މި ޕާޓީގެ މެމްބަރެއްގެ ގޮތުގައި ޕާޓީއަށް ވަނުމުގެ ފޯމުވެސް ނުފުރެނިސް އަޅުގަނޑު އުޅެންފެށީމެވެ. އަޅުގަނޑު ދިރިއުޅޭ ރަށަކީ ތިހާބޮޑު ރަށެއްވެސްނޫނެވެ. ކަތީބަކީ އަބަދުވެސް އަޅުގަޑުމެން އަލަށް ކަމެއް ކުރިޔަނުދޭން ފާޑުފާޑުގެ އުނދަގޫ ޖައްސާ މީހެކެވެ. އެކަމަކު ބައެއްފަހަރު ކަތީބުމެންގެއަށް އަޅުގަޑު ވަދެ އެގޭ ޖޯލީގައި ޓީވީ ޚަބަރު ބަލަން އޮންނަމެވެ. އެކަހަލަ ދުވަހެއް ވިއްޔާ ޚަބަރުގެ މެދުތެރެއިން ކޮންމެވެސް ޒުވާބެއް ގޭތެރޭގައި އުފެދެއެވެ. ހައްތާވެސް އެމްޑީޕީ އާ ބެހޭގޮތުންނެވެ.
ކޮންމެއަކަސް މިކަހަލަ ހަލަބޮލިކަމެއްގެ ތެރޭގައި ސަރުކާރުބަދަލުވީއެވެ. އެއްކަލަ ކަތީބަކީ މިހާރު އެމްޑީޕީއަށް ގޮސް ހުސްވެފައި ހުންނަ ކަތީބެކެވެ. އޭނާގެ އަންހެނުން ހުރީ އަދިވެސް ޑީއާރޕީވަރެއް ނެތިގެން ހަދާނެގޮތް ބޮޑުވެފައެވެ. އަޅުގަޑަށް ހީވަނީ ދެން ދުވަސްކޮޅަކުން މިރަށުގައިވެސް މީސްމީހުން ތަފާތުސިފަޖެހި ތަފާތު ވިސްނުން ވިސްނަން ފަށާފާނެހެންނެވެ. އަޅުގަޑު މިހުންނަނީ މި ޚިޔާލު ލިޔެގެން އަޅުގަޑުގެ ރަށްޓެއްސަކު ލައްވާ އެމްޑީޕީ އޮފީހަށް ފޮނުވުމަށް ތައްޔާރުވެގެންނެވެ. ޚަބަރުސިޓީ މެދުވެރިކޮށް އަޅުގަޑުގެ ޚިޔާލެއް ލިޔެލީމެވެ.
އަސްލު ދަންނަވަންޏާ މި ރަށަކަށް ޚަބަރުސިޓީއެއް ނުލިބެއެވެ. ދޯންޏަކުން އައިމީހަކު އޭނާ އޮފީސްދޮށަށް ދިޔަ ފަހަރެއްގައި ދަތުރުމަތީ ކިޔާލަން ގެނައި ސިޓީއެއް އަޅުގަޑަށްވެސް ލިބުނީއެވެ. މިރަށުގައި (ނަމެއް އަޅުގަޑު ނުލިޔާނަން. އޭރުން މިރަށުގައި އަޅުގަޑަކަށް ނޫޅެވޭނެ ކަންނޭގެ) ހުންނަނީ ދެ ފިހާރައެވެ. ބޮޑު ފިހާރައިގައި މަސައްކަތު މީހަކަށް އުޅެނީ އަޅުގަޑުގެ ކޮންމެވެސްވަރެއްގެ ތިމާގެ މީހެކެވެ. އޭނާބުނީ ޕްރައިމަރީގައި އޭނާ ވޯޓުލާނީ މިފަހަރު މާލޭގައި ހުރެގެންނޯއެވެ. އޭނާ ހެދީވެސް އެހެންނެވެ. ކީއްވެތޯ އެކަން އެގޮތަށްކުރީ އަހާލީމާ އޭނާ އަޅުގަޑުގާތުގައި ބުނީ މި ރަށުގައި އޮންނަ އެމްޑީޕީގެ ދެގޮފިންކުރެ ގޮތްޕެއްގައި އިސް ވެރިޔަކު ނުހުންނާތީއާއި އަދި އަމުދުން މި ހިސާބުގެ ދާއިރާ އޮފީހުގައިވެސް މީހަކު އިސްވެ ނެތަތީ އެކަމާ ފޫހިވެގެން އެމްޑީޕީގެ ޗެއަރޕަރސަން އަރިހަށް ޝަކުވާ ކުރަން ދިޔައީ ކަމަށެވެ. އޭނާ ބުނީ މިދަތުރު މާލެ ގޮސް 2 ވަނަ ބުރުގައިވެސް ވޯޓުދިނީ މާލޭގައި ހުރެގެންނޯލައެވެ.
އަޅުގަޑު އެހި ގޮތުގައި އޭނާ ޝަކުވާ ކުރަން ވެގެން އެމްޑީޕީ އޮފީސްދޮށަށް ގޮސް ޚަބަރު ބެލިއިރު ޗެއަރޕަރސަން އުޅުއްވަނީ މަޖިލީހުގައި ކަމުން އެތާ ކައިރީގައި ހުންނަ ހޮޓަލަކަށް ގޮސް ސައިބުއީއެވެ. އަދި ސައިބޯން އިންދާ އެމްޑީޕީގެ ބަޔަކު އައިސް އޭނާ ކައިރީގައި ޖައްސާލިއެވެ. އަޅުގަޑުގެ ރަށްޓެހިމީހާ ހަމަވަގުތުން އޭނާގެ ޝަކުވާތައް އޮއްސާލި ކަމުގައި އަޅުގަޑުގާތު ބުންޏެވެ. އަދި ކަންދިމާކުރި ގޮތުން ޚަބަރުސިޓީއެއްވެސް އަތަށް އެރިކަމުގައި އޭނާ ބުންޏެވެ. 3 ވަނަބުރަށް ޕްރައިމަރީ ދާއިރު އަޅުގަޑާ އޭނަޔާ ދެމީހުން މިތިބީ ރަށުގައެވެ.
އަޅުގަޑުގެ ޚިޔާލަކީ ކުދި ރަށްރަށުގައިވެސް ތިބޭ މެމްބަރުންގެ ހާލުއަހުވާލު އެމްޑީޕީގެ އިސް ފަރާތްތަކަށް އެގޭނެ ގޮތެއްހެދުމެވެ. އަޅުގަޑުމެން މިރަށުގައި އަޅުގަޑުމެންގެ ޕާޓީ ކުރިޔަށް ނެރެން ބޭނުމެވެ. އަޅުގަޑުމެންނަށްވެސް ދެރަކަމެއް ވަންޏާ ދެރަވާނެއެވެ. އެފަދައިން ރަގަޅުކަމެއް ވަންޏާ އަޅުގަޑުމެންނަށްވެސް ރަގަޅުވާނެ ނޫންތޯއެވެ. މި ރަށަށް ޚަބަރުސިޓީ ބަރާބަރަށް ލިބޭނެގޮތް ހަދައިދޭނެ ކަމުގައި އަޅުގަޑުގެ ތިމާގެ މީހާ އެބަ ބުނެއެވެ. އޭނާބުނީ އެކަން ކޮށްދެވޭނީ ގޮތެއްގެ މަތިންނޯލައެވެ. އޭނާގެ ޚިޔާލުތައްވެސް އަޅުގަޑު ލިޔެދޭންވީ ޔޯލައެވެ. އޭނާ އުޅޭ ފިހާރަޔަށް މުދާ ގެނައުމަށް ކުރާ ދަތުރުތަކުގައި މިކަން އޭނާއެހުރީ ކޮށްދޭގޮތަށެވެ. ދެން އޮތީ މި ރަށުގައި ތިބި އެމްޑީޕީ މެމްބަރުން އެ ސިޓީ ގަތުމެވެ. ހަމަ ގައިމުވެސް އަޅުގަޑު މިހިރީ އެ އެއްޗެތި ހިފައިގެން ރަށު ތެރެއަށް ނުކުމެ ވިއްކަން ތައްޔާރަށެވެ. ފިހާރަ ސޭޓަށްވެސް މި ސިޓީ ދޭން އޮތީ އަޅުގަޑު ރާވާފައެވެ. އޭނާއަކީ އަދާލަތުގެ މީހެއްކަމަކު އެމްޑީޕީގެ ޖަލްސާއެއްއޮންނަރެއެއްވިއްޔާ ހުންނަނީ އެޖަލްސާގެ ސީޑީއެއް ހޯދުމަށް އަވަސް އަރައިގެންފައެވެ.
ނަމަވެސް މިކަން އަޅުގަޑަށް ވާން އަންނަނީ ތިޔައިގެ ތެރެއިން ކޮންމެވެސް މީހަކު އަޅުގަޑަށް އެހީތެރި ވެދީގެންނެވެ. މާލޭގައި އޮޑިދޯނިފަހަރު ލަފާ ދިމާލުގައި އަބަދުވެސް މި ސަރަހައްދުގެ ކޮންމެވެސް ދޯންޏެއް ލަފާފުރާނެއެވެ. އޮފީހުގެ ބޭފުޅަކަށްވެސް މިކަމުގައި އަޅުގަޑަށް އެހީތެރި ވެދެއްވި ދާނެތާއެވެ. މިކަން ވޭތޯ އަޅުގަޑު ބަލާނަމެވެ. ރަށުގެ ނަން ދެންނެވޭނީ ކޮންމެވެސް އެހެން ފަހަރަކުންނެވެ. އަޅުގަޑަކީ ލިޔާހިތްވާ މީހެކެވެ. ދެހަފްތާއިން އެއްހަފްތާ ހަމަގައިމުވެސް އަޅުގަޑުގެ ޚިޔާލުތައް ތިޔަ އޮފީހަށް ފޮނުވޭވަރު ވާނެއެވެ.
މިވަގުތު އަޅުގަޑަށް އެންމެ ބޮޑުވެގެން އުޅޭ މައްސަލައަކީ މި ހިސާބަށް އަލަށް ފޮނުއްވި ކައުންސިލަރެއްނޫނެވެ. މި ރަށު ކަތީބެއްވެސް ނޫނެވެ. މައްސަލަޔަކީ އަޅުގަޑުގެ ތިމާގެ މީހާ މަސައްކަތްކުރާ ފިހާރައަށް މުދާ ހޯދުމަށް އަރައިގެން އުޅޭ ދައްޗެވެ. ބޭންކުގާތަށް ދަތުރު ހަދައިގެން ދިއުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ފިހާރައިގެ ސޭޓު ބުނެއެވެ. ޑޮލަރު ފިލައިފިއެވެ. ހައްތަހާވެސް މީހުން ދައްކަނީ މާލޭގައި ކަންބޮޑުވެގެން އުޅޭ ވާހަކައާއި އޯޑިޓް އޮފީހުގެ ރިޕޯޓްތަކުގެ ވާހަކައެވެ. އަޅުގަޑު ރަށްޓެހިވާން އުޅޭ އަންހެން ކުއްޖާވެސް މިހާރު ހުންނަނީ އޭނާގެ މޭކަޕް ސާމާނާ ހެދުންތަކާ ތަކެތި ފަސޭހައިން ބަދަލު ނުކުރެވޭތީ އާނުކުރެވޭތީ އަދި އޭނާއެހޯދާ ލަވަ ސީޑީތަކާ ބައިވަރު އެހެނިހެން ސާމާނު ގަންނަން ނުލިބޭތީ ވަޒީފާއެއްލިބޭތޯ މާލެދާން ނިންމައިގެނެވެ. ނަމަވެސް އަޅުގަޑަކީ މިރަށް ދޫކޮށް މާލެދާން ބޭނުންނުވާ މީހެއް ކަމުން މިހާރު މިހުންނަން ޖެހެނީ ސުވާލުމާކެއްގެ ތެރޭގައެވެ. އަޅުގަޑަށް އެކުއްޖާ ވަރަށް ހެވެވެ. އަޅުގަޑުމެން ބައްދަލުވީ އެމްޑީޕީގެ ޖަލްސާއަކަށް މިރަށު ކައިރީގައި އޮންނަ ބޮޑުރަށަކަށް ދިޔަ ފަހަރެއްގައެވެ. އޭނާއަކީވެސް މެމްބަރެކެވެ. އެކަމަކު އޭނާގެ ޚިޔާލު މިހާރު ހުރީ އަވަސްގޮތަކަށް މާލެގޮސް ރަގަޅު ވަޒީފާއެއް ހޯދައިގެން އޭނާގެ ތިމާގެ މީހެއްގެ ގެއަށް ފައިބާ ހުންނާށެވެ.
އަޅުގަޑު މިރާވަނީ މިރަށުގައި އޮތް ދެގޮފިންކުރެ އެއްގޮފީގެ ހިންގާ ސެކްޓަރީކަން ލިބޭތޯ މަސައްކަތް ކުރާށެވެ. މި އިންތިޚާބުގެ ކަންތައްގަޑު ނިމޭ ދަޑިވަޅުގައި ގޮފީގެ ގޮޑިތަކެއް އަދި ދާއިރާގެވެސް ގޮޑިތަކެއް ހުސްވާނެކަން އަޅުގަޑަށް އެބައެގެއެވެ. އަދިވެސް އަޅުގަޑުގެ ޚިޔާލުތަކެއް އެބަހުއްޓެވެ. އެކަމަކު ފުރުސަތެއް ލިބިއްޖިއްޔާ ނޫނީ ތިޔަބޭފުޅުންނާ އަޅުގަޑު ބައްދަލު ވާނެހެނެއް ހިޔެއްނުވެއެވެ.