21 ރަށެއްގައި މަސައްކަތްތެރިންގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުމަށް ޓީމުތައް ފުރައިފި.

“މިނިވަން މަސައްކަތްތެރިޔާ ހަމައިސްކޮޅަށް ތެދުވެވޭ، ފަޚްރުވެރި ދިވެހީން” މިނަމުގައި މަސައްކަތްތެރީންގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުމަށް ޓީމުތައް ފުރައިފިއެވެ.

މިއަދު (4 މޭ 2013- ހޮނިހިރު)ހަވީރު 4ޖަހާއިރު ރާއްޖޭގެ ތަފާތު 21 ރަށުގައި މި ސިޔާސަތު އިފްތިތާޙް ކުރުމަށް ބާއްވާ ޙަފްލާތަކުގައި ބައިވެރިވުމަށް އެމްޑީޕީގެ ޓީމުތަކުން ކުރާ ދަތުރުގައި މިއަދުގެ މެންދުރުގެ ވަގުތުގައި އެބައެއްގެ މަންޒިލަށް އެބަޔަކު ފޯރާ ނިމޭނެކަމަށް ޓީމުތަކުގެ ކޯޑިނޭޓަރުން ވިދާޅުވިއެވެ
.
މިއަދު “މިނިވަން މަސައްކަތްތެރިޔާ ހަމައިސްކޮޅަށް ތެދުވެވޭ، ފަޚްރުވެރި ދިވެހީން” މިނަމުގައި މަސައްކަތްތެރީންގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރާ ރަށްތަކަކީ ހއ. ހޯރަފުށި، ހދ. ނެއްލައިދޫ، ށ. މިލަންދޫ، ނ. ޅޮހި، ރ. އިންނަމާދޫ، ބ. ދަރަވަންދޫ، ޅ. ހިންނަވަރު، ކ. ތުލުސްދޫ، އއ. ބޮޑުފޮޅުދޫ، އދ. ދަނގެތި، ވ. ފެލިދޫ، މ. ކޮޅުފުށި، ފ. ބިލެތްދޫ، ދ. މާއެނބޫދޫ، ތ. މަޑިފުށި، ލ. ފޮނަދޫ، ގއ. ކޮލަމާފުށި، ގދ. ތިނަދޫ، ޏ. ފުއައްމުލައް، އައްޑޫ ސިޓީއިން، ފޭދޫ އަދި މާލެ ސިޓިއިން މާފަންނު އުތުރު ގައެވެ
.
ގދ. ތިނަދޫގައި ބާއްވާ ރަސްމިއްޔާތުގައި މަސައްކަތްތެރީންގެ އެމްޑީޕީގެ ސިޔާސަތު “މިނިވަން މަސައްކަތްތެރިޔާ ހަމައިސްކޮޅަށް ތެދުވެވޭ، ފަޚްރުވެރި ދިވެހީން” އިފްތިތާޙް ކޮށްދެއްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު އެވެ. އަދި މީގެ އިތުރުން އެނެއް 20 ސަރަހައްދުގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީ ސަރުކާރުގެ މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުންނެވެ
.
“މިނިވަން މަސައްކަތްތެރިޔާ – ހަމައިސްކޮޅަށް ތެދުވެވޭ، ފަޚްރުވެރި ދިވެހީން” މިނަމުގައި މަސައްކަތްތެރިންގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާހް ކުރާ ޙަފްލާއަށް އަތޮޅުތަކުގެ އެންމެހާ ރައްޔިތުންނަށް އެރައްޔިތަކު ދިރިއުޅޭ އަތޮޅުގެ މި ސިޔާސަތު އިފްތިތާޙް ކުރާ ރަށުގަ ބާއްވާ ޙަފްލާއަށް ވަނީ ދަޢުވަތު އަރުވާފައެވެ.