ރިޔަލު ދޯނިފަހަރުގައި އިންޖީނު އެޅުމާއި ލާމަރުކަޒު ކުރުން

1974 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހަކީ ރާއްޖޭގައި ދުއްވަމުން އައި ރިޔަލު ދޯނިފަހަރުގައި އިންޖީނުއަޅައިގެން ދުއްވަންފެށި ދުވަހެވެ. އެދުވަސްވަރު ދިވެހިންނަށް އިންޖީނާ ބެހޭގޮތުން އެނގޭ މިންވަރަކީ، އިންޖީނަކީ ބަރުއެއްޗެއްކަމާއި އަޑުގަދަކަމާއި ތެޔޮ އަޅަންޖެހޭކަމާއި ރިޔަލުދޯނީގައި އިންޖީނު އަޅާނަމަ ދޯނީގެ ކޮޅުފަސްކޮޅުން ލޯވަޅެއް އަޅަން ޖެހޭކަމެވެ. ބުރަފަތި ދަނގަޑު ނެރުމަށެވެ. ދިވެހި މާވަޑިން ރިޔަލު ދޯނިފަހަރު ފަރުމާކޮށްފައިވަނީ އިންޖީނު ހަރުކުރުމަށް ވިސްނައިގެނެއް ނޫނެވެ. ނަމަވެސް ރިޔަލު ދޯނިފަހަރުގެ ކޮޅުފަސްކޮޅަށް ގެނެވުނު ބަދަލާއެކު މާވަޑިން އެދޯނިފަހަރުގައި އިންޖީނު އެޅިއެވެ. ނަތީޖާ ރަނގަޅެވެ. ގިނަގުނަ ފައިދާ ރާއްޖޭގެ އިޤްތިސާދަށް އެމަސައްކަތުން ކޮށްފިއެވެ. މިހާރުވެސް ކުރަމުން އެދަނީއެވެ.
ރިޔަލު ދޯނިފަހަރުގައި އިންޖީނު އަޅައިގެން މަސްކަނޑަށް ނިކުތުމުން ލިބޭނެ ފައިދާއާއިމެދު ވަރަށްގިނަ ބަހުސްތައް އެޒަމާނުގައި ކުރެވުނެވެ. ދިވެހިންގެ ތެރެއަށް އަލަށް ކަމެއް ތައާރަފް ކުރާތީއެވެ. ކާމޭޒުމަތީގައި ތިބެއެވެ. ހޮޅުއަށިތަކުގައެވެ. މަހަށް ނިކުމެ އޮޑިފަހަރުގެ ފެންފިލާގަނޑު މަތީގައެވެ. ހޫނުކޮށެވެ. މައިގަނޑުކޮށް ކުރެވުނު ބަހުސަކީ، ރިޔަލު ދޯނިފަހަރު އިންޖީނަށް ބަދަލުކުރުމުން ލިބޭނެ ގެއްލުމުގެ ބަހުސެވެ. ފައިދާގެ ވާހަކަ މާގިނައިން ދެކެވިފައިއެއް ނެތެވެ. މާސް މީޑިއާގެ ވަސީލަތް ނެތުމުން ސަރުކާރުގެ ފަރާތުން އެމަޝްރޫޢުގެ މަޢުލޫމާތު ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދެވޭނެ މާގިނަ ވަޞީލަތްތަކެއް އޭރަކުނެތެވެ. އެއީ މީގެ 35 އަހަރު ކުރިއެވެ. ރިޔަލު ދޯނިފަހަރުގައި އިންޖީނު އެޅުމުގެ ވާހަކަ ސަރުކާރުން ދައްކަމުން ދިޔައިރު އެކަމާ އިންކާރުކުރުމުގެ ގޮތުން މައިގަނޑު މައްސަލަތައްކަމުގައި ވާހަކަ ދެކެވިފައިވަނީ، އިންޖީނުގެ އަޑުގަދަވުމުން މަސްއައިން ތިލަނުވާނެ ވާހަކައެވެ. ނުރައްކަލުގެ ވާހަކައެވެ. މިހިރީ ހައްތަހާވެސް އޭރު އެކާމެދު ދެކެވުނު ވާހަކަތަކެވެ. ރިޔަލު ދޯނިފަހަރުގައި އިންޖީނު އެޅުމުމުގެ ސަބަބުން ދުވެލި ބާރުވެ މަސްކަނޑަށް މާއިރާ ނިކުމެވޭނެ ވާހަކަ ސަމާލުކަމަކަށް ނުގެނެއެވެ. ދުވެލި ބާރުވުމުގެ ސަބަބުން އިޤްތިސާދު ފުޅާވެ ލިބޭނެ ފައިދާގެ ބަހުސްތައްކޮށް އެފިކުރަށް ސަމާލުކަން ދީފައެއް ނެތެވެ. ރިޔަލު ދޯނީގައި އިންޖީނު އަޅަން އުޅުނު ޒަމާނުގައި މިކަން މިމަގަށް ހިނގާދިޔަކަމީ ހަޤީޤަތެކެވެ. މިހަޤީގަތް ޤަބޫލުކުރާނެ ދޮށީ އުމުރުގެ އެތައް ދަރީންނެއް ކާފައިގެންގޮތުގައި ދިވެހިންގެ ތެރޭގައި މިއަދުވެސް ތިބޭނެކަން ކަށަވަރެވެ. ހޮޅުއަށިތަކާއި އުނދޯލިގެތަކުގައެވެ.
ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގާ ވާހަކަ ދެއްކެވި ސަރުކާރު 30 އަހަރުގެ ދިގުލީ ވެރިކަމެއް ކުރެއްވިއެވެ. ވެރިކަމުގެ އެންމެހާ ބާރުތައް މާލެއަށް ޖަމާކުރެއްވި ރަސްރަސްކަލުންގެ އިދާރީ ހިންގުން ތާރީޚްގެ ފަތްފުށްތަކަށް ބަދަލުވެއްޖެއެވެ. ޒަމާނާއެކު ޑިމޮކްރެޓިކް އާސަރުކާރެއް 11 ނޮވެމްބަރު 2008 ވީ އަންގާރަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވެއްޖެއެވެ. އެއީ، އެމްޑީޕީ އިއްތިހާދުގެ ސަރުކާރެވެ. މިސަރުކާރުގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއަކީ މުޙައްމަދު ނަޝީދެވެ. ޑިމޮކްރެޓިކް އުސޫލުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި މިނިވަން އިންސާފުވެރި އިންތިޚާބު ކާމިޔާބު ކުރައްވައިގެނެވެ. މައިގަނޑު 5 ވަޢުދުގެ މައްޗަށް އެކުލަވާލި މެނިފެސްޓޯ ރައްޔިތުން އަސާސަކަށް ބަލައިގެނެވެ. ތަޤުދީރުގެ ނިޔާ ކިތަންމެހާވެސް ފުރިހަމައެވެ.
ޤާނޫނު އަސާސީއާއި އެމްޑީޕީ އިއްތިހާދުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ގޮތުން ރާއްޖޭގެ އިދާރީ ހިންގުން ލާމަރުކަޒު ކުރުމަކީ ކުރަންޖެހޭކަމެކެވެ. ވެރިކަން ކުރާރަށް މާލެއަށް އިންތިހާއަށް ޖަމާކޮށްފައިމިވާ އިދާރީ ހިންގުން އަތޮޅުތަކަށް ނުވަތަ ސަރަހައްދުތަކަށް ދޫކުރަންޖެހެއެވެ. ރައްޔިތުން އެދޭ ކަންކަން ރައްޔިތުންނާއި ހިސާބުން ނިންމާ ގޮތް ކިޔޭނީ ލާމަރުކަޒު ކޮށްގެނެވެ. މިއީ، ދުނިޔެ ތަޖުރިބާކޮށް ކާމިޔާބުކަމާއެކު ހިނގަމުންދާ އޮނިގަނޑެކެވެ. އެކިޤައުމުތަކުގައި އެކިގޮތަށެވެ. އިންޖީނުތައް އުފެއްދުމަށްފަހު އެކި ޤައުމުތަކުގައި އޭގެބޭނުން ކުރަމުންދާ އުސޫލުން ތަޖުރިބާކޮށްފައިވާ ކަމެކެވެ. ދިވެހިންގެ ތެރޭގައި ލާމަރުކަޒީ އުސޫލުތަކާއި އެފަންނު ދަސްކުރައްވައިގެން ތިއްބެވި ދަރީންތަކެއް އެކަށީގެންވާ މިންވަރަށް އެބަތިއްބެވެ. އަދުގެ ސަރުކާރުގެ މުއައްސަސާތަކުގެ ތެރޭގައާއި އަމިއްލަ ޖަމިއްޔާތަކާއި ފަރުދުންގެ ތެރޭގައެވެ. ޤައުމުގެ ތަރައްޤީއާއި ފެންވަރު ރަނގަޅު ޚިދުމަތްތަކާއި ސަރުކާރުގެ އިދާރީ ހިންގުމުގެ ބޮޑުބައެއް މާލެއަށް ޖަމާކޮށްފައި އޮތުމުން އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން މާލެފައިބައިގެން ނޫނީ ގިނަ ކަންތައްތައް ފުރިހަމައެއް ނުކުރެވެއެވެ. ބޮޑު ހޭދައެއް ކުރަންޖެހެއެވެ. ތަކުލީފު އުފުލަންޖެހެއެވެ. އަދުގެ ސަރުކާރުން މިތަކުލީފުތަކާއި ކުރާ ހޭދަތައް ވަރަށްރަނގަޅަށް ދަނެއެވެ. ދިރާސާކޮށްފައި ވެއެވެ. އިލްމީގޮތުންނާއި ފަންނީގޮތުންނެވެ. މިއަދު ރާއްޖެއަށް ދިމާވެފައިވާ މައިގަނޑު އެއްމައްސަލައަކީ ލާމަރުކަޒީ އުސޫލުން ސަރުކާރުގެ އިދާރާތައް ހިންގުމަށް އަމަލު ނުކުރެވިއޮތުމެވެ. ލާމަރުކަޒު ކުރާ ވާހަކަ ހަމައެކަނި ކަރުދާހުގައި ލިޔެފައި އޮތުމެވެ. މުނާސަބު ބައެއް ޖަލްސާތަކުގައި ވެރިން އެވާހަކަ ދައްކާލާފައި ނިންމާލުމެވެ. ރައްޔިތުންގެ އަތްމައްޗަށް ވެރިކަމުގެ ބާރުތައް ދޫކުރުމަށް ނޭދޭ ވެރިން ހުންގާނުގައި ހިތްޕަވައިގެން ތިބެއެވެ. ހަރުދަނާ ރަނގަޅު ބިންގަލެއްގެ މަތީގައި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ ހަރަކާތްތައް އަތޮޅުތެރޭގައި ހަރުދަނާ ކުރެވިފައި ނެތުމެވެ. ނަމަވެސް މިއަދު މިވަނީ ވެރިކަމުގެ ފަރާތުން ރައްޔިތުންގެ އަތްމައްޗަށް ހިންގުމުގެ ބާރުތައް ދޫކުރުމުގެ އަމަލީ މަސައްކަތް ފައްޓަވާފައެވެ. މިފުރުޞަތުގެ ބޭނުން ރައްޔިތުން ހެޔޮގޮތުގައި ހިފާނެކަމާއިމެދަކު ޝައްކެއްނެތެވެ.
އިދާރީ ގޮތުން އަތޮޅުތައް ހިންގުމަށް އެކުލަވާލަންޖެހޭ އޮނިގަނޑު އެކުލަވާލުމުގެ ބާރު ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދެއެވެ. ހަމަމިގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުންކަމަށްވެސް އަސާސީގައި ބަޔާންކުރެއެވެ. ނަމަވެސް އިދާރާތަކާއި މަޤާމުތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފައްދަން ޖެހެނީ ވަކި ޤާނޫނަކުންނެވެ. މިޤާނޫނު ނުވަތަ ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ސަރުކާރުން މިހާރު ކުރައްވަމުން އެގަންދަވަނީއެވެ. 2009 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުގެ ކުރިން ބުނެވިދިޔަ ޤާނޫނު ވުޖޫދަށް ގެނެސް އިންތިޚާބުތައް ބާއްވާ ނިންމަން ޖެހެއެވެ. ލާމަރުކަޒު ކުރުމުގެ ތެދުނިޔަތް ސަރުކާރުގައި އެބައޮތެވެ.
ޤާނޫނު އަސާސީގައި ކަނޑައެޅި ބަޔާންކޮށްފައިވާ އުސޫލަށް ސަރުކާރުގެ އިދާރީ އޮނިގަނޑު އެކުލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތަށް ސިޔާސީ ބޭފުޅުންނާއި ފަރުދުންގެ ފެންވަރުގައި ފާޑުކިޔަން ޖެހެއެވެ. ބިނާކުރަނިވި ގޮތުގައެވެ. މިގޮތުން ކިޔޭ ފާޑަކީ މުޅި ޤައުމުގެ ރައްޔިތުންނަށް އެކަމުގެ ލާބައާއި މަންފާ ލިބެނިވި ފާޑުކިޔުމަކަށް ހެދުމަކީ މުޙިއްމު ކަމެކެވެ. ރާއްޖޭގެ އަތޮޅުތައް ސަރަހައްދީ ފެންވަރުގައި ހިންގުމަށް އަދުގެ ސަރުކާރުން އެކުލަވާލެއްވި އޮނިގަނޑަށް ވާހަކަ ދައްކާ ފާޑުކިޔަމުން ދާއިރު، ރިޔަލު ދޯނިފަހަރުގައި އިންޖީނު އެޅުމަށް އުޅުނު ދުވަސްވަރު ފެންފިލާގަނޑު މަތީގައާއި ހޮޅުއަށިތަކުގައާއި ކާމޭޒުމަތީގައި ދެކެވުނު ވާހަކަތަކަށް ނަޒަރު ހިންގާލުމަކީ މުޙިއްމުކަމެއްކަމުގައި ދެކެމެވެ.