މަސައްކަތްތެރިންގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުން އަންނަ ހޮނިހިރު ދުވަހު ހަވީރު

“މިނިވަން މަސައްކަތްތެރިޔާ ހަމައިސްކޮޅަށް ތެދުވެވޭ، ފަޚްރުވެރި ދިވެހީން” މިނަމުގައި މަސައްކަތްތެރީންގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުން އަންނަ ހޮނިހިރު ދުވަހު ހަވީރު އޮންނާނެއެވެ. ގދ. ތިނަދޫގައި ބާއްވާ ރަސްމިއްޔާތުގައި މަސައްކަތްތެރީންގެ އެމްޑީޕީގެ ސިޔާސަތު “މިނިވަން މަސައްކަތްތެރިޔާ ހަމައިސްކޮޅަށް ތެދުވެވޭ، ފަޚްރުވެރި ދިވެހީން” އިފްތިތާޙް ކޮށްދެއްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ބައްދަލު ވުމެއްގައި އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބް އިދާރީ ޢަލީ ޝިޔާމް ވިދާޅުވީ އެމްޑީޕީގެ މައިގަނޑު އަމާޒަކީ ދިވެހި ކޮންމެ މަސައްކަތްތެރިއަކީވެސް، ތިމަންނާއަކީ ތިމާގެ އަމިއްލަ ހަލާލު މަސައްކަތުން އާމްދަނީ ހޯދާ މީހެއް ކަމުގައި ހެދުމެވެ. އަދި ތިމަންނާގެ އާއިލާއާއި އެކު ވަގުތު ހޭދަކުރެވޭ ފަޚްރުވެރި ދިރިއުޅުމެއް އުޅޭ ދިވެއްސެއް ކަމުގައި ބުނެވޭ މީހަކަށް ވެގެން ދިއުމަކީ އެމްޑީޕީ ސިޔާސަތެއް ކަމަށާއި އެކަމަކީ އަބަދުވެސް އެމްޑީޕީން ވަކާލާތު ކުރަމުން އައި ކަންތައްތަކެއްކަން ޢަލީ ޝިޔާމް ފާގަހަ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ކެންޕެއިން ކޮމިޓީގެ ނައިބް ޢަބްދުލްމާޖިދް ވިދާޅުވީ އެމްޑީޕީން ސަރުކާރުގައި އޮތް އިރު މަސައްކަތްތެރިންގެ ޙައްޤުތައް ހޯދައި ދިނުމަށް އެކިގޮތްގޮތުން މަސައްކަތް ކުރެވެމުން ދިޔަކަމަށާއި އެހެން ނަމަވެސް އެމްޑީޕީގެ މުޅި ސިޔާސަތު ތަންފީޒު ކުރަން ވަގުތު ލިބިފައި ނުވާކަމަށެވެ. އަދި ތަޖުރިބާގެ އަލީގައި ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ސިޔާސަތު އެކުލަވައިލިއިރު އެމްޑީޕީން ބަލާފައިވަނީ މަސައްކަތް ތެރިންގެ މާޙައުލާއި މަސައްކަތްތެރިންގެ މަސައްކަތާއި އެފަރާތްތަކަށް ލިބެންޖެހޭ އުޖޫރައާއި އެމީހުންގެ އާއިލާއާއި އެކު ހޭދަކުރަންލިބޭ ވަގުތުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ޢަބްދުލްމާޖިދު ވިދާޅުވިއެވެ.

ޢަބްދުލްމާޖިދު ވިދާޅުވީ އެމްޑީޕީން އެއްފަހަރާ ގިނަ ސަރަޙައްދު ތަކެއްގައި އެމްޑީޕީގެ ހަރަކާތްތައް ހިންގޭ އެންމެ ބޮޑު ހަޤީޤަތަކީ އެމްޑީޕީއަކީ އެމްޑީޕީގެ މަސައްކަތްތަކުގައި މުޅި ޕާޓީއެކުގައި ހަރަކާތްތެރިވާ ޕާޓީއެއް ކަމުގައި ވެގެން ދިއުމެވެ. އަދ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުމުގައިވެސް އަދި އެނޫންވެސް ހަރަކާތްތަކުގައި ޕާޓީގެ ލީޑަރޝިޕާއި ހަމައިން އާއްމު މެންބަރުންނާއި ހަމައަށް އެކީގައި މަސައްކަތް ކުރަމުންދާ ޕާޓީއެއް ކަމުގައި ވުމެވެ.

ގދ. ތިނަދޫގައި މަސައްކަތްތެރިންގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުމާއެކު ރާއްޖޭގެ 18 އަތޮޅާއި 2 ސިޓީގައި “މިނިވަން މަސައްކަތްތެރިޔާ ހަމައިސްކޮޅަށް ތެދުވެވޭ، ފަޚްރުވެރި ދިވެހީން” މިނަމުގައި އެމްޑީޕީގެ މަސައްކަތްތެރިންގެ ސިޔާސަތު އިފްތިތާޙް ކުރުން އޮންނާނެއެވެ. އަދި ރާއްޖޭގެ 18 އަތޮޅާއި 2 ސިޓީގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީ ސަރުކާރުގެ މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުންނެވެ.