ސިވިލް ސަރވަންޓުންގެ ޔުނިއަނަކާއި ނުލައި ސަރުކާރު މުވައްޒަފުންގެ ޙައްޤުތައް ލިބިދާނެތޯ؟

2007ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ސިވިލް ސަރވިސްއެއް އުފެދުމާއި ގުޅިގެން ސަރުކާރުގެ އެކިއެކި ވަޒީފާތަކުގައި ތިއްބެވި ވަރަށް ގިނަ ފަރާތްތަކެއް ވަނީ އެކަމާ ހިތްހަމަޖެހި އުފާކޮށްފައެވެ. ވަރަށް ގިނަ ސަބަބުތަކާއިހެދިއެވެ. 30އަހަރަށް ދެމިގެންގޮސްފައި އޮތް އާއިލީ ވެރިކަމެއްގެ ނުފޫޒުން އެއްކިބާވެ ތިބެގެން ދިވެހި އުއްމަތުގެ ޚިދްމަތުގައި މަސައްކަތް ކުރުމުގެ ފުރްޞަތު ލިބުނީތީއެވެ. ކިޔެވި ދާއިރާ ނުވަތަ ތަމްރީން ވެވުނު ފަންނީ މާއްދާގެ ހެޔޮ ފައިދާ ސިޔާސީ ނުފޫޒުން ބޭރުން ރައްޔެތުންނަށާއި މުސްތަޤްބަލްގެ ޖީލުތަކަށް ފޯރުކޮށްދެވުމުގެ މަގު ތަނަވަސް ވީތީއެވެ. އެހެންނަމަވެސް، ސިވިލް ސަރވިސް ހަމަ ދުނިޔެއަށް އުފަން ނުވެސް ވަނީސް، އެކަމަކު އެ ސިވިލް ސަރވިސް އުފެދެން ހުރިހައި ކަމެއް ޤައިމު ވީމާ، އެއިރުގެ ސަރުކާރުން – އާދެ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި މައުމޫން އަބްދުލް ޤައްޔޫމް، އޭނާގެ އާއިލާގެ ބޭފުޅުންނާއި ތިމާގެ މީހުން އަދި ‘އެކުވެރިން’ ސިވިލް ސަރވިސްއިން ބޭރު އެކިއެކި މަޤާމުތަކަށް ޕްރޮމޯޓް ކުރެއްވިއެވެ. ބޭނުމަކީ ކޮބައިތޯއެވެ؟ ސިޔާސީ ނަޒަރަކުން ބައްލަވައިފިނަމަ، އޭނާ ޤަސްތު ކުރެއްވީ ކުރިއަށް އޮތް އަހަރުގެ ރިޔާސީ އިންތިޚާބް ކާމިޔާބު ކުރެއްވުމުގައި މި ބޭބޭފުޅުންގެ އެކިއެކި ޚިދްމަތްތައް ލިބިގަތުމަށެވެ. ކުރުމުއްދަތެއްގައި ބޮޑު މުސާރައެއް ލިބޭނޭ ގޮތް ތަނަވަސް ކޮށްދީގެންނެވެ. އެހެންނަމަވެސް، ކަންދިމާވިގޮތުން، މައުމޫނު އެކުރެއްވި ހުރިހައި ކަމެއްގެ ހިތި ރަޙަ ދެކުމަށް މައުމޫނު ހިޔަޅުގެ ބުއްދި ބޭނުން ކުރައްވައިގެން ޙީލަތްތެރިކަމާއިއެކު އެ ދެއްވި ޕްރޮމޯޝަންތައް ލިބިގަތް ސަރުކާރުގެ މުވައްޒަފުންނާއި މިހާރު ސިވިލް ސަރވަންޓުންގެ ގޮތުގައި މިތިބަ މުވައްޒަފުން މިދަނީ ދެކެމުންނެވެ.
2005ގައި ފެށުނު ދިވެހިރާއްޖޭގެ ޤާނުނު އަސާސީ އިޞްލާޙް ކުރުމުގެ މަސައްކަތް ހިނގަމުން ދިޔައިރުގައި ރާއްޖޭގެ ސިޔާސީ މާޙައުލަށް އިޞްލާޙް ގެނައުމަށް މަސައްކަތްކުރެއްވި ފަރާތްތަކުން ބޭނުންފުޅުވީ އެންމެ ފުރަތަމަ ‘ގްރާސް ރޫޓް’ ލެވެލްގައި ނުވަތަ، އެންމެ ތިރީ ފަށަލައިގައި އުފައްދަން ޖެހޭ މުއައްޞަޞާތައް އެކުލަވާލާ، އަދި އެންމެ ތިރީ ފަށަލައިގައި ހިންގަންޖެހޭ އިންތިޚާބްތައް އެކުލަވާލުމަށެވެ. އެހެންނަމަވެސް ރައްޔިތުންގެމަޖިލިސް އެއިރުގައި ވަނީ މައުމޫނު އަބްދުލް ޤައްޔޫމް އުފެއްދެވި ދިވެހި ރައްޔިތުންގެޕާޓީގެ މެމްބަރުންނާއި އަދި ރައީސްގެ މެމްބަރުންގެ އަޣްލަބިއްޔަތެއްގައި ކަމުން މިކަންކަން ނިމިގެން ދިޔައީ އެއިރު ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން ބޭނުންފުޅުވި ގޮތަށެވެ. މިނިވަންކޮށް އުފެއްދުމަށް ޤާނޫނު އަސާސީގައި ބަޔާންކުރެވިފައިވާ މުއައްޞަޞާތައް އުފެދިގެން ދިޔައީ ކުރީގެ ރައީސް މައުމޫނު ބޭނުންފުޅުވި ގޮތަށެވެ. މިގޮތުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީހަކަށް އައްޔަން ކުރެވުނީ މައުމޫނުގެ ސަރުކާރުގައި ކެބިނެޓް މިނިސްޓަރުކަމާއި އ.ދ. މަޖިލީހަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤަމު ފުރުއްވާފައިވާ މުހަންމަދު ލަތީފެވެ. ލަތީފަކީ މައުމޫނުގެ ‘ލޯޔަލިސްޓެއް’ ކަމުގައި ރަށު ތެރޭގައި ވާހަކަ ދެކެވެއެވެ. އަދި ހަމަ އޭނާ އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވިއިރު ‘ކޮރަޕްޝަން’ ގައި ބައިވެރިވެ ވަޑައިގެންފައި ވާކަމަށްވެސް ރަށު ތެރޭގައި ވާހަކަ ދެކެވިފައިވެއެވެ.
މިކަހަލަ ގޮތަކަށް އޮތް މާޙައުލެއްގެ ތެރެއިން ނަމަވެސް ސިވިލް ސަރވިސްއެއް އުފެދުނީތީ ކުރިން ދެންނެވިހެން ސަރުކާރުގެ ވަޒީފާގައި މަސައްކަތް ކުރަމުންދިޔަ ގިނަ މުވައްޒަފުން ތަކެއް އުފާކުރިއެވެ. އެހެންނަމަވެސް، ސިވިލް ސަރވިސް އުފެދިގެން މިހާތަނަށް އައި އިރުވެސް މާބޮޑު ކަންތައްތަކެއް ކުރެވިގެން އައިސްފައި ވާތަނެއް ނުފެނެއެވެ. އެންމެ ބޮޑު މަސައްކަތެއް ކަމުގައިވެސް ފެންނަން އޮތީ 65 އަހަރު ވެފައިވާ މުޒައްޒަފުން އިނާޔަތްތަކަކާއި އެކު ވަޒީފާއިން ވަކި ކުރެއްވި ތަނެވެ. އެހެންނަމަވެސް، މިކަންތައް ހުއްޓުވުމަށްވެސް އެއިރު ސަރުކާރު ހިންގަވަން ތިއްބެވި ފަރާތްތަކުން އަދި އެފަރާތްތައް ނިސްބަތްވި ޕާޓީން ގިނަ މަސައްކަތްތަކެއް ރައްޔިތުންގެ މަޖިލީހުގައާއި މަޖިލީހުން ބޭރުގައި ކުރެއްވިތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައެވެ.
ސިވިލް ސަރވިސްއަށް ޙަވާލުވެފައިވާ މަޞްއޫލިއްޔަތު ތަކުގެތެރެއިން އެންމެ ބޮޑު ކަމަކީ ސަރުކާރުގެ އޮނިގަނޑު އިޞްލާޙް ކުރުމެވެ. މި މަސައްކަތް އެއްވެސް ވަރަކަށް ނުހިނގާ އޮއްވާ 11 ނޮވެމްބަރު 2008 ގައި ސަރުކާރު ބަދަލުވުމާއެކު އާސަރުކާރުން ކުރެއްވި މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން މިހާރު ސަރުކާރު އޮފީސްތަކުގެ އޮނިގަނޑު އިޞްލާޙް ކުރުމަށްޓަކައި އޮފީސްތަކުން އޮނިގަނޑަށް ގެންނަށް ބޭނުންވާ އިޞްލާޙްތައް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމަށް އަންގައިފިއެވެ. އެހެންނަމަވެސް، އަދި އިޞްލާޙްތައް ތަންފީޒު ކުރެވޭނެ ތާރީޚެއް ނޭނގެއެވެ. ދެން ސިވިލް ސަރވިސްއަށް ޙަވާލުވެފައިވާ އަނެއް މަސައްކަތަކަކީ ސިވިލް ސަރވަންޓުންގެ ނުވަތަ ސިވިލް ސަރވިސްގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ މުސާރަ އަލުން ރިވައިސް ކުރުން ނުވަތަ އަލުން މުސާރަތައް ކަނޑައެޅުމެވެ. އެހެންނަމަވެސް، މިކަމަށް ބޭނުންވާ ދިރާސާތައް ކުރާކަމަށް މައުލޫމާތު ދެއްވަމުން ގެންދެވި ނަމަވެސް، މި މަސައްކަތް ގޮސްފައިވާ ހިސާބެއް އަދިވެސް ނޭނގެއެވެ.
ދެރަކަމަކީ މިހުރިހާ ކަމެއް އޮތް އިރުވެސް، ސިވިލް ސަރވިސްގެ މުވައްޒަފުންނާއި އަދި ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުންގެ މުސާރައާއި އިނާޔަތްތައް މިވަނީ ސިވިލް ސަރވިސްގެ އާދައިގެ މުވައްޒަފުންނަށްވުރެ އެތައް ތަނެއް ބޮޑުކޮށްފައެވެ. މިގޮތުން ޢިލްމީ ފެންވަރު އެއް ހަމައެއްގައި ހުރި ނަމަވެސް، ސިވިލް ސަރިވިސް ކޮމިޝަނުގެ ވަޒީފާތަކަށް އެތައް ތަނަކުން ބޮޑު މުސާރަ ލިބެއެވެ. މިގޮތުން ޕަރމަނަންޓް ސެކްރެޓަރީންގެ ޢިލްމީ ފެންވަރަކީ މާސްޓަރސް ޑިގްރީ ކަމުގައިވާއިރު، މި ވަޒީފާގެ މުސާރައަށް އެލަވަންސްތަކާއެކު 50,000/- ރުފިޔާ (ނައިބު މިސްޓަރަކާއި އެއްވަރު) މުސާރައެއް ލިބެއެވެ. އެހެންނަމަވެސް، ހަމަ މި ކޮލިފިކޭޝަން ލިބިފައިވާ އެހެން ފަރާތްތަކަށް ސިވިލް ސަރވިސްގައި ލިބެނީ އެންމެ މަތިވެގެންވެސް ޑިރެކްޓަރެއްގެ ވަޒީފާއެވެ. އަދި މުސާރައަކީ އެންމެ ގިނަވެގެންވެސް 10,000/- ރުފިޔާއެވެ. އަދި ޕަރމަނަންޓް ސެކްރެޓަރީންގެ ޢިލްމީ ފެންވަރު މާސްޓަރސް ޑިގްރީން ބަލާއިރު، މާސްޓަރސް ޑިގްރީއަކީ ކޮންމެ ދާއިރާއަކުންވެސް ޙާޞިލް ކުރެވިދާނެ ކޮލިފިކޭޝަނެކެވެ. އަދި މާސްޓަރސް ޑިގްރީއެއް އޮތުމަކުން ކޮންމެހެން ޕަރމަނަންޓް ސެކްރެޓެރީންގެ ހުންނަންޖެހޭ ހިންގުންތެރިކަމާއި އިދާރީ ކަންކަން ކުރުމުގެ ޤާބިލިއްޔަތު ހުރިކަމަށް ބެލެވޭކަށްވެސް ނެތެވެ. އެހެންނަމަވެސް، ޕަރމަނަންޓް ސެކްރެޓަރީން އައްޔަން ކުރުމުގައިވެސް މިފަދަ ކަންކަމަށް ރަނގަޅަށް ނުބައްލަވާ އައްޔަން ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން، 11 ނޮވެމްބަރު 2008 ގައި ސަރުކާރު ބަދަލުވެގެން ބައެއް މިނިސްޓްރީތައް އުވާލައްވާފައިވާއިރުގައި އެ މިނިސްޓްރީތަކަށް އައްޔަން ކުރެއްވި ޕަރމަނަންޓް ސެކްރެޓަރީން އަދިވެސް ތިބިގޮތަށް ތިއްބެވީއެވެ. މިސާލަކަށް އިންފޮރމޭޝަން މިނިސްޓްރީ މިހާރު ވަނީ އުވާލައްވައި އަދި ޑިޕާޓްމަންޓް އޮފް އިންފޮރމޭޝަނެއް އުފައްދަވާ އަދި މި ޑިޕާޓްމަންޓަކީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާޓްސް އެންޑް ކަލްޗަރގެ ދަށުން ހިނގާ ތަނެއް ކަމުގައި ރައީސް އޮފީހުން ނިންމަވާފައެވެ. އެހެންނަމަވެސް، މި މިނިސްޓްރީން މައުލޫމާތު ދެއްވާގޮތުގައި ކުރީއްސުރެ ޓުއަރިޒަމް މިނިސްޓްރީގައި ހުންނެވި ޕަރމަނަންޓް ސެކްރެޓަރީގެ އިތުރުން، ކުރީގެ އިންފޮރމޭޝަން މިނިސްޓްރީއަށް އައްޔަން ކުރެއްވި ޕަރމަނަންޓް ސެކްރެޓަރީވެސް އަދިވެސް ވަޒީފާއަށް ނުކުންނަވަމުން އަބަ ގެންދަވައެވެ. މިކަމުގައިވެސް، ސިވިލް ސަރވިސް ކޮމިޝަން ސަރުކާރުގެ ނިންމުންތަކަށް އިޖާބަ ދިނުމުގައާއި އަދި ސިވިލް ސަރވިސް އަކީ މިހާރަށްވުރެ ޤާބިލް އަދި ޒަމާނަށް އައިސްފައިވާ ކުރިއެރުންތަކާއި ފައިހަމަކޮށްގެން ހިންގޭ މުއްސަސާއަކަށް ހެދުމުގައި ނާކާމިޔާބު ވެފައިވާކަން ފާހަގަކުރެވެއެވެ.
ކަން މިހެން އޮތް އިރު ސިވިލް ސަރވިސްގައި މަސައްކަތް ކުރައްވާ ގިނަ ފަރާތްތަކެއް އަލުން އާ ސިވިލް ސަރވިސް ކަމިޝަނެއް އައްޔަން ކުރެވޭނެ ދުވަހަކަށް އުންމީދު ކުރައްވައެވެ. އަދި އަނެއް ބަޔަކު ދެކެނީ އާ ސިވިލް ސަރވިސް ކޮމިޝަނެއް އުފެދުނުކަމުގައި ވިޔަސް، ސިވިލް ސަރވަންޓުންގެ ނުވަތަ ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ޔޫނިއަނެއް ނުވަތަ ‘ޖަމާޢަތެއް’ އުފެދިގެން ނޫނީ ސިވިލް ސަރވިސް ކޮމިޝަންގެ ވާޖިބުތައް އަދާކުރުމުގައި އެ ކޮމިޝަނުން ފަސްޖެހޭނެ ކަމުގައެވެ. (ނިމުނީ)