ދިވެހި މަސައްކަތްތެރިންގެ ޙައްޤުގައި އެމްޑީޕީ 1 މޭ 2013 ގައި ނިކުންނަނީ.

“ދިވެހި މަސައްކަތްތެރިންގެ ޙައްޤުގައި އެމްޑީޕީ” މި ނަމުގައި 1 މޭ 2013 ވާ ބުދަ ދުވަހު ހަވީރު ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިފަވެއެވެ. އުސްފަސްގަނޑު ސަރަޙައްދުން ހަވީރު 4 ހަޖާއިރު ފެށުމަށް ހަމަޖެހިފައިވާ މި ހިނގާލުމުގައި ޝުޢޫރު ފާޅުކުރުމާއި އެކި ބޭފުޅުން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރެވޭ މަސައްކަތް ތެރިންގެ ދުވަސް ނުވަތަ މޭޑޭ އަކީ ކޮންމެ އަހަރަކު މޭ މަހުގެ އެއްވަނަ ދުވަހު ދުނިޔޭގެ ޤައުމު ތަކުގައި ފާހަގަ ކުރާ ދުވަހެކެވެ. ބައިނަލް އަޤްވާމީ ގޮތުން ފާހަގަ ކުރާ މަސައްކަތްތެރިންގެ ދުވަސް މިރާއްޖޭގައި ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެމްޑީޕީ ސަރުކާރުގެ ދައުރުގައެވެ.

މަސައްކަތްތެރިންގެ ބައިނަލް އަޤްވާމީ ދުވަހާއި ގުޅުވައިގެން ދިވެހި މަސައްކަތްތެރިންނާއި ގުޅޭ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުން 4 މޭ 2013 ވާ ހޮނިހިރު ދުވަހު ރާއްޖޭގެ 19 އަތޮޅާއި 2 ސިޓީގައި އޮންނާނެއެވެ. ދިވެހި މަސައްކަތްތެރިންނާއި ގުޅޭ އެމްޑީޕީގެ ސިޔާސަތު ޤައުމީ ފެންވަރުގައި މުޅި ރާއްޖޭއަށް އިފްތިތާޙްކޮށްދެއްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުއެވެ.