ޑައިރެކްޓަރުން ތިއްބަވާ މާލޭ މުނިސިޕަލްޓީ ގެ ސަމާލުކަމަށް

ރައީސުލްޖުމުހުރިއްޔާ މުނިސިޕަލްޓީއަށް ރައީސަކު ހަމަޖައްސެވީ އެމުއައްސަސާއިން ރައްޔިތުންނަށް ދެއްވާ ހިދުމަތްތަކާއި އެ މުއައްސަސާގެ ވެރިން އިހްމާލްވެ، ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ފެންމަތިވެ ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް ދިއުމުންކަމުގައި ބެލެވިދާނެވެ.
ކަންމިހެން އޮތްކަމުގައިވިޔަސް، އަލަށް އައްޔަން ކުރެވުނު ރައީސްހަށް އަދި އެމުއައްސަސާގެ ތެރެއިން އެއްބާރުލުން ލިބޭނެގޮތެއް ނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިމަހުގެ 6 ވަނަ ދުވަހުވެސް އެމުއައްސަސާއަށް ކުރީގެ ރައީސް ވައްދާފައިތިބި 11 ޑައިރެކްޓަރުންގެ ތެރެއިން އޮފީހަށް ހާޒިރުވެވަޑައިގަތީ އެންމެ 2 ޑައިރެކްޓަރުންނެވެ. މާލޭ މުނިސިޕަލްޓީން މިހާރު ކަންތައްތައް ކުރަން ނުވަތަ ހިދުމަތްތައް ހޯދަން މިޖެހެނީ ވަރަށް އުނދަގުލުންނެވެ. މާލޭގެ އެތަން މިތަނަށް ބައެއް ފަރާތްތަކުން ކުނި އަޅަމުންދާތީ އެކަން ހައްލުކުރުމަށްޓަކައި ޢާއްމު ރައްޔިތުން މުނިސިޕަލްޓީއާއި ގުޅުމުން އެއްވެސް ކަހަލަ ހިތްހަމަޖެހޭ ޖަވާބެއްނުލިބޭ ކަހަލަ ޝަކުވާތައްވެސް ލިބެމުންދާކަން ފާހަގަކުރެވެއެވެ. މާލޭ ބާޒާރުމަތީގައި ހުންނަ ޢާންމު ފާހާނާބަރިއަކީ އެސަރަޙައްދުގައި މަސައްކަތްކުރާ އެތައްހާސް މީހުން ފާހާނާކުރަން ސަރުކާރުން ހައްދަވާފައިވާ ނުހަނު ބޭނުންތެރި އަދި އެޚިދުމަތް މެދުކެނޑިއެއްޖެނަމަ ވަރަށް ގިނަގުނަ ދަތިތައް ކުރިމަތިވާނެ ތަނެކެވެ.
މިއީ އެންމެ ހަތްސަތޭކަރުފިޔާގެ މޯޓަރެއްގަނެ 3 ގަޑިއެއްހާއިރުގެ ތެރޭގައި ޙައްލު ކުރެވެންހުރި ކަމެކެވެ. ނަމަވެސް ކުރިން ދެންނެވިފަދަ ޑައިރެކްޓަރުން މިމަސައްކަތަށް ފަރުވާކުޑަކޮށް ސަރުކާރާއިމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ ރޫހުގައި ރައްޔިތުންނަށް އެފާޚާނާބަރިން ލިބެންވާ ޚިދުމަތް އެވަނީ ހުއްޓާލާފައި ކަމުގައި ބެލެވެއެވެ. މާލޭ މުނިސިޕަލްޓީއަށް ސަރުކާރުން ވެރިއަކު ލެއްވީމާ އެވެރިމީހާއަށް ކަންކަން އޮޅުވާލާފާ ސިއްރުކުރަން އުޅޭބަޔަކު ޢާއްމުންނާއި ދޭތެރޭ ޢަމަލު ކުރާނެގޮތް އަޅުގަނޑު ދަންނަވާކަށް ނެތީމެވެ. މިހެން މިދެންނެވީ ރައްޔިތުންނަށް ޚިދުމަތްކުރަން ރައްޔިތުން މުސާރަ ދީފައި ތިބި ބަޔަކު ރައްޔިތުން ރުޅިއަރުވައިގެން ވަކި ޕާޓީއަކަށް ސަޕޯޓުކުރުވަން އުޅުއްވާކަމަށް ފެންނާތީއެވެ. މިއީ ރައްޔިތުން ރުހިގެން އުޅޭނެ ގޮތްގޮތެއް ނޫނެވެ.
މިގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް ފިނޭސް އެންޑް ޓްރެޒަރީއަށް އަޅުގަޑު ބޯދިއްކޮށްލީމެވެ. މިތިން މިނިސްޓްރީގެ މުއައްޒިފުން ރައްޔިތުންނަށް ޚިދުމަތް ދެއްވާގޮތްވެސް އަޅުގަޑު ކުޑަކޮށް ބަލާލީމެވެ. އަދި އައި.ޖީ.އެމް.އެޗް ހަސްފަތާލުގެ ހާލުހުރީވެސް ވަރަށް ދަށު ދަރަޖައެއްގައެވެ. ރައްޔިތުންނަށް މުހިއްމު ހިދުމަތްތައް ދޭ ކައުންޓަރުތައް ގިނަވަގުތު ހުންނަނީ ހުހަށެވެ. ބައެއް ކައުންޓަރުތަކުގައި ފޯނުކޮށްގެން މަޖާނަގަމުން ދާއިރުވެސް ކަސްޓަމަރުން ދައްކާ ވާހަކައަށް ބީރުކަންފަތެއް ދީ ކަސްޓަމަރު ރުޅިއަރުވަމުން ދިޔަތަން އެޑިއުކޭޝަން މިނިސްޓްރީގެ ސްކޫލްތަކުގައި ޖާގަ ހަމަޖެއްސުމާއި ބޭހޭ ބައިން ފެނިގެންދިޔައެވެ. ހެލްތު މިނިސްޓްރީގެ ވެލްފެއަރާބެހޭ ބަޔަށް ވަދެލުމުން އަޅުގަޑު މޮޔަނުވީ ކިރިޔާއެވެ. އެތާގައި ތިބޭ މުއައްޒިފުންނަށް އެގަހުކޭލެއް މިގަހުކޭލެއް ވައްކެތްނުވެއެވެ. އެހީއަށް އެދިގެން ދާ ބަލިމީހުންނަކީ މާ ހޭލުންތެރި ބައެއްނޫންކަން އެތާގައި ތިއްބަވާ މުއައްޒިފުންނަށް ނޭންގެނީ ބާއެވެ؟ ބައެއް މީހުން ރުޅިގަދަވެ ތަނުގައި އަދުގަދަ ކުރަމުން ދެއެވެ. ޚިދުމަތްދޭން އިންނަ ކުއްޖާވެސް ޕްރެޝަރަށްއަރާފައި ނުސީދާގޮތަށް އެއްޗެހިގޮވާ މަންޒަރު ފެނުނެވެ. އެއްވެސް ސިއްޓަމެއްނެތެވެ. ހެޔޮވެރިކަމެއް ކުރުމަށްޓަކާ ރައީސުލްޖުމުހުރިއްޔާ އެމިނިސްޓްރީއާއި ހަވާލުކުރައްވާފައިވާ މިނިސްޓަރު ކޮބައިބާއެވެ؟ އަމިއްލަފުޅަށް ކޮޓަރިކޮޅުން ނިކުމެވަޑައިގެން އޮފީސްތެރެއިން ރައްޔިތުންނަށް ޚިދުމަތްދެނީ ކޮންގޮތަކުން ކިހިނެތްތޯ ނުބައްލަވާނަމަ ހެޔޮވެރިކަން ބަދަލުވެގެންދާނީ އަނިޔާވެރިކަމަކަށެވެ. މިކަންކަން ރަގަޅުކުރުމަށާއި މިދިމާވި ނުވަތަ މިފެނުނު މަންޒަރުތައް މިނިސްޓަރަށް ސިފަކޮށްދިނުމަށްޓަކާ ގުޅާގުޅާ ވަރުބަލިވިއިރުވެސް ފޯނެއްނުނަންގަވައެވެ. ހޮސްޕިޓަލްގައި ބަލިމީހުންނަށް ޚިދުމަތްލިބުމުގައި ވަރަށްގިނަގުނަ ހިތްދަތި އިހްސާސްތައް ރައްޔިތުންނަށް ކުރަމުންދާތަން ފެންނަމުން އެބަދެއެވެ. ރަށްރަށުން މާލެއައިސް ހަސްފަތާލުން ފަރުވާ ލިބިގަތުމަށްޓަކައި ދިއުމުން ކޮންމެވެސް ބޭރުބަހަކުން އެމީހާއި މުޙާތަބުކުރުމުގެ ސަބަބުން އެބުނާ އެއްޗެއް ބަލިމީހާއަށް ނޭނގި ހުރިހާ ކައުންޓަރުތަކަށް ހިނގި މަންޒަރު އަޅުގަޑު ވަރަށް ގާތުން ބެލީމެވެ. މިފަދަ މީހުން ހޮސްޕިޓަލު ތެރޭގައި އާވާރާވެގެން ވާނުވާ ނޭނގި ތިބޭތަން ފެނުމުން މައުމޫން ހޮސްޕިޓަލްގެ ވަޒީފާއަށް ފޮނުވާފައި އެޕާޓީގެ މެމްބަރުން ކަންކުރާނެ ގޮތްކަން އަޅުގަޑަށް އެނގޭތީ އެކަމާ ކަންބޮޑެއް ނުވެއެވެ. ވަރަށް މުސްކުޅި އަންހެނަކާއި ދިމާލަށް ލެބޯރަޓަރީގައި އިން ކުއްޖަކު ހަޅޭއްލަވައިގަތް އަޑަށް އަޅުގަނޑު އެބުރި ބަލާލީމެވެ. އެދައިތަ ގާތު އަޅުގަޑު އެހީމެވެ. ކިހިނެތްވީ ތޯއެވެ؟ އެދައިތަ ބުނީ އޭނާ އެއްޗެއް ނޭނގިގެން ދެފަހަރު ސުވާލު ކުރީމާ ހަޅޭއްލަވައިގަތީ ކަމުގައެވެ. ކަންކަން މިހެން ހުންނާތީ ބައެއް ރައްޔިތުން ކިޔަނީ އަދިވެސް މައުމޫނުގެ ވެރިކަން މިގައުމުން ފޮހެވޭނެ ހެނެއް ހިޔެއްނުވެއެވެ. މިކަމަށް އޮތް ހައްލަކީ ކޮބައިބާއެވެ؟