“އެއްބުރުން ބޮޑުތިލަދުންމަތި” ދަތުރުފުޅުގައި ރައީސް ނަޝީދު ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ފައްޓަވައިފި

“އެއްބުރުން ބޮޑުތިލަދުންމަތި” ޖަލްސާގތަކުގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ބޮޑުތިލަދުންމައްޗަށް މިއަދު ވަޑައިގަންނަވައިފިއެވެ.

ބޮޑުތިލަދުންމައްޗަށް މިކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މިލަދުންމަޑުލު އުތުރުބުރި ނަރުދޫއަށެވެ.ނަރުދޫގައި އެމްޑީޕީގެ ކެމްޕޭން ހަރަކާތްތައް ރައީސް ނަޝީދު ކުރިއަށް ގެންގޮސްދެއްވާނެއެވެ. އެއަށްފަހު ރައީސް ނަޝީދު ވަޑައިގަންނަވާނީ ށ.މިލަންދޫޢަށެވެ. މިލަންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވުމަށް ދޮރުންދޮރަށް ހިންގަވައި އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކާ ގުޅިގެން ކުރިއަށް ގެންދާ “ދޭތިން ފަހެތި” ވަރކްޝޮޕް ކުރިއަށް ގެންދަވައި ކެމްޕޭން ޓީމާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިލަންދޫއިން އަލަށް އެމްޑީޕީއާ ގުޅޭ މެމްބަރުން ޕާޓީއަށް ސޮއިކުރުމުގެ ޕްރޮގްރާމްގައިވެސް ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއަށްފަހު “އެއްބުރުން ބޮޑުތިލަދުންމަތި” މިލަންދޫ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅުގައި މިލަންދޫއަށްފަހު ރައީސް ނަޝީދު ވަޑައިގަންނަވާނީ ތިލަދުންމަތީ އުތުރުބުރި އިހަވަންދޫއަށެވެ. މިރަށުގައިވެސް އެމްޑީޕީގެ ކެމްޕޭން ހަރަކާތްތައް ރައީސް ނަޝީދު ކުރިއަށް ގެންގޮސް ދެއްވާނެއެވެ. އިހަވަންދޫއަށް ފަހު ރައީސް ނަޝީދު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އެއަތޮޅު ދިއްދޫއަށެވެ. ދިއްދޫގައި ރިޔާސީ ކެމްޕޭން ޓީމާ ބައްދަލުކުރައްވާނެއެވެ. އަދި ދިއްދޫގައި “އެއްބުރުން ބޮޑުތިލަދުންމަތި” ޖަލްސާ ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝީދު ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފަހު މަންޒިލަކަށް ވަޑައިގަންނަވާނީ ތިލަދުންމަތި ދެކުނުބުރި ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުށީގައި އެމްޑީޕީގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންގޮސްދެއްވާނެއެވެ. އަދި “އެއްބުރުން ބޮޑުތިލަދުންމަތި” ޖަލްސާގައި ހުކުރު ދުވަހުގެރޭ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސް ނަޝީދު ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ އެނބުރި ވަޑައިގަންނަވާނީ މެއި މަހުގެ 11 ވަނަ ދުވަހުއެވެ.