ބޮޑު ތިލަދުންމަތީ “އެއްބުރުން” ޖަލްސާތަކުންވެސް އެމްޑީޕީ އަށް އުތުރި އަރަމުންއަންނަ ތާއީދު ފެނިގެންދާނެ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ބޮޑު ތިލަދުންމަތީ “އެއްބުރުން” ޖަލްސާ ތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް މިއަދު ވަރަށް ހެނދުނާ ފުރާވަޑައިގަންނަވައިފިއެވެ. ބޮޑުތިލަދުންމަތީ “އެއްބުރުން” ބޮޑު ޖަލްސާ ތައް މިފަހަރު ބޭއްވެވުމަށް ހަމަޖެހިފައިވާ ތަރުތީބަކީ 8 މޭ 2013 ވާ ބުދަދުވަހު (މިއަދު) ށަވިޔަނި މިލަންދޫގައި ރޭގަނޑުގެ ބޮޑުޖަލްސާއަކަށްފަހު 9 މޭ 2013 ވަނަދުވަހު ހއ. އިހަވަންދޫގައި އެމްޑީޕީ އުފާވެރި ހަވީރެއްގެ ހަފްލާ އަދި އެރޭ ހއ. ދިއްދޫގައި ބޮޑު ޖަލްސާ، އަދި 10 މޭ 2013 ވާ ހުކުރު ދުވަހު ހދ. ކުޅުދުއްފުށީގައި އުފާވެރި ހަވީރަކާއެކު އެރޭގެ ރޭގަނޑުގެ އިހްތިފާލްތަކާއި “އެއްބުރުން” ބޮޑު ޖަލްސާގެ އެއްވުމެވެ.

ކުޅުދުއްފުށީގައި ބޭއްވޭ އުފާވެރި ހަވީރުގެ މުހިންމު ބައެއް ޚާއްޞަކުރެވިފައިވަނީ ކުޑަކުދިންގެ ހަފްލާއަކަށް ކަމަށާއި، ކުޑަކުދިންގެ ކުރިމަގާމެދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ފާޅުކުރައްވަމުންގެންދަވާ އުންމީދީ ކުރިމަގު މުނާސަބުކުރެވި ކުޅުދުއްފުށީގައި ކުލަގަދަގޮތަކަށް ފާހަގަކުރުމަށް ހަމަޖެހިފައިވާކަމުގައި ރިޔާސީ ކެމްޕެއިންގެ ކުޅުދުއްފުށި ހިމެނޭ ދާއިރާގެ ކޯޑިނޭޓަރ ޞިފާ މުހަންމަދު ވިދާޅުވިއެވެ. ކުޅުދުއްފުށީ ހަވީރަކީ ދާދިފަހުން އައްޑޫ ސިޓީގައި ބޭއްވިގެންދިޔަފަދަ ފަންނީ މައުލޫމާތު ބަދަލުކުރެވުމުގެ އަދި އެކުވެރިކަމުގެ މާހައުލެއްގައި ބޭއްވޭނެ ހަފްލާއެއްކަމުގައިވެސް އެދާއިރާގެ ޓީމުން ޚަބަރުދީފައިވެއެވެ. ހަމައެއާއިއެކު މިލަންދޫ، އިހަވަންދޫ، ދިއްދޫ އަދި ކުޅުދުއްފުށީގައިވެސް އެމްޑީޕީ އިންޞާފުގެ ދަތުރުގެ އަދި ދޭތިން ފަހެއްޗާއި ވަޢުދާއި ހިނގުމުގެ މަސައްކަތު ބައްދަލުވުންތަކާއި ޕްރޮގްރާމްތައް ކުރިއަށް ދާނެކަމުގައި ބޮޑުތިލަދުންމަތީގައި މަސައްކަތްކުރައްވާ އެމްޑީޕީ ޓީމްތަކުން ޚަބަރުދެއެވެ.

މިރޭ ބޭއްވޭ ޚާއްޞަ ޖަލްސާއަށް ށަވިޔަނި އަތޮޅާއި އަދި ބޮޑުތިލަދުންމަތީގެ އެހެންރަށްތަކުން ނުހަނު ފުރިހަމަ ތަރުހީބެއް ލިބިވަޑައިގަންނަވާކަމުގައި، 02 މޭ 2013 ވަނަދުވަހުން ފެށިގެން މިފަހަރުގެ ތައްޔާރީތަކަށްޓަކައި އެއަތޮޅުގެ ރަށްތަކުގައި ކެމްޕެއިންއާއި ގުޅުންހުރި މަސައްކަތުބައްދަލުވުންތައް ހިންގެވުމާއި ދޮރުން ދޮރަށް ހިންގެވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޙާމިދު ޢަބްދުލްޣަފޫރު ފާހަގަކުރެއްވިއެވެ.

ބޮޑު ތިލަދުންމަތީ “އެއްބުރުން” ޖަލްސާތަކުންވެސް އެމްޑީޕީ އަށް އުތުރި އަރަމުންއަންނަ ތާއީދު އިރާދަފުޅާއެކު ފެނިގެންދާނެ ކަމުގައި (މިވަގުތު ރާއްޖެއިންބޭރުގައި ހުންނަވައި) މިޖަލްސާތަކާގުޚޭ މަޢުލޫމާތު ނޫސްވެރިންނަށް ދެއްވުމަށް ފޮނުއްވެވި މެސެޖެއްގައި އެމްޑީޕީގެ ޗެއަރޕާސަން މޫސާމަނިކު ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ އަމާޒުތައް ކަސިޔާރުކޮށްލުމަށް ބަޔަކު ކިތަންމެ ވާހަކައެއް ދެއްކިޔަސް އަޅުގަނޑުމެންގެ މަސައްކަތްތައް ދާނީ ބާރަށް ކުރިއަށް، އާންމު ޖަލްސާ ތަކާ ޚާއްޞަޖަލްސާތަކާ އެއްބުރުން ޖަލްސާތަކާ މުޅިރާއްޖެ ތަމްސީލުވާގޮތަށާ ސަރަހައްދީ ގޮތުގައި އިރާދަފުޅާއެކު ދާނީ ބޭއްވެމުން. އަޅުގަނޑުމެންގެ އަމާޒުތައް ނުވަތަ މެނިފެސްޓޯ އުސްއަލިތަކުގެ އަދި އިތުރު ފަސް ހަ ބުރު އިންތިޚާބުގައި ވޯޓްލުމާ މިދޭތެރޭ އިރާދަފުޅާއެކު ކާމިޔާބު ކަމާ އުފާވެރިކަމާ ލޯތްބާއެކު ބޭއްވިގެންދާނެ” ކަމުގައި ޗެއަރޕާސަން މޫސާމަނިކު ވިދާޅުވިއެވެ.
ބޮޑު ތިލަދުންމަތީ “އެއްބުރުން” ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެތެރޭގައި އަންހެނުންގެ ރޫހުގެ އާއި ޒުވާނުންގެ ހިތްވަރުގެ އަދި ދާއިރާތަކުގެ މެމްބަރުންނާއި، ރައީސްނަޝީދު ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް ޢަބްދުﷲ ޝާހިދާއި އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ހިމެނިވަޑައިގަންނަވާނެއެވެ.