ކުދި ޕާޓީތަކުގެ ބޭނުމަކީ، މަށަށް މަށަށް ގޮވައިގެން ތިމަންނާއަށް އޮތީ ކޮން އެއްޗެއްތޯ ބަލައި، އެ ބޮނޑި ބޮޑުކުރުމަށް އިއްތިހާދުވަމުން ދިއުންކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫގައި އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، އިއްތިހާދުވުމަކީ ބޮނޑި ބޮޑުކުރުންކަމަށާއި އެ ބޮނޑި ބޮޑުކުރަނީ ހަމައެކަނި މާއްދީކަންކަމަށްކަމަށާއި ރައްޔިތިތަކަށް އެއިން ލިބޭ އެއްވެސް ފައިދާއެއް ނެތްކަމަށެވެ. މިހާތަނަށްވެސް މި ބޭފުޅުން އިއްތިހާދުވެގެން ކުރައްވާފައިވާ ކަންކަން އަޅުގަނޑުމެންނަށް އެނގޭކަމަށާއި، މިރަށުގެ ބަނދަރު ހެދުމަށް ހުރި ފައިސާކޮޅު ނަގައިގެން އެހެން ރަށެއްގެ ތަރައްޤީގެ މަޝްރޫޢެއް ހިންގުމަށް ހަމަޖައްސާފައި ހުރި ފައިސާކޮޅުން ފުލުހުންގެ މުސާރަ ބޮޑުކުރެއްވީކަމަށް ރައީސް ވިދާޅުވިއެވެ. ނިމިގެން މިދިޔަ 2012 ވަނަ އަހަރު ރާއްޖޭގައި ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ނުހިންގޭ ކަމަށާއި ރާއްޖެ އޮތީ ހުއްޓިފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދާ މަންޒަރަކީ، ބޭބޭފުޅުން ސިޔާސީ ކުދި ޕާޓީތައް އުފައްދަވައިގެން، އަމިއްލަ ބޭނުންފުޅުގައި ނުވަތަ ވިޔަފާރީގެ ފައިދާއަށްޓަކައި، އެ ޕާޓީތައް ދޮލަނގަށްލައިގެން ވިއްކަމުން ގެންދާ މަންޒަރުކަމަށެވެ. ޕާޓީއެއް މި އުފައްދަނީ އެއްވެސް ހާލެއްގައި ވަކި ފިކުރެއް، ވަކި ފަލްސަފާއެއް ނުވަތަ ވަކި އުޞޫލުތަކެއް އެކަށައަޅާ ހިންގުމުގެ ބޭނުމަކު ނޫންކަމަށާއި މި ބޭފުޅުން އުފައްދަވާ ޕާޓީތައް ބޭނުންކުރައްވަނީ، އަމިއްލަފުޅު ވިޔަފާރީގެ ބާރުވެރިކަން އެ ޕާޓީ މެދުވެރިކޮށް ހިންގެވުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ވިޔަފާރީގެ މުޢާމަލާތްތައް ހިންގާއިރު، އެއް ފަރާތުގައި ސިޔާސީ ޕާޓީއެއް ބޭއްވުނީމާ، ދެން ސަރުކާރަށްވެސް ޖެހެނީ ދީލާލަންކަމަށާއި، އެ ދީލާލުމަށް ސަރުކާރަށް މަޖުބޫރުވާ މަޖުބޫރުވުމަކީ ހަޤީގަތުގައި މި ބޭފުޅުން ސިޔާސީ ޕާޓީ އުފެއްދުމުގެ ސަބަބުކަމަށެވެ.
މި ރޮނގުން ވާހަކަފުޅު އިތުރަށް ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، ސިޔާސީ ޕާޓީތައް އުފެއްދެވުމަށް ފަހު އިންތިޚާބުތަކަށް އެބޭފުޅުން ކުރިމަތިލެއްވުމަށްފަހު ދެން ކުރައްވާކަމަކީ ދައުލަތުގެ ވަޞީލަތްތައް ބަހާލެއްވުންކަމަށެވެ. ” އެ ބޭފުޅުން މި ވިދާޅުވަނީ، ސަރުކާރުގެ ވަޒީރުންގެ މަޖްލީހުގެ މިތައް ގޮނޑިއާއި ތިމަންނާއަށް މިތައް ރަށާއި ފަނޑިޔާރު ގެ ތެރެއިން އެތައް ބަޔަކާއި ބޮޑު ގުދަނަކާއި، އަދި މިވެނި އެއްޗަކާއި އެވެނި އެއްޗެއް ތިމަންނާއަށް ދީފިނަމަ، ތި ޕާޓީއާ ތިމަންނަ އިއްތިހާދު ވާނަމޭ”، ރައީސް ނަޝީދު ވިދާޅުވިއެވެ. ހަޤީގަތުގައި މިބޭބޭފުޅުން މި ހައްދަވާ އިއްތިހާދަކާ ރައްޔިތުންނާ އެއްވެސް ގުޅުމެއް ނެތްކަމަށާއި އިއްތިހާދު ހައްވައިގެން ނަގޫ ގޮއްޖެހިފައި ތިއްބަވަނީ ވެރިންގެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ހިތާމައަކީ، ދޮލަނގަކަށް ލާފައި ވިއްކަން ތިބެނީ ރައްޔިތުންނަށް ވާތީކަމަށާއި އަދި އެ ރައްޔިތުން އެ ސިޔާސީ ޕާޓީތަކަށް ވައްދާފައި ތިބީ ނާޖާއިޒު ގޮތުގައި ހޯދި ފައިސާއިން ކަމާ މެދު އެއްވެސް ޝަައްކެއް ނެތްކަމަށާއި އެކަން މިހާރު ސާފުވެ ފެންނަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުން އިއްތިޙާދުވެގެން، 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށް ހިންގި ހަރަކާތްތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ އިއްތިހާދުން އެންމެ މުހިންމު އެންމެ ވަރުދަގަ ކުރި ކަމަކީ، 2008 ވަނަ އަހަރު ރާއްޖޭގައި އުފައްދާފައި އޮތް ޤާނޫނީ ސަރުކާރުން ވައްޓާލުންކަމަށެވެ.
މި އާލަމްގައި އަދި މިދުނިޔޭގައި ކުރެވޭނީ މާތް ރަސްކަލާންގެ ޙަޟްރަތުން ކުރާ ވެރިކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެވެރިކަން ގަޑުބަޑުކޮށް އެވެރިކަން ޣައިރު ޤާނޫނީއެއް ނުކުރެވޭނެކަމަށެވެ. ބަޣާވާތްކުރުމަށްވުރެ ވަކިން ބޮޑު ޚަރާމްކަމެއް އިސްލާމްދީނުގައި ނެތްކަމަށާއި ދީނީ ދަންނަބޭކަލުންގެ ތާކިހާ އަޅުއްވައިގެން އެބޭފުޅުން އެކުރެއްވީ ބޮޑުވެގެންވާ ޚަރާމްކަމެއްކަމަށާއި މިއަދު ރާއްޖެގައި ހިނގަމުންދަނީ ޚަރާމް ވެރިކަމެއްކަން ތަކުރާރުކޮށް ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ ރާއްޖެއެއް ކަމަށްވާއިރު، މިޚަރާމްކަންތައް އަޅުގަނޑުމެންގެ ލޯކުރިމަތީގައި ބަލަހައްޓައިގެން ތިބެވެން ނޯންނާނެކަމަށެވެ.
އިރާދަކުރެއްވިޔާ ނަޞްރު ލިބޭނީ އަބަދުވެސް ހައްޤަށްކަމަށާއި ބަޣާވާތެއްކޮށްގެން އެ ޚަރާމްކަންމަތީގައި މާތް ﷲ އަށް އުރެދިގެން ތިބި ބަޔަކަށް ނަޞްރު ލިބިދާނެކަން އިންސާނީ ތަޖުރިބާ މިހާތަނަށް ދައްކާފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށް އެ ބޭފުޅުން ދެއްކެވީ ދެ ވާހަކައެއްކަމަށެވެ. އެގޮތުން އެބޭފުޅުން ދެއްކެވި ފުރަތަމަ ވާހަކައަކީ، ޣިޔާސުއްދީން ސްކޫލް އިންޓަނޭޝަނަލް ސްކޫލެއްގެ ގޮތުގައި ތަރައްޤީކުރުމަށް އެ ސްކޫލްގެ މެނޭޖްމަންޓް ބޭރު ބަޔަކާ ހަވާލުކުރުމުގެ ވާހަކަކަމަށެވެ. ނަމަވެސް މިއަދު ފެންނަމުން ދާ މަންޒަރަކީ، ދީނާ ޤައުމަށްޓަކައި ވެރިކަން ވައްޓާލި ބޭފުޅުންގެ ތެރެއިން ދީނީ އިލްމުވެރިންނާއި މުއްސަނދިންނާއި އަދި ބައެއް މަޖްލިސް މެންބަރުންނާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންވެސް އެ ބޭބޭފުޅުންގެ ދަރިން އެ ސްކޫލްގައި ކިޔަވަމުން ދާ މަންޒަރުކަމަށެވެ.
އެމްޑީޕީގެ ވެރިކަން ވައްޓާލުމަށް އެބޭފުޅުން ދެވަނަ އަށް ދެއްކެވި ވާހަކައަކީ، ހުޅުލޭ އެއަރޕޯޓް ބޭރު ބަޔަކަށް ވިއްކާލި ވާހަކަކަމަށާއި ނަމަވެސް، އެ އެއަރޕޯޓް އަދިވެސް އޮތީ ރާއްޖޭގައި ކަމަށާއި އެތަން ހިފައިގެން އެއްވެސް ބަޔަކު ނުދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި އަދާލަތު ޕާޓީއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އަދާލަތު ޕާޓީއިން ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބަށްވެސް އަދި ކައުންސިލް އިންތިޚާބުގައިވެސް ވާދަކުރެއްވިކަމަށާއި ނަމަވެސް 1170 ކައުންސިލްގެ ގޮނޑީގެ ތެރެއިން އަދާލަތު ޕާޓީއަށް ލިބުނީ ދެތިން ގޮނޑިކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއިން ކާމިޔާބުކުރާނީ އިރާދަކުރެއްވިއްޔާ އެއް ބުރުންކަމުގައި ރައީސް ތަކުރާރުކޮށް ރޭވެސް ވިދާޅުވިއެވެ