްބުރުން ޖަލްސާތަކަށް ވަޑައިގެންނެވި ވަފްދުގެ ބޭފުޅުން މިއަދު ހަވީރު 4 ޖަހާއިރު ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ކުޅުދުއްފުށީގައި މިއަދު ބޭއްވުމަށް އިންތިޒާމްކުރެވިފައިވާ އުފާވެރި ހަވީރުގެ މުހިންމު ބައެއް ޚާއްޞަކުރެވިފައިވަނީ ކުޑަކުދިންގެ ހަފްލާއަކަށް ކަމަށާއި، ކުޑަކުދިންގެ ކުރިމަގާމެދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ފާޅުކުރައްވަމުންގެންދަވާ އުންމީދީ ކުރިމަގު މުނާސަބުކުރެވި ކުޅުދުއްފުށީގައި ކުލަގަދަގޮތަކަށް ފާހަގަކުރުމަށް ހަމަޖެހިފައިވާކަމުގައި ރިޔާސީ ކެމްޕެއިންގެ ކުޅުދުއްފުށި ހިމެނޭ ދާއިރާގެ ކޯޑިނޭޓަރ ޞިފާ މުހަންމަދު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ހަވީރަކީ ދާދިފަހުން އައްޑޫ ސިޓީގައި ބޭއްވިގެންދިޔަފަދަ ފަންނީ މައުލޫމާތު ބަދަލުކުރެވުމުގެ އަދި އެކުވެރިކަމުގެ މާހައުލެއްގައި ބޭއްވޭނެ ހަފްލާއެއްކަމުގައިވެސް އެދާއިރާގެ ޓީމުން ޚަބަރުދީފައިވެއެވެ. “އެއްބުރުން” ކުޅުދުއްފުށީ ޖަލްސާ މިރޭ ބޭއްވުމަށް ގިނަތައްޔާރީތަކެއްވަނީ ކުރެވިފައެވެ.
ބޮޑު ތިލަދުންމަތީ “އެއްބުރުން” ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެތެރޭގައި އަންހެނުންގެ ރޫހުގެ އާއި ޒުވާނުންގެ ހިތްވަރުގެ އަދި ދާއިރާތަކުގެ މެމްބަރުންނާއި، ރައީސްނަޝީދު ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް ޢަބްދުﷲ ޝާހިދާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ހިމެނިވަޑައިގަންނަވައެވެ.