ފުވައްމުލަކު އުތުރު ދާއިރާގެ ޕްރައިމަރީސް އަންނަ ހޮނިހިރު ދުވަހު އޮންނާނެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިހާތަނަށް އެމްޑީޕީ ޕާޓީ ޓިކެޓް ހަމަނުޖެހިވާ 4 ދާއިރާގެ ތެރެއިން ފުވައްމުލަކު އުތުރު ދާއިރާގެ ޕްރައިމަރީސް އަންނަ ހޮނިހިރު ދުވަހު ބާއްވާގޮތަށް ޕާޓީން ހަމަޖައްސައިފިއެވެ.

ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށް ފުވަށްމުލަކު އުތުރު (ޏ1) ގައި ޕްރައިމަރީސް ކުރިއަށްދާނީ ފުވައްމުލަކުގެ ހޯދަނޑު، ދަނޑިމަގު، ދިގުވާނޑު އަވަށުގެ މީހުންނަށެވެ. އަދި މާލޭގައި ދިރިއުޅޭ މިދާއިރާގެ މީހުންނަށް ވޯޓުލުމުގެ އިންތިޒާމް އެމްޑީޕީ ހަރުގެ ދުންފިނިހިޔާގައި ހަމަޖެހިފައިވާނެއެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ ޕްރައިމަރީސްއެއް 6 ފެބްރުއަރީ 2009 ވީ ހުކުރު ދުވަހުވެސް ބާއްވާފައިވެއެވެ. ނަމަވެސް މިޕްރައިމަރީގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ކަމުގައިވާ މުހައްމަދު ވަޖީހު އިބްރާހިމާއި އިސްމާއިލް ރަފީގަށް ލިބިފައިވާ ވޯޓުގެ އަދަދު އެއްވަރުވެފައިވުމާއެކު އެ ދާއިރާގައި ޕްރައިމަރީއެއް އަލުން ބޭއްވުމަށް 9 ފެބުރުއަރީ 2009 ދުވަހު ގައުމީ މަޖިލިހުން ވަނީ ނިންމަވާފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލިހުން މިހާތަނަށް 72 ކެންޑިޑޭޓަކަށް ޕާޓީ ޓިކެޓް ދެއްވާފައިވެއެވެ.

މިހާތަނަށް އެމްޑީޕީ ޕާޓީ ޓިކެޓް ހަމަނުޖެހިވާ 4 ދާއިރާއަކީ އދ. މަހިބަދޫ ދާއިރާ އާއި ފުވައްމުލަކު އުތުރު އާއި ގއ. ވިލިގިނލީ ދާއިރާ އަދި ރ. އުނގޫފާރު ދާއިރާގައެވެ.