މި ޒިޔާރަތުގައި ފޯކައިދޫ ގައި ހަރަކާތްތެރިވާ ކެމްޕެއިން ޓީމަށް އަމާޒުކޮށް ވަނީ ވޯކުޝޮޕެއްބާއްވާ މަޢުލޫމާތު ދެއްވާފައެވެ. އެމް.ޑީ.ޕީ ގެ މި ވަފުދު ވަނީ މިހާރު އެމް.ޑީ.ޕީ އިން ކުރިޔަށް ގެންދާ ދޭތިން ފަހެތި ކެމްޕެއިން މުޅިރާއްޖޭގައި ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ފޯކައިދޫގެ އެމް.ޑީ.ޕީ މެމްބަރުންނަށް އަރުވާފައެވެ. އަދި މަޢުލޫމާތު ބަދަލް ކުރުމުގެ ސެޝަންގެ ތެރެއިން، ފޯކައިދޫގައި ހަރަކާތްތެރިވާ ދޭތިންފަހެތި ކެމްޕެއިން ޓީމުން މިހާތަނަށް ކުރިޔަށް ގެންދެވުނު މަސައްކަތްތައް ވަނީ މި ވަފުދާއި ހިއްސާ ކޮށްފައެވެ. މިގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ކުރިޔަށްދިޔަ ދޮރުން ދޮރަށް ކެމްޕެއިންގެ މައޫލޫމާތު ވަނީ ހިއްސާ ކޮށްފައެވެ. އަދި މި ހަރަކާތް ވަރަށް ކާމިޔާބުކަމުގައި ފޯކައިދޫ އެމް.ޑީ.ޕީ ދޭތިން ފަހެތި ކެމްޕެއިން އޮފީހުން މަޢުލޫމާތު ދީފައި ވެއެވެ.
ފޯކައިދޫ ރައްޔިތުންގެ ފަރާތުން ވަނީ އެރަށުގެ ބަނދަރުގެ މައްސަލަ މިސަރުކާރުން ހައްލުކޮށްދެއްވާނެ ކަމަށްބުނެ އެތައްފަހަރަކު ވަފުދުތައް ޒިޔާރަތް ކުރައްވާފައި ވީކަމުގައި ވިޔަސް، އެކިފަހަރުމަތިން ކަނޑައަޅަމުން އައި ތާރީޚުތައް ފަހަނައަޅާ ގޮސްފައިވަތީ މިކަމުގެ ކަނބޮޑުވުން ފާޅުކޮށްފައެވެ. މިކަމަކީ މި ސަރުކާރަށް ކުރެއްވޭނެ ކަމެއްނޫންކަމަށާއި، މިސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަކީ ސަރުކާރު ބައިބަޔަށް ފޮތިފޮތި ކޮށްލުން އެކަނިކަމަށް ފޯކައިދޫގެ ރައްޔިތުން ވަނީ ފާހަގަ ކޮށްފައެވެ.
މީގެ އިތުރުން އެމް.ޑީ.ޕީ ސަރުކާރުން ފެއްޓެވި ދަތުރުފަތުރު ކުރުމުގެ ނިޒާމް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުންވެސް ވަނީ ފާޅުކޮށްފައެވެ. އަދިވެސް ރައްޔިތުންނާއި ގުޅުންހުރި އެތައް ކަންކަމެއް މިސަރުކާރުން ހުއްޓުވާފައިވާތީ އެކަމުގެ ކަންބޮޑުވުންވެސް ވަނީ ފާހަގަ ކޮށްފައެވެ. އެމް.ޑީ.ޕީ ގެ މި ވަފުދު ގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލް ޣަފޫރުގެ އިތުރުން ދާއިރާގެ ރައީސް އަބުދުﷲ ރަޝީދު ބައިވެރިވެ ވަޑައިގެންނެވެވިއެވެ.