“މިނިވަން މަސައްކަތްތެރިޔާ”ގެ ސިޔާސަތު ކުރިއަށް އޮތް ފަސް އަހަރު އެމްޑީޕީއިން ރާއްޖޭގައި ހިންގާ އިރު ޖުމްލަ ބައި ލައްކައަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އަލަށް އުފެދިގެންދާނެ ކަމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، “މިނިވަން މަސައްކަތްތެރިޔާ ހަމަ އިސްކޮޅަށް ތެދުވެވޭ، ފަޚުރުވެރި ދިވެހީން” މި ނަމުގައި މަސައްކަތްތެރީންގެ އެމްޑީޕީގެ ސިޔާސަތު ޤައުމީ ފެންވަރުގައި ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި އިފްތިތާޙްކޮށްދެއްވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ، އަލަށް އުފެދިގެންދާނެ ވަޒީފާގެ ފުރުޞަތުތަކަކީ އެއީ ތަފާތު ހަތާވީސް ޕްރޮގްރާމްގެ ތެރެއިން އުފެދޭނެ ތިރީސް ހަތަރު ހާސް އައު ވަޒީފާގެ ފުރުޞަތާއި ހުނަރު ޕްރޮގްރާމްގެ ހަ ދާއިރާއަކުން އުފެއްދޭ އިތުރު ސަތާރަ ހާސް ވަޒީފާގެ ފުރުޞަތު ކަމަށެވެ. އެމްޑީޕީގެ ފަރާތުން މިއަދު ދިވެހިރައްޔިތުންނަށް މި ހުށަހަޅާ ސިޔާސަތުގެ ހަޤީގީ މަޤްޞަދަކީ، މަސައްކަތު މީހާ އުވި، މިނިވަން މަސައްކަތްތެރިޔާ އުފަންވުންކަން ފާހަގަކުރައްވަމުން، މިއަދުގެ ދިވެހި މީހާ ބޭނުންވަނީ ކޮންމެ ދިވެއްސަކީ އޭނާގެ ހަމަ އިސްކޮޅަށް ތެދުވެ ހުރި ފަޚްރުވެރި ދިވެއްސަކަށްވުމަށާއި އަޅުވެތިކަމުން ވީއްލިހުރެ، ހަލާލު ގޮތުގައި ހޯދާ އާމްދަނީ ދެގުނަ ވުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިން މަސައްކަތުގެ މައިދާނަށް އަހުލުވެރިކުރުވައި ވަޒީފާއެއް ނެތި ތިބި ދިވެހީންގެ އިންސައްތަ ދަށްކޮށް ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލައިގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން، ބިދޭސީން ގެންނަނީ އެމީހުން މަސައްކަތްކޮށްދޭ އަގު ހެޔޮކަމުންކަމުގައި ވިދާޅުވެ، އަދި މަސައްކަތްތެރިޔާ ނާޖާއިޒު ގޮތުގައި ބޭނުންކުރުން ފަދަ ނާތަހުޒީބީ އާދަތައް ނައްތާލުމަށް މަހަކު ދޭން ޖެހޭ އެންމެ ކުޑަ އުޖޫރަ (މިނިމަމް ވޭޖް) ތަޢާރަފް ކުރެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މިގޮތުން ވިކުރާގެ ގޮތުގައި ދެ މިލިއަން ރުފިޔާ ނުވަންނަ ވިޔަފާރިތައް ފިޔަވައި އެހެން ތަންތަނުގައި ފުލްޓައިމްކޮށް ވަޒީފާ އަދާކުރާ މީހުންނަށް މުސާރައިގެ ގޮތުގައި އެންމެ މަދުންދެވޭނެ އަދަދެއްގެ ގޮތުގައި ހަތަރު ހާސް ފަސްސަތޭކަ ރުފިޔާ ކަނޑައެޅިގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް މުޙަންމަދު ނަޝީދުގެ ވާހަކަފުޅުގައި، “މިނިވަން މަސައްކަތްތެރިޔާ” އެމްޑީޕީ ސިޔާސަތުގައި ދިވެހި ކަނބަލުންނަށް ދެއްވާފައިވާ އަހަންމިއްޔަތުކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މި ގޮތުން އެމްޑީޕީއިން ދެކުނީ ރާއްޖެ ތަރައްޤީވުމުގެ އެންމެ ބޮޑު ޙިއްޞާއަކީ ކަނބަލުންކަމަށް ވިދާޅުވެ، ގެއިން ދޮށީ ޢުމުރުގެ މީހަކަށް ނުވަތަ ކުއްޖަކަށް ކަމެއް ވިޔަސް އެކަމުގެ ހާސްކަމާ ބުރަކަން ވަގުތުން އުފުލަނީ އަންހެންމީހާކަމަށާއި ކަމެއް ދަމެއް ދިމާވުމުން، ފިރިމީހާ ނޫނީ އެހެން މީހަކާ ގުޅައިގެން ލިބުނު ހާސްކަން އިތުރުކޮށް، ފަޚްރުވެރި އަބުރުވެރި ދިވެހި އަންހެނާ އެއްވެސް މީހަކަށް އާދޭސްކޮށް އަޅުދާސް ވާކަށް ނުޖެހޭނެކަމުގައި ރައީސް ވިދާޅުވިއެވެ. އައިޑީ ކާޑްގެ އަގު އެއްލައްކަ ރުފިޔާއަށް އެމްޑީޕީން ހެދީ ހަގީގަތުގައި ދިވެހި ކަނބަލުންގެ ޢިއްޒަތައްޓަކައި، ކޮންމެ މީހަކު ބަލިވިޔަސް ފަޚްރުވެރި ކަމާއެކު އެބަލިމީހާ އައިގެން އުޅެވޭނެ ބަޔަކަށް އެކަނބަލުން ހެދުމަށްޓަކައިކަމުގައި ރައީސް ވިދާޅުވިއެވެ.
މިނިވަން މަސައްކަތް ތެރިޔާގެ ސިޔާސަތުގެ މުޅިން އައު އެހެން ބައެއްގެ މައިގަނޑު ފަސޭހަ އަނެއްކާވެސް އަންނަ ފަސް އަހަރަށް އެމްޑީޕީން މި އަމާޒު ކުރަނީ އަންހެނުންނަށް ޚާއްޞަވާ ގޮތުންކަމަށާއި، “ފްލެކްސް ޓައިމް” ނުވަތަ އެމީހަކަށް ފަސޭހަ ގަޑިއަށް އިސްކަން ދީގެން ވަޒީފާ އަދާ ކުރެވޭނެ އުޞޫލު މުޅިން އަލަށް ރާއްޖޭގައި ހިންގާން ފައްޓަވާނެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
“މިނިވަން މަސައްކަތްތެރިޔާ” ގެ އެހެން ބައެއް ސިޔާސަތުތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. މިގޮތުން، ކުރިއަށް އޮތް ފަސް އަހަރުގެ އެމްޑީޕީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަކީ ވަޒީފާތަކަށް ދަރިވަރުން އަހުލުވެރި ކުރުވުންކަމަށާއި ސްކޫލް ޗުއްޓީގެ ދުވަސްވަރު އެކުދިންގެ ޝައުގުވެރިކަން ހުންނަ ދާއިރާ ތަކުގައި އުޖޫރައެއް ލިބޭ ގޮތައް މަސައްކަތްކުރާނެ ޕްރޮގްރާމެއް އިރާދަކުރެއްވިއްޔާ މިފެށޭ ދައުރުގައި އަޅުގަނޑުމެންގެ ސަރުކާރުން ހިންގާނަންކަމުގައި، އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ވިޔަފާރި ވެރިއަކަށް، ލޯޔަރަކަށް، ޑޮކްޓަރަކަށް، ނަރުހަކަށް، މަޖިލިސް މެމްބަރަކަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޝައުގުވެރިވި ނަމަވެސް އެދާއިރާއަކާ ގާތުން މަސައްކަތްކުރުމުގެ ފުރުޞަތު ކަނޑައެޅޭ އުޞޫލުތަކުގެ ދަށުން ފަހިކޮއްދެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. ވަޒީފާ އާ ގުޅޭ ތަމްރީނާ، އަދި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ މައުލޫމާތު ބެލެނިވެރިންނަށް ލިބޭނެ ވަޞީލަތް އިރާދަކުރެއްވިއްޔާ މުޅި ރާއްޖޭގައި ގާއިމު ކުރެވިގެންދާނެ ކަމަށާއި ހަމަ އެގޮތަށް ކެރިއަރ ގައިޑެންސް އާއި، ބަޢާވާތުން ހުއްޓުން އަރުވާފައިވާ، އެމްޑީޕީގެ ޔޫތު ޗެލެންޖާއި، ކިއްސަރު ފެއަރ އާއި، ކާމިޔާބު ހުނަރު ޕްރޮގްރާމް ޒުވާނުންނަށްޓަކައި އާބާރެއް ގައި ފަށަން ހަމަޖެހިފައިވާކަމުގައިވެސް، ރައީސް ވިދާޅުވިއެވެ.
އަމިއްލަ ވަޒީފާގައި އުޅުނަސް ބޯހިޔާވަހި ކަމާ، ދަތުރުފަތުރުގެ ނިޒާމުން މަސައްކަތް ތެރިންނަށް ޚާއްޞަ ޢިނާޔަތް ތަކެއް ލިބެން އެބަ ޖެހޭކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ވަޒީފާ އަދާ ކުރާ ތަނާ ގާތުން އަނބިމީހާ ނުވަތަ ފިރިމީހާ ނޫނީ ޢާއިލާއާއި އެކު އުޅެވޭނެ ފަދަ ބޯހިޔާވަހިކަން ލިބޭނެ ޕްރޮގްރާމެއް މިހާރު ފަރުމާކޮށް ނިމިފައިވާކަމަށެވެ. އަދި ފަސޭހަ ކަމާ އެކު ވަޒީފާ އަށް އައިސް ގޮސްވެވޭނެ ފެރީ ނިޒާމެއް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ފަސް އަހަރު އަލަށް ތަޢާރަފްކުރެވިގެން ދާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ކާރުޚާނާ އަކަސް ނުވަތަ ރިސޯޓެއްގައި މަސައްކަތް ކުރިޔަސް އެތަނާ ގާތުގައި އޭނާ ދިރިއުޅޭ ފްލެޓަކީ މަހަކު ކުޑައެއްޗެއް ދައްކައިގެން ދިގު މުއްދަތުން އޭނަ އަށް މިލްކު ކުރެވޭނެ ތަނެއްކަމަށާއި ދިރިއުޅުމުގެ ބަދަލު ތަކާ، އުފެދޭ ޑިމާންޑާ އެކު ފްލެޓް ބަދަލުކޮށް، ލާޖައްސާ ނޫނީ ދެން ބޭނުންވާ މީހާ އަށް ވިއްކާލުމުގެ ހައްގު ބޭނުން ކޮންމެ ހިނދަކު މިނިވަން މަސައްކަތްތެރިޔާއަށް ވެސް އޮންނާނެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ ތަރައްގީ އާ އުފާވެރި ކަމަށް ޓަކާ ބިންވެރިކަމާ އެކު ރައްޔިތުން ވީއްލި މިނިވަންކަމާ އެކު ހަރަކާތްތެރި ވެވޭނެ ޖާގަ ދިވެހިންނަށް ކޮންމެހެން ބޭނުންވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކުރިއެކޭ ވެސް އެއްގޮތައް، އާދެ މަސާހިބުން އަރައިގަނެ، ހައްގުތައް ހިމާޔަތް ކުރުމުމަށް އަޑުއުފުލާ ވަކާލާތު ކުރުމުގެ އިތުރު ގާނޫނީ ބާރު ކުރިއަށް އޮތް ފަސް އަހަރުވެސް އެމްޑީޕީ ސަރުކާރުން މަސައްކަތް ތެރިންނަށް ހޯދައިދެއްވާނެކަމަށާއި އަދި މަސައްކަތްތެރިންގެ ޔޫނިއަންތައް އުފެއްދުމަށްވެސް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި ލޭބަރ ޓްރައިބިއުނަލްގެ މަސައްކަތްތައްވެސް އިތުރަށް ހަރުދަނާކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން މަސައްކަތްތެރިންގެ ބޯހިޔާވަހިކަމާ ގެދޮރަށްޓަކައި އެމީހުންނަށްވެސް ހައުސިން ބެނިފިޓް ފަންޑުގެ ލާބަ އަންނަ ފަސް އަހަރު ލިއްބައިދެވޭނެކަމުގައި ރައީސް މުޙަންމަދު ނަޝީދު ބަޔާންކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ކުރާ މަސައްކަތް ނުވަތަ އަދާކުރާ ވަޒީފާގެ ސަބަބުން އާއިލާއާ ވަކިން “ނޯކިރީ ބަންދު” ގައި އުޅެން ބޭނުންވާ އެއްވެސް ދިވެއްސެއް އަދި އެއްވެސް ޕާޓީއެއްގެ މެންބަރެއްވެސް ނެތްކަމަށް ވިދާޅުވެ، ރައްޔިތުން ބޭނުންވަނީ، ލިބޭ އާމްދަނީ ދެގުނަވެ އަދި ދެކޮޅުޖެހި ބާކީވެސްވުމަށްކަމަށާއި ރައްޔިތުން އެދެނީ އިތުރު ތަމްރީނާ ހުނަރާ ޤާބިލްކަމާއި، ވަޒީފާގެ އިތުރު ފުރުޞަތާއި ތަރައްޤީއާއި ތަނަވަސްކަމާ އެކު މިނިވަން މަސައްކަތްތެރިޔާއަށްވުމަށް ކަން ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، މިއީ އެމްޑީޕީއިން ކުރިއަށް އޮތް ފަސް އަހަރު އިރާދަކުރެއްވިއްޔާ ކާމިޔާބުކަމާއެކު ރާއްޖޭގައި ތަންފީޒުކުރާނެ “މިނިވަން މަސައްކަތްތެރިޔާ” ގެ ސިޔާސަތުކަމަށާއި، މި ސިޔާސަތު ތަންފީޒުކުރާނެ ހުރިހާ އިމަކާ، މިނަކާ، ހިސާބު ކިތާބު އެމްޑީޕީގެ ފަރާތުން ޖަހާ ނިމި، ބާކީ ދެން އޮތީ އެމްޑީޕީ ސަރުކާރުގެ ދައުރު ފެށުންކަމުގައި ވިދާޅުވިއެވެ.
ހުވަދު އަތޮޅު ތިނަދޫގައި، “މިނިވަން މަސައްކަތްތެރިޔާ ހަމަ އިސްކޮޅަށް ތެދުވެވޭ، ފަޚުރުވެރި ދިވެހީންގެ” މަސައްކަތްތެރިންގެ އެމްޑީޕީގެ ސިޔާސަތު ޤައުމީ ފެންވަރުގައި ރައީސް މުޙަންމަދު ނަޝީދު މިއަދު އިފްތިތާޙްކޮށްދެއްވިއިރު، އެއާ އެކު އެކީހެން ރާއްޖޭގެ އެހެން ވިހި ދާއިރާއެއްގައި ހަމަ މިސިޔާސަތު އެމްޑީޕީއިން ވަނީ އިފްތިތާޙްކޮށްފައެވެ.