ހޯމް މިނިސްޓަރ ކަމުގެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު ޖަމީލު އަޙްމަދުގެ މައްޗަށް އެމްޑީޕީން ކުރާ ދައުވާގެ އަޑުއެހުމެއް ބާއްވައިފި

ހޯމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު ޖަމީލު އަޙްމަދު، 29 ޖެނުއަރީ 2013 ވަނަ ދުވަހު ހަވީރު ނޫހަށް ދެއްވާފައިވާ އިންޓަވިއުއެއްގައި، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ހުށަހެޅިފައިވާ ޝަރީޢަތް އަވަސް ކުރުމަށާ، އެމައްސަލަ ނުނިންމާ މިހާރުވެސް މާބޮޑަށް ލަސްވެގެން ހިނގައްޖެކަމަށާއި، އެކަމުގެ ޒިންމާ ކޯޓުތަކުން އުފުލަންޖެހޭނެ ކަމަށާ އަދި އެމައްސަލަ އަވަހަށް ނިންމުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހަމަޖެހުމަށް ވަރަށް މުހިއްމު ކަމެއްކަމަށާއި ވަކި މުއްދަތެއްގެ ކުރިން މައްސަލަ ނިންމާ ހުކުމް ނުކޮށްފިނަމަ ޝަރުޢީ ދާއިރާއަށް އާންމުން ކުރާ އިތުބާރު ގެއްލޭނެކަމަށް ބަޔާންކޮށް، ރައީސް ނަޝީދުގެ މައްސަލައަށް ނުފޫޒުފޯރާ ފަދަގޮތަކަށް ވާހަކަ ދައްކަވާފައިވުމުން، ސަރުކާރުގެ އިސް މަޤާމެއްގައި ހުރި ފަރާތަކުން، ޚާއްސަކޮށް ކުރީގެ ޖަސްޓިސް މިނިސްޓަރކަމާއި ޖިނާއީ ކޯޓުގެ އިސް ޤާޟީކަން ކުރައްވާފައިވާ ފަރާތަކުން އެފަދަ ވާހަކަތަކެއް ދެއްކެވުމުން، ރައީސް ނަޝީދަށް ލިބިދީފައިވާ ޢަދުލުވެރިކަމާއެކު މިނިވަން އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤަށް އުނިކަމެއް ލިބޭނެކަމަށް ޤަބޫލުކުރެވޭތީ، އެފަދަ ވާހަކަތައް ތަކުރާރު ނުކުރުމަށް ޑރ. މުޙަޢްމަދު ޖަމީލު އަޙްމަދަށް އަންގަވައި ދެއްވައި، ޙުކުމް ކޮށްދެއްވުމަށް އެދި އެމްޑީޕީގެ ފަރާތުން މުޙައްމަދު ޖަމީލުގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާގެ އަޑުއެހުމެއް މިދިޔަ އާދީއްތަ ދުވަހު ސިވިލްކޯޓްގައި ވަނީ ބާއްވާފައެވެ.

ސިވިލްކޯޓްގައި އޮތް މިޝަރީޢަތުގެ މަޖިލީހުގައި، ޑރ. ޖަމީލްގެ ފަރާތުން ދައުވާއަށް ޖަވާބު ދާރީވުމުގެ ބަދަލުގައި ވަނީ އިޖުރާޢީ ނުކުތާ ނަންގަވާ ވާހަކަ ދައްކަވާ މިމައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ޑރ. މުޙައްމަދު ޖަމީލު އަޙްމަދުގެ ފަރާތުން ވަނީ ހުށަހަޅާފައެވެ. އިޖްރާއީ ނުގުތާގެ ގޮތުގައި ޑރ. ޖަމީލު ފާހަގަ ކޮށްފައިވަނީ މިމައްސަލައަކީ ވަކިފަރުދެއްގެ ފަރުދީ މައްސަލައެއްކަމަށާ ރައީސް ނަޝީދުގެ ފަރާތުން އެމްޑީޕީއަށް މިދަޢުވާ ނުކުރެވޭނެ ކަމަށެވެ. އަދި މިމައްސަލަ ހުށަހަޅާފައިވަނީ ހޯމް މިނިސްޓަރގެ މައްޗަށްކަމެއް ނުވަތަ ފަރުދީގޮތުން ޑރ. ޖަމީލްގެ މައްޗައްކަމެއް ސާފުނުވާކަމަށާއި ހޯމް މިނިސްޓަރ ގެ މައްޗަށް ހުށަހަޅާ ދައުވާއެއްނަމަ އެކަމަށް ޖަވާބުދާރީ ވާނީ ދައުލަތުންކަމަށެވެ.

އިޖްރާޢީ ނުގުތާގައި ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ފާހަގަ ކުރައްވައިފައިވަނީ، ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވާހަކަފުޅު ދައްކަވާފައިވަނީ ޤާނޫނުއަސާސީން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެގެ ޙައްޤު ބޭނުންކޮށްގެން ކަމަށްވުމާއެކު، އެވާހަކަތަކަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރަށާއި ޝަރީޢަތަށް ނުފޫޒުފޯރުވުމަށް ދެއްކެވި ވާހަކައެއްކަމަށް ނުބެލެވޭނެކަމަށެވެ.
އަދި އިޖުރާޢީ ގޮތުން ދައުވާހުށަހެޅުމުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާކަމަށާއި މިގޮތުން، ދައުވާ ފޯމުގައި ސޮއިކޮށްފައިވާ އިބްރާހީމް މުޙައްމަދު ސާލިޙްއަށް އެމްޑީޕީގެ ނަމުގައި ދައުވާ އުފުލުމުގެ ބާރާއި އިޚްތިޔާރު ލިބިފައިވާކަން ސާފުނުވާކަމަށާ، އިބްރާހީމް މުޙައްމަދު ސާލިޙަކީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސްކަން އެނގޭނެ ލިޔުމެއް ހުށަހަޅާފައިނުވާތީ އެއީ ޕާލިމަންޓްރީ ގްރޫޕްގެ ރައީސްކަން އެނގެން ނެތްކަމަށާއި ދައުވާ ފޯމުގައި ސޮއިކުރުމުގެ ހައިސިއްޔަތެއް ނެތްކަމަށެވެ. އަދި މިދަޢުވާ އެމްޑީޕީން އުފުލަންވީ އެއްވެސް ސަބަބެއް ނެތްކަމަށްވެސް ޑރ. ޖަމީލު ވަނީ އިޖުރާއީ ނުގުތާގެ ގޮތުގައި ފާހަގަ ކޮށްފައެވެ.

މި ދިޔަ އާދީއްތަ ދުވަހު ސިވިލްކޯޓްގައި އޮތް ޝަރީޢަތުގެ މަޖިލީހުގައި މިނުކުތާތަކުގެ ރައްދުގައި، ރައީސް ނަޝީދަކީ އެމްޑީޕީ ގެ ރިޔާސީ ކެންޑިޑޭޓްކަމުން ރައީސް ނަޝީދުގެ ފަރާތްޕުޅުން ދައުވާ ކުރުމުގެ ހައްޤު އެމްޑީޕީ އަށް ލިބިގެންވާނެކަމަށާ، ކޯޓުން މައްސަލަ ބަލައިގަނެ ކުރިއަށް ގެންގޮސްފައިވަނީވެސް އެމްޑީޕީއަށް ދައުވާ ކުރުމުގެ އިޙްތިސާސް ލިބިގެންވާތީކަމަށް ބަޔާންކުރެވުނެވެ. އަދި ރައީސް ނަޝީދުގެ ޝަރީއަތާބެހޭގޮތުން ޑރ. ޖަމީލް ދައްކަވާފައިވާ ވާހަކަތަތަކަކީ ހޯމް މިނިސްޓަރގެ މެންޑޭޓްގެ ތެރޭގައި ދެއްކެވޭނެ ވާހަކަތަކެއް ނޫންކަމަށާ، ކުރިންވެސް ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކުރެވުނު ފަދައިން ދަޢުވާ ކުރަނީ ޑރ. ޖަމީލްގެ މައްޗަށްކަމަށެވެ.

މީގެއިތުރުން، ޤާނޫނު އަސާސީން ލިބިދޭ ޚިޔާލުފާޅުކުރުމުގެ ޙައްޤުވެސް ބޭނުންކުރަންވާނީ ވަކި ހުދޫދެއްގެ ތެރެއިން، ޤާނޫނުއަސާސީގެ އެހެން މާއްދާތަކާ ފުށުނާރާ ގޮތަށްކަމަށާ، ހިނގަމުންދާ ޝަރީޢަތަކަށް އަސަރުފޯރާނެފަދަ އެއްވެސްކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެކަމަށް ޤާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާން ކޮށްފައިވާއިރު، އެ އަސާސާ ޚިލާފަށް އެއްވެސް ކަމެއްގައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ނަމުގައިވެސް ވާހަކަ ނުދެއްކޭނެ ކަމަށެވެ. އަދި އިޖުރާއީގޮތުން މިމައްސަލަ ހުށަހަޅާފައިވާނީ ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ހަމަކުރުމަށްފަހުގައިކަމަށާ ދައުވާފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް ނުކުތާއެއް ފުރިހަމަނުކޮށްވާނަމަ މައްސަލަ ކޯޓުންވެސް ބަލައިގަންނާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

ހުށަހެޅުނު އިޖުރާއީ ނުކުތާތަކަށް ލިޔުމުން ޖަވާބުދާރީ ވުމުގެ ފުރުޞަތަށް އެދުމުން ޝަރީއަތުގެ މަޖިލީސް ޤާޒީ ނިންމަވާލެއްވީ ދެން އޮންނަ އަޑުއެހުމެއްގައި ލިޔުމުން ޖަވާބުދާރީވުމަށް އެމްޑީޕީއަށް ފުރުސަތު ދެއްވުމަށްފަހުއެވެ.

މިހާރު ހޯމް މިނިސްޓަރ ކަމުގެ މަޤާމުގައި ހުންނެވި ޑރ. ޖަމީލް ރައީސް ނަޝީދުގެ ޝަރީއަތަށް ނުފޫޒު ފޯރާފަދަ ގޮތަކަށް ވާހަކަ ދެއްކެވިފަހުން ރައީސް ނަޝީދުގެ މައްސަލައިގެ އަޑުއެހުން އަވަސްކޮށްފައިވާ ކަން ފާހަގަކުރެވިފައިވެއެވެ.

އެމްޑީޕީގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 25 ފެބްރުއަރީ 2013 ވަނަ ދުވަހުއެވެ. އިއްޔެ ސިވިލްކޯޓްގައި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ދެ ފަހަރެއްގެ މަތިން ކޯޓަށް ކިއުމަށްފަހު، ޑރ. ޖަމީލްގެ ފަރާތުން ޖަވާބުދާރީވުމަށް ބާއްވަން ހަމަޖެހުނު ދެ އަޑުއެހުމެއް ކުރިން ކެންސަލް ކުރުމަށްފަހުގައެވެ.