ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ގަސްދުކުރާއިރު …

ދިވެހީންގެ ތެރެއިން ސިޔާސީ ގޮތުން ވިސްނާ ގިނަ ބައެއްގެ ސަމާލުކަން މިއަދު ހުއްޓިފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށެވެ. އިންތިޚާބު ބާއްވާ ވަކި ތާރީޚެއް ކަނޑައެޅިފައި ނެތް ނަމަވެސް ގާނޫނު އަސާސީގައި 15 ފެބްރުއަރީ 2009 ގެ ކުރިން އެ އިންތިޚާބު ބޭއްވުމަށް ކަނޑައެޅި ބަޔާން ވެފައިވާތީ އިންތިޚާބަށް ކުރިމަތިލުމަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ވަކި މީހަކު އިންތިޚާބު ކުރުމުގެ ޝައުގުވެރިކަން އޮތް ފަރާތެއް ވިއްޔާ މިހާރު ގެންދަނީ ކެންޕޭން ކުރަމުންނެވެ. އަދި މިކަމުގައި ގިނަ ބަޔަކު ޝާމިލުވެ ވާދަވެރިކަމުގެ ރޫހު ދުވަހެއް ދުވަހަކަށް އިތުރުވަމުން ގެންދެއެވެ. ސައިހޮޓާ ތަކާއި ރެސްޓޯރަންޓް ތަކާއި ހޮޅުއަށިތަކާއި ގޭގޭގެ ސިޓިންގ ރޫމާއި ޖޯލިފަތިތަކުގައި ދޭދޭ ކޮންމެ މީހެއްގެ ދެމެދުގައި ދެކެވެމުން އަންނާތީ އަޑުއިވެނީ އިންތިޚާބުގެ ވާހަކައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް ޚާއްސަވާ ގިނަ ސަބަބުތަކެއް މިއަދު ފެންނަން އެބަހުއްޓެވެ. ފުރަތަމަ ސަބަބަކީ ރައްޔިތުންގެ އަދަދަށް ބަލައި އިންތިޚާބީ ދާއިރާތަކެއް ކަނޑައެޅުމުން މަޖިލީހުގައި ހުންނަ ގޮނޑީގެ އަދަދު ގިނަވުމެވެ. ދެވަނަ ސަބަބަކީ ސިޔާސީ ޕާޓީތައް އުފެދި، އެފަދަ ޕާޓީތަކުން ޓިކެޓް ލިބިގެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރުމަށް އިންތިޚާބުގައި ވާދަކުރުމެވެ. ތިންވަނަ ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ޓީވީ އާއި ރޭޑިޔޯ މެދުވެރިކޮށް ރައްޔިތުންނަށް ފެންނާން ފެށުމުން އެ މަޖިލީހާމެދު ހޭލުންތެރިވެ އެކަމަށް ޝައުގުވެރިވުމެވެ. މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުވެގެން ދިޔުމަކީވެސް ސަބަބެކެވެ.

އިސްވެ ދިޔަ ހުރިހާ ކަމެއްގެ ތެރެއިން ކުރިއަށް އޮތް އިންތިޚާބު މުހިންމުވާ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގައި އޮތް 30 އަހަރުގެ ޚުދުމުޚްތާރު ވެރިކަން ވައްޓާލައި ގިނަ ޕާޓީ އެކުލެވޭ އިންތިޚާބަކުން އެމްޑީޕީ އިއްތިހާދުގެ ވެރިކަމެއް އައުމެވެ. އަދި ނިމިދިޔަ ވެރިކަމުން ރައްޔިތުންނަށް ވެފައިވާ އިހްމާލުތައް ބަލައި އެކަމަށް ފިޔަވަޅު އެޅުމަށް ގޮވާލާ އަޑުތައް ގަދަވެ، ގިނަވެގެން ދާއިރު އެކަމަށް ފިޔަވަޅު އެޅުމަށް އޮތް އެންމެ ބޮޑު ބާރަކީ ރައްޔިތުންގެ މަޖިލީސް ކަމަށް ވުމެވެ. އަދި ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް ފުއްދައިދޭންޖެހޭ ގިނަ ކަންތައްތަކެއް ހުރެ ރައްޔިތުންނަށް ލިބިދޭން ޖެހޭ އެތައް އަސާސީ ހައްގުތަކެއް ވާއިރު އެކަންކަން ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ސަރުކާރުން މަޖިލީހަށް ބަރޯސާ ކުރަންޖެހިފައިވުމެވެ.

ރާއްޖޭގައި އޮތް ޚުދުމުޚްތާރު ވެރިކަން ވައްޓާލައި ޒަމާނީ ޑިމޮކްރެސީގެ ނިޒާމެއް ގާއިމު ކުރުމަށް ގިނަ މަސައްކަތްތަކެއް ބަޔަކު ކުރަމުން ދިޔަ ދިޔުމުގައި ދިވެހީންގެ ގިނަބައެއްގެ ތެރޭގައި ސިޔާސީ ފިކުރު ވަނީ އަށަގެން ސިޔާސީ ކަންކަމާ ޝައުގުވެރި ވެފައެވެ. އޭގެ ތެރެއިން ބައެއް މީހުން ސިޔާސީ މައިދާނުގައި ވާދަކުރުމުގެ ނިޔަތް ގަނެ އެމަސައްކަތަށް ފަށައިގަނެގެން ކުރިއަށް އެބަ ގެންދެއެވެ. މީގެ ކުރިން ވެރިކަމުގައި ތިބޭ ބަޔަކާ އާއިލީ ގޮތުންނާއި، ވިޔަފާރީގެ ގޮތުންނާއި އެނޫންވެސް އިޖްތިމާއީ ގުޅުމެއް އޮންނަ ފަރާތްތަކަށް އެފުރުސަތު ލިބިފައި އޮންނަ އޮތުން މިހާރު ވަނީ ނެތިފައެވެ. އޭގެ ބަދަލުގައި އިޖްތިމާއީ ތަފާތު ގިންތި ތަކުގައި ހިމެނޭ ފަރުދަކަށްވެސް ގިނަ ބައެއްގެ ތާއީދު ހޯދުމަށް މަސައްކަތް ކޮށް ގައުމީ ޚިދުމަތެއް ގައުމަށް ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޖަށް ނުކުތުމުގެ ދޮރު މިހާރު ވަނީ ހުޅުވިފައެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކުރިމަތިލާ އެކަމުގެ ކެންޕޭން ކުރަމުންދާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް އެ މަޖިލީހުގައި އަދާކުރަންޖެހޭ ދައުރާމެދު ވިސްނާލުން މުހިންމެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލާން ޖެހޭނީ ބަސްމޮށުންތެރިކަމަށް ކުޅަދާނަ ދޫހެލޭ މީހެކެވެ. އަތޮޅުތަކުގައި އުޅޭ ބައެއް މީހުން ޓީވީން މަޖިލީސް ޖަލްސާތައް ބެލުމަށްފަހު އެ މަޖިލީހުގައި ގިނަގިނައިން ވާހަކަ ނުދައްކާ މީހަކީ އެމީހުންގެ ހައްގުތަކަށް އަޑު އުފުލާ، މަސައްކަތްކުރާ މީހެއް ނޫންކަމަށް ބުނެއެވެ. މިކަމުގައި ފާހަގަ ނުވެ އޮންނަ ކަމަކީ މަޖިލީހުގައި އަޑުގަދަކޮށް ވާހަކަ ދައްކާ ބައެއް ފަރާތްތައް އެފަދަ ވާހަކަތައް ދައްކަނީ އެމީހުންގެ އަމިއްލަ ޕްރޮމޯޝަނަށެވެ. އަނެއްބައި ފަހަރު ޒާތީ ހަސަދައެއް ފިލުވާލައި އަނެއް މީހާ ފަސީހަތްކޮށްލުމުގެ ބޭނުމުގައެވެ. ޖަލްސާތަކުގެ ޔައުމިއްޔާއަށް ބަލާއިރު މަޖިލީހުގައި އަޑުގަދަކޮށް ގިނަގިނައިން ވާހަކަ ދައްކާ ބައެއް މީހުންގެ ވާހަކަތަކުގައި ތައާރަޒްތައް ނުހަނު ގިނައެވެ.

ރާއްޖޭގެ ކަންކަން އިސްލާހުވެ، ހެޔޮ މަގުން ހިގައި، އުފާވެރި ދިރިއުޅުމެއް އުޅުމަށްޓަކައި ކަންކަމާއިމެދު ދެކޭ ގޮތަށް ބަދަލު އަންނާން ޖެހެއެވެ. މި ވިސްނުމުގައި ކުރިއަށްދާއިރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް އަންނަންޖެހޭ މީހުންގެ ކިބައިގައި އެމީހުންގެ އަމިއްލަ ޒާތުގައި ވަކި ސިފަތަކެއް ހުރުން މުހިންމެވެ. އަދި ވަކި ކަހަލަ މައުލޫމާތާއި ވަކި ކަހަލަ ހުނަރުތަކެއް ހުރުންވެސް މުހިންމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ގާބިލު މީހަކީ ބަސްމޮށުންތެރިކަމަށް ކުޅަދާނަ، ދޫހެލޭ މީހަކަށް ވާކަށް ނުޖެހެއެވެ. ނުވަތަ އެމީހަކީ ކޮންމެހެން ޕީއެޗްޑީ އެއް އޮންނަ ނުވަތަ ޔުނިވަރސިޓީއެއްގެ ހަތަރުފާރު ތެރޭގައި ދެތިން އަހަރު ވެފައިވާ މީހަކަށް ވާކަށްވެސް ނުޖެހެއެވެ. އަދި އެމީހަކީ ގާނޫނީ ވަކީލަކަށް ވާކަށްވެސް ނުޖެހެއެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކީވެސް އެމީހުން ކުރާ ކަންކަމުގައި ގާނޫނީ ލަފާ އަބަދުމެ ހޯދަމުންދާ ބަޔަކަށް ވާންޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ގާނޫނުތައް ހަދާ، ހެދިފައިވާ ގާނޫނުތަކަށް ފާޑުކިޔާ، އެތަކެއްޗަށް ހެޔޮ ބަދަލު ގެންނަން މަސައްކަތްކުރާ ބައެކެވެ. ގާނޫނަކީ އެ ގާނޫނެއް ހެދޭ ދައުލަތެއްގެ ކޮންމެ ފަރުދަކުވެސް އެމައްޗަށް އަމަލު ކުރަންޖެހޭ އެއްޗެކެވެ. ވުމާއިއެކު، ގާނޫނަކީ އެ ދައުލަތުގައި ދިރިއުޅޭ ކޮންމެ މީހަކަށްވެސް ގުޅުން ހުރި އެއްޗަކަށް ވާންޖެހެއެވެ. އެދައުލަތުގައި ދިރިއުޅޭ ކޮންމެ މީހެއްގެ ހައްގުތައްވެސް ހިމާޔަތްކުރެވޭ އެއްޗަކަށް ވާންޖެހެއެވެ. އެހެންކަމަށް ވުމާއިއެކު ގާނޫނު ހަދާ މަޖިލީހެއްގައި ދައުލަތުގައި ހިމެނޭ ހުރިހާ އިޖްތިމާއީ ފަންތިއެއްގެ އަދި ފަންނީ ހުރިހާ ދާއިރާއަކަށް ނިސްބަތްވާ، ތަފާތު މައިގަޑު ވިސްނުންތަކުގެ އަންހެނުންނާއި ފިރިހެނުން ތިބުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ ހެދޭ ކޮންމެ ގާނޫނަކީވެސް މިދެންނެވި ހުރިހާ ބައެއްގެ ދިރިއުޅުމާމެދުވެސް ވިސްނިގެން އުފެއްދޭ އެއްޗަކަށް ވުމެވެ.

ނަމަވެސް، ގާނޫނެއް ހެދިގެން ދާއިރު، މަޖިލީހެއްގެ ތެރޭގައި އުޅޭ ކޮންމެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކަކާއި ހުނަރުތަކެއް ވެއެވެ. މިގޮތުން އެއް މެމްބަރަކު އަނެއް މެމްބަރަކަށް އިހްތިރާމް ކުރުން މުހިންމެވެ. އަދި ކޮންމެ މެމްބަރަކީވެސް، ގާނޫނަކަށް ޚިޔާލެއް ހުށަހެޅިގެންދާ ހިނދު އެއާއިމެދު އަނެއްކެއްގެ ޚިޔާލު އަޑުއަހައި ވިސްނާލުމުގެ ކެތްތެރިކަން ލިބިފައިވާ، ތަފާތު ޚިޔާލަކަށް ޖާގަދެވޭ މީހަކަށް ވާންޖެހެއެވެ. އަދި ކޮންމެ މެމްބަރަކީވެސް އަނެކަކާއެކު މަސައްކަތް ކުރެވޭނެ، ނުވަތަ ޓީމެއްގައި ނުވަތަ ގްރޫޕެއްގައި މަސައްކަތް ކުރެވޭނެ، ދެފަރާތުން ދަމާކަނޑާ އެއް ނިންމުމަކަށް އައުމަށް ވާހަކަ ދެއްކުން ނުވަތަ ނެގޯށިއޭޓް ކުރުމާއި، އެކުވެރި މާހައުލެއްގައި މަސައްކަތް ކުރެވޭނެ މީހަކަށް ވާންޖެހެއެވެ.