ރައީސް މުހަންމަދު ނަޝީދު ދިވެހި ރާއްޖޭގެ ހައިކޯޓަށް ހުށައެޅުއްވި މައްސަލައިގަ އެކޯޓުގެ މައްޗަށް ޖޭއެސްސީ އިން ނާޖާއިޒު ނުފޫޒު ހިންގެވުން ކުށްވެރިކުރުން

noosbayan

ރައީސް ނަޝީދުގެ މައްޗަށް ސިޔާސީ ކުލަވަރު ޖެހި ދައުލަތުން ކުރަމުން ގެންދާ ދަޢުވާ ކުރުމަށް ޖޭއެސްސީ އިން ޤާނޫނާއި ޚިލާފަށް ކޯޓެއް ހަދައި އެ ޣައިރު ޤާނޫނީ ކޯޓް މާލޭގެ ޖަސްޓިސް ބިލްޑިންގ ގައި ހިންގާ އަދި އެކޯޓަށް ޤާނޫނާއި ޚިލާފަށް ފަނޑިޔާރުން އައްޔަންކުރި މައްސަލަ ވަނީ މިހާރު ރައީސް ނަޝީދުގެ ފަރާތްޕުޅުން ދިވެހި ރާއްޖޭގެ ހައިކޯޓަށް ހުށަހަޅުއްވާފައެވެ.

މިހެން މިމައްސަލަ ހުށަހެޅި، މިމައްސަލައިގެ އަޑުއެހުމުގައި ޖޭއެސްސީ ގެ ބައެއް ލިއުންތަކާއި މިމައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރުބަލާ ކޮމެޓީން ބެއްލެވި އިރު ކޮމެޓީއަށް ހުށަހެޅިފައިވާ ލިއުންތައްވެސް ބޭނުންވެގެން އެލިއުންތައް ހޯދުމަށް ފުރުސަތު ދެއްވުމަށް ރައީސް ނަޝީދުގެ ލޯޔަރުން އެދިވަޑައިގަތުމުން އެކަން ކުރުމަށް ކޯޓުން ވަނީ ވަގުތު ދެއްވާފައެވެ.

މިހެން މިކަން އޮއްވާ އިވިގެން މިދިޔައީ މިމައްސަލަ ބިނާ ކުރެވިފައިވަނީ ހަމައެކަނި ޤާނޫނީ އިޖްރާއީ ނުކުތާތަކަކަށް ކަމަށް ޖުޑިޝަލް ސާރވިސް ކޮމިޝަން އިން ބުނެ އަދި އެހެންކަމުން މައްސަލަ ވަގުތުން ނިންމޭނެ ކަމަށާއި ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބޭރުކޮށް ދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ސިޓީއެއް ފޮނުވި ވާހަކައެވެ.

ޖޭއެސްސީ އަކީ މިމައްސަލައިގެ އެއް ޙަޞްމު ކަމަށްވާއިރު މިފަދަ ގޮތަކަށް ޖޭއެސްސީ އިން ދެކެވަޑައިގަންނަވާ ކަމަށް ވާނަމަ އެކަން ކޯޓްގައި ފާހަގަ ކުރެއްވިދާނެއެވެ. ނަމަވެސް ކޯޓްގައި ދައްކަވަން ޖެހިވަޑައިގަންނަވާ ވާހަކަތައް ޖޭއެސްސީ އިން ސިޓީއަކުން ހުށަހަޅުއްވާ ކަމީ ހައިކޯޓްގެ މައްޗަށް ނާޖާއިޒް ނުފޫޒް ފޯރުވުން ކަމަށް ބެލެވެއެވެ.

ޤާނޫނު އަސާސީގެ 141 (ނ) ބުނަނީ އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާއި ޙަވާލުވެހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒް ފޯރުވާ ހަދައިގެން ނުވާނެ ކަމަށެވެ. އަދި ޤާނޫން ނަންބަރ 13/2010 ފަނޑިޔާރުންގެ ޤާނޫން ގެ 35 ވަނަ މާއްދާއިން ފަނޑިޔާރުންނާއި މެދު ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވަނީ ޖޭއެސްސީއަށް ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން ޤާނޫން އަސާސީގެ 51 (ބ) އިން ކުށުން ބަރީއަ ވުމަށް، މަސައްކަތް ކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށިގެންވާ ވަސީލަތްތައް ލިބެންވާނެކަމަށް އޮވެއެވެ.

“ޤާނޫނު އަސާސީން ކުށުން ބަރީއަތްވުމަށް އެކަށިގެންވާ ވަގުތާއި ވަސީލަތް ލިބޭނެކަމަށް ބުނެފައިވަނިކޮށް، އަދި ރައީސް ނަޝީދުގެ ފަރާތުން މިހައްގު ލިބިދިނުމަށްއެދި މިފުރުސަތު ދިވެހިރާއްޖޭހެ ހައިކޯޓުން ދީފައިވަނިކޮށް، މީގެ އިތުން ފަނޑިޔާރުންގެ މައްޗަށް ނުފޫޒުފޯރުވުން މަނާކޮށްފައިވަނިކޮށް، ފަނޑިޔާރުންގެ މައްޗަށް ފަނޑިޔާރުންގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ނުފޫޒުފޯރުވޭފަދަ ދައުލަތުގެ މަގާމެއްގައި ތިއްބަވައި، ޤާނޫނު ނަމްބަރ 10/2008 ޖޭ.އެސް.ސީގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ)ގެ (1)، (2)، (3)، (4)،(6)،(7)، (8)އާއި ހިލާފަށް ހައިކޯޓަށް ސިޓީ ފޮނުވައި، މައްސަލައިގެ އެއް ހަސްމުކަމުގައިވާ ޖޭ.އެސް.ސީ، ކޯޓްގައި ދައްކަންޖެހޭ ވާހަކަ ސިޓީއިން ހުށަހަޅުއްވައި ދިވެހިރާއްޖޭގެ ހައިކޯޓްގެ މައްޗަށް ނާޖާއިޒް ނުފޫޒް ފޯރުވަން އެއުޅުއްވާ އުޅުއްވުން ވަގުތުން ހުއްޓާލަން އެބަޖެހޭ” ރައީސް ނަޝީދުގެ ތަރުޖަމާން އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވިއެވެ.

ޖޭ.އެސް.ސީއިން ޤާނޫނު އަސާސީއާއި ޤާނޫނާއި ހިލާފަށް މިހިންގާ އަމަލުތައް މިއޮފީހުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި ޖޭ.އެސް.ސީ އިން ސިޔާސީ ނުފޫޒުން އެއްކިބާވެ ޤާނޫނަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ދަންނަވަމެވެ. އަދި މިފަދަ ނާޖާއިޒް ނުފޫޒުތަކަށް ޖެހިލުންވެވަޑައިނުގަންނަވާ، ދިވެހިރާއްޖޭގެ ހައިކޯޓުން އެބޭފުޅުންގެ ޤާނޫނީ މަސައްކަތްޕުޅުތައް ކުރިއަށް ގެންދެވުމަށް އިލްތިމާސް ދަންނަވަމެވެ.


ބަޔާން ނެރުނީ: ރައީސް މުޙައްމަދު ނަޝީދުގެ އޮފީސް