މެމްބަރެއްގެ ޚިޔާލު: ރައްޔިތުންގެ ވެރިކަމުގެ ބިނާ

ދިވެހިރާއްޖެއަށް މިގެނެވުނު ބަދަލަކީ ރާއްޖޭގެ ތާރީޚް މިވީހާތަނަށް ދެކިފައިވާ ކަމެއް ނޫނެވެ. އަޅުގަޑުމެންގެ ހަޔާތުގައި މިބަދަލު އައުމުން އެކަމުގެ އިހްސާސް ކިތަންމެ ކުޑަ ކަމުގައި ވިޔަސް ކަމާއިމެދު ވިސްނުން ހިންގާލައިފިނަމަ ކަމުގެ ބޮޑުކަން ގަބޫލު ކުރެއްވޭނެއެވެ. ގަބޫލު ކުރެއްވިއަސް އަދި ނުކުރެއްވިއަސް މިއީ ދިވެހި ތާރީޚް ދެކިފައިވާ ވަރަށް ބޮޑު ސިޔާސީ އިންގިލާބެކެވެ. އެއް ހަމައަކުން ބައްލަވައި ލައްވައިފި ނަމަ މިކުރެވުނު ކަމަކީ، ނަމުގައި ހިންގަމުން ގެނައި ރިޔާސީ ނިޒާމުގެ ވެރިކަން އޭގެ އަސްލު ބިންގަލާ ހަމައަށް ގެނައުމެވެ. ރައްޔިތުންގެ ވެރިކަމެއްގެ ބިނާ ފެށުމުގެ މަރުހަލާއާއި ހަމައަށް އާދެވުނީއެވެ.
މިމަސައްކަތުގެ ތާރީޚީ ހަގީގަތަށް ބަލައިލުމަކީ ބޭނުންތެރި ކަމެކެވެ. ހަގީގަތަކީ ކޮންމެ ޒަމާނެއްގައިވެސް ހައްގު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ބަޔަކު ތިބޭކަން ހަމަ އެސިފައިގައި ފާހަގަ ވުމެވެ. މިފާހަގަ ކުރި ބަޔަކަށް ކުރިމަތި ވެފައިވަނީ ނާއިންސާފާއި އިންތިހާ ދަރަޖައިގެ އަނިޔާއެވެ. މިފަހަރުގެ ބަދަލުގެ ހަގީގީ މަސައްކަތް ފެށިފައި ވަނީ އެތަކެއް ބައެއްގެ ހިތްވަރާއި ކެރުމާ ހީވާގި ކަމާއިއެކު މަގްސަދު ހާސިލް ކުރުމަށްޓަކައި އިޚްލާސްތެރިކަމާއި ކެތްތެރިކަމާއިއެކު މަސައްކަތުގައި ދެމިތިބުމުގެ ގުރުބާނީގެ ސަބަބުން ހޯދުނު ކާމިޔާބީގެ މިސާލެކެވެ. ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއްކަމުގައި ވީނަމަވެސް މިކަމަކީ ދުނިޔޭގެ ސިޔާސީ ހަޔާތުގައި ރަން އަކުރުން ފާހަގަ ކުރެވިފައި އޮންނާނެ ތާރީޚީ ހަގީގަތެކެވެ. ސަބަބުތައް ގިނައެވެ. އެއްކަމަކީ ކުރީގެ ސަރުކާރުތަކުން ހިންގަމުން ގެނައި އިންތިހާ ދަރަޖައިގެ އަނިޔާވެރި ކަމުގެ މައްޗަށް ކާމިޔާބު ހޯދުނުކަމެވެ. އަނިޔާ ލިބެމުން އައި ބަޔެއްގެ އިންސާނީ ކަރާމާތާއި ހައްގު ހޯދުމަށް ލިބުނު ކުރިއެރުމެކެވެ. އަނެއްކަމަކީ އިންސާނީ މުޖްތަމައުގެ ހަމަޖެހުމަށް އޮތް އެންމެ މުހިންމު އަސާސް ކަމުގައިވާ އަދުލުވެރިކަން މިނިވަންވެ މިރޮގުން އަދުލުވެރިކަމާއި ޝަރުއީ ނިޒާމުގެ ލާބައާއި މަންފާ ރައްޔިތުންނަށް ލިބުމުގެ ގާނޫނީ ބާރު ހޯދުނުކަމެވެ. އަދި ވެރިކަމުގެ ބާރު ވަކިވުމާއި ގާނޫނު ހެދުމުގެ ބާރުވެސް ވަކިވެފައި އޮތުމަށް އޭގެ ގާނޫނީ ބާރުތަކާއި އިންތައް ވަކިވެ ޒިންމާދާރު ބާރު ތަކެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އެޅުނު ބިންގަލެކެވެ.
މިދެންނެވި ބިންގާ އެޅުމުގެ މަސައްކަތުގައި އުޅުއްވި ވެރިންގެ ހިކްމަތާއި ރޭވުންތެރި ކަމުގެ ސަބަބުން އިންގިލާބު ގެނައުމަށް ބޭނުންވާ މައިގަޑު ހުރިހާ ދާއިރާއެއްގައި އަޑުއުފުލާ ވަކާލަތުކޮށް ގާނޫނީ ބާރުތައް ހޯދުމުގެ މޭސްތިރިންގެ ގޮތުގައި ރެޔާއި ދުވާލު މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. މިދެންނެވި ދާއިރާތަކުގައި ސިޔާސީ ލީޑަރުންނާއި ހަރަކާތްތެރިންނާއި ރައްޔިތުންގެ މަޖްލިސްގެ މެންބަރުން ހިމެނުނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ދިވެހިރާއްޖޭގައި ހިންގަމުން އައި ބާތިސްޓު ވެރިކަން މުލުން ލުހިގެން ދިޔުމެވެ.
މިބަދަލު އައުމުގައި ދުނިޔޭގެ ތަހުޒީބު ގައުމުތަކާއި އަވަށްޓެރި ގައުމުތަކުގެ ހިއްސާ ކުޑައެކޭ ދެންނެވޭކަށް ނެތެވެ. ބަދަލުގެ މައިގަޑު ހަރަކާތް ދިވެހިރާއްޖޭގައި ހިގި ކަމުގައި ވިޔަސް އަވަށްޓެރި ސްރީލަންކާ އަކީ ބަދަލުގެ ހިތް ކަމުގައި ބެލެވޭއިރު އިގިރޭސި ވިލާތާއި ޔޫރަޕް އެއީ ސިކުޑި ކަމުގައި ދެންނެވުމީ އަޅުގަޑު ގަބޫލުކުރާ ހިތްވާ ގޮތެވެ. ހަމަ އެއާއިއެކު އިންޑިޔާއަކީ މިދެންނެވި ހަރަކާތް އެންމެ ގާތުން ބައްލަވަން އޮތް މަދަދުގާރެކެވެ. ކޮންމެއަކަސް ބަދަލު މިއޮތީ އަތުގައެވެ. އެކަމަކު މިފަދަ ބަދަލަކަށް އަންނައިރު މެދުވެރިވާނެ ކިތަންމެ ރަގަޅުތަކަކާއި ނުބައިތަކެއް ހުންނާނެކަން ގަބޫލުކުރަން ޖެހެއެވެ. އެއީ އިންސާނީ ތަބީއަތުގައި ކަންހިގާ ގޮތް މެއެވެ.
މިއިންގިލާބު ގަބޫލު ކުރަން ދަތިވި ކިތަންމެ ބަޔަކު ތިބި ނަމަވެސް ބަދަލާ ކުރިމަތިލުމަށް ގާނޫނު އަސާސީ އިސްލާހު ކުރެވުމާއި މަޖިލީހުގެ މެންބަރުން ކުރެއްވި ގިނަގުނަ މަސައްކަތުން ދިވެހިރާއްޖޭގެ ދުސްތޫރައަށް ބަދަލު ގެނެވުނެވެ. ހަމަ އެއާއިއެކު މިބަދަލުގެ ހަމަތަކުގެ ތެރެއިން ހިންގަންޖެހޭ ކަންތައް މިހާރުން މިހާރަށް ދިވެހި ދައުލަތް ހިންގުމަށް ބޭނުން ގާނޫނުތަކެއް އެކަށައަޅާ އިސްފަސް ކުރުމުގެ ކަސްރަތު ނުހިންގި އޮތްކަމީ، މަޖިލީސް މެންބަރުން އުޅުއްވި ބުރަކަމުގެ ސަބަބުން ނޫނީ އެހެނިހެން ސަބަބުތަކާއި ހުރެ ނަމަވެސް ނުކުރެވިފައި އޮތް ކަމެއްކަމުގައި ފާހަގަވެއެވެ. ކަމުގެ ސަބަބުން އާ ސަރުކާރަށް ކުރިމަތިވާ ބޮޑެތި ދަތިތަކެއް ހުރިކަން ކަށަވަރެވެ. އެހެނީ މިހާރު އުފެދިފައި މިއޮތް ރައްޔިތުންގެ ސަރުކާރުގެ މައްޗަށް އޮތް އެންމެ ބޮޑު މަސްއޫލިއްޔަތަކީ ގާނޫނުގެ ވެރިކަން ހިންގުމެވެ. ގާނޫނުގެ ވެރިކަން ހިންގޭނީ ގާނޫނު އަސާސީގައި ބަޔާން ކުރެވިފައި ހުރި ކަންކަން ހިންގުމަށްޓަކައި އެ ގާނޫނުއަސާސީއަށް އަމަލު ކުރެވޭނެ ގާނޫނު ތަކެއް ހެދިފައި އޮވެގެންނެވެ. އިސްލާހު ކުރަންޖެހޭ 200 އެތަކެއް ގާނޫނެއް އޮތްކަމާއި މިހާރުން މިހާރަށް ކޮންމެހެން ބޭނުން އަލަށް ހެދެންޖެހޭ ގާނޫނު ތަކެއް ހުރިކަމީ ގާނޫނީ ފަރާތްތަކުން ފާހަގަ ކުރަމުން ގެންދާ ކަމެކެވެ. ވީމާ ރައްޔިތުންގެ ވެރިކަމެއް ގާއިމު ކުރެވެން އެޅޭ ބިންގަލުގެ މަރުހަލާގައި ގާނޫނާއި އަދުލުވެރި ކަމުގެ ހަރުދަނާ އަސްލުތަކުގެ މައްޗަށް ބިނާކުރެވޭނެ ހަމަތަކުގެ މަތިން ރައްޔިތުންގެ ވެރިކަމުގެ ގާނޫނީ އަދި ޝަރުއީ ބިންގާ އެޅުމަކީ ރައްޔިތުންގެ މަޖިލީހާއި ވެރިކަމާއި ގާނޫނީ ދާއިރާގެ މުފައްކިރުންގެ ބައިވެރިވުމާއި ހިއްސާ އެކުލެވިގެން ހިގާންޖެހޭ ކަމެކެވެ. (ނިމުނީ)