ނާލާފުއްޓާއި މުއްޔާ ކޯޒުވޭ އެޅުން، ދެރަށުގެ ރައްޔިތުންގެ ހުވަފެނެއް

ވޭތުވެދިޔަ އަހަރު މ. އަތޮޅުގެ އެންމެ ބޮޑު ޚަބަރަކަށް ވެފައި އޮތީ މިއަތޮޅުގެ ނާލާފުއްޓާއި ވެރިކަންކުރާ ރަށް މުއްޔާއި ދެމެދު ކޯޒްވޭއެއް އަޅައިދޭން ނިމިގެންދިޔަ ސަރުކާރުން ނިންމައި އެކަން މިދެރަށުގެ ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ޚަބަރެވެ. މުއްޔާއި ނާލާފުއްޓަކީ ދެރަށެއް ކަމުގައި ވީނަމަވެސް އެއްފަޅެއްގެ ތެރޭގައި ނުހަނު ކައިރީގައި އޮތް ދެރަށަށް ވުމުން ދެރަށުގެ ރައްޔިތުންނަކީ ޒަމާނުންސުރެވެސް ނުހަނު އެކުވެރި އެއްބަޔެއްގެ ގޮތުގައި ދެކެމުންދާ ރައްޔިތެއް އުޅެމުން ގެންދާ ދެރަށެވެ. ވެރިކަންކުރާ މުލީގައި ޤާއިމު ކުރެވިފައިވާ ބޭންކާއި ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތް ލިބިގަތުމުގެ އިތުރުން އަތޮޅު އޮފީހުން ބައެއް ކަހަލަ ޚިދުމަތްތައް ލިބިގަތުމަށް ނާލާފުށިން މުއްޔަށް ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ގޮސް އުޅެން އޮންނަނީ ޖެހިފައެވެ. އަދި މިކަމަށްޓަކައި ކުރަންޖެހޭ ޚަރަދަކީވެސް ބޮޑު ޚަރަދެއްކަމުގައި ފާހަގަކުރެވެއެވެ. ޚާއްސަގޮތެއްގައި ތައުލީމީ މަރުކަޒުގައި ނާލާފުށީގެ އެތަކެއް ދަރިވަރުން ތައުލީމު ޙާސިލް ކުރަން ގޮސް ތިބޭ ތިބުން ފާހަގަ ކުރެވެއެވެ.

މާބޮޑު ޚަރަދަކާއި ނުލައި މުލީގެ ރައްޔިތުންގެ ގިނަ ބަޔަކު މިދަރިވަރުން ބަލަހައްޓައިގެން ދެމުން ގެންދިޔަ ނަމަވެސް، ކުދި ޅަދަރީން މައިންބަފައިންނާއި ދުރުގައި ބޭއްތިއްބުމުގެ ސަބަބުން ކުރިމަތިވާނެ ގިނަ މައްސަލަތައްދަނީ ކުރިމަތިވަމުންނެވެ. މިފަދަ ގޮތަކަށް މިކަން އޮއްވާ، ވޭތުވެދިޔަ އަހަރުގެ ކުރީކޮޅު އެއިރު އަތޮޅުވެރިއަކަށް ހުންނެވި އަބްދުލް ރަޝީދު، ދެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ، ސަރުކާރުން މިދެރަށުގެ ދެމެދުގައި ކޯޒުވޭއެއް އެޅުމަށް ނިންމައި، އަތޮޅުގެ ބަޖެޓުން 1.7 މިލިޔަން ރުފިޔާ ޖަމާކޮށްދީފި ވާހަކައެވެ. މިކަން ވެގެން ދިޔައީ މިދެރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި އަދި އެހާމެ އުންމީދީ ޚަބަރަކަށެވެ.

ސަރުކާރު ގެ ވެރިއެއްގެ ގޮތުގައި އެއިރު ހުންނެވި މައުމޫން، މ. އަތޮޅަށް ދަތުރެއް ފެއްޓެވުމަށް ހަމަޖެހުމާއިއެކު، މިޚަބަރު ލިބުމުން މިދެރަށުގެ ރައްޔިތުން ޝުކުރުވެރިކަމާއިއެކު މައުމޫނަށް އެތަކެއް ސަނާ ކިޔަމުން ގެންދިޔައިރު، މިޚަބަރުގައި ސިޔާސީ ހިކުމަތެއް ފޮރުވިފައިވާކަމެއް ނުވިސްނެއެވެ. ނަމަވެސް އެސަރުކާރުގެ ފޫނުބެއްދޭނެ ވައުދުތަކާއި އެއްގޮތަށް މިކަންވެސް ލަސްވަމުން ދަނިކޮށް، ރިޔާސީ އިންތިޚާބާ ދިމާކޮށް އަތޮޅުވެރިޔާ ބަދަލުވެ އާ އަތޮޅުވެރިޔަކު އަތޮޅަށް ވަޑައިގެން، ހަމަ މި ދެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ މިހާރު 4 މިލިޔަން ރުފިޔާ ދެރަށުގެ ކޯޒުވޭ އެޅުމަށް ސަރުކާރުން ދެއްވާފައިވާނެކަމަށާއި އަދި، މިމަސައްކަތް އިންޓަނޭޝަނަލް ބިޑަކަށް ހުޅުވާލެވިފައިވާކަމަށް ވިދާޅުވެ، ރިޔާސީ އިންތިޚާބު އެއިރުގެ ސަރުކާރަށް ކާމިޔާބުކޮށްދިނުމަށް މިދެރަށުގެ ރައްޔިތުންނަށް ގޮވާލައްވަމުން ގެންދެވިއެވެ. އަދި އައިނައި ތަނެއް ނޭގި ބަޔަކުއައިސް، ދެންމެ ދެންމެ މަސައްކަތް ފަށާން އުޅުނުހެންވެސް ހީވިއެވެ. އެހެނަސް މިއަދު އުފެދޭ ސުވާލަކީ، މިދެރަށުގެ ދެމެދުގައި އެޅޭނެކަމަށް އެބުނެވިދިޔަ ކޯޒުވޭ އެޅޭނީ ކޮންއިރަކުންބާވައެވެ؟ އަދި އެއިރު އެބުނެވުނު ގޮތަށް އެފައިސާ އަތޮޅު އެކައުންޓަށް ޖަމާ ކުރެވިފައިވާނަމަ، އެފައިސާ އެބަހުރިބާއެވެ؟