އޮފީސް ނިންމާފައި ރައްޓެހިންނާއިއެކު ސަޔެއް ބޯލަން ޖައްސާލީ ކައިރީގައި ހުންނަ ކެފޭއަށެވެ. ސައިބޯލައިގެން އަގަތެޅުމުގެ ފޯރީގައި އިން ވަރުން ރޭގަޑު ފުރަން އޮތްކަން ކުޑަކޮށްވެސް ހަދާނެއް ނެތެވެ. މަޣްރިބު ނަމާދަށް ބަންގި ގޮވާއަޑު އެބައިވެއެވެ. ފޯނުވާން ފެށީމާ ބަލައިލިއިރު އަހަންނާ އެކުގައި މިރޭ ފުރަން ހުރި ރަހްމަތްތެރިޔާ ގުޅަނީއެވެ. އަހަންމަދު އެއަރޕޯޓަށް ދަނީ ކޮންއިރަކުތޯ އަހާލީމާ ބުނެފިއެވެ، ބަލަ 8.30 ގައި ބޯޓް ފުރާ ނޫންހޭ، އެންމެ ލަސްވެގެން 7 ޖަހާއިރު ފެރީ ކައިރިއަށް ދާނަމޭ…. އަހަރެން ބުނެފީމެވެ. ތައްޔާރު ވެލައިގެން ގޭދޮށުގައި ހުންނާނަމޭ، އެހެންވީމަ އަހަންމަދު އަންނަ މަގުމަތީގައި އަހަރެން ގޮވައިގެން ފެރީ ކައިރިއަށް ދާންވީ ނޫންހޭ. ކޮންމެއަކަސް ދެމީހުންނަށް އެއްބަސް ވެވުނީ އެކުގައި ފެރީ ދޮށަށް ދާގޮތަށެވެ.
ދެވެރިން އެކުގައި އެއަރޕޯޓަށް ގޮސް އެރޭގެ އެއަރލަންކާއިން ކޮޅުބަށް ދަތުރު ފަށައިފީމެވެ. ދަތުރު މަތީގައި އެއްޗެއް ކިޔާލަން ބަލައިލިއިރު އަހަންމަދު އަތުގައި ހަވީރު ނޫސް އޮތެވެ. ނޫހާދިމާއަށް ދެފަހަރަކު ބަލައިލީމާ އޭނާގެ އަތްދަބަހުން ނަގާފައި އެދިއްކޮއްލީ ޖަޒީރާއެވެ. ޖަޒީރާގައި ހުރި ޚަބަރުތަކާއި ލިޔުންތައް ބަލާ ނިންމާލިއިރު ހަވީރު ކިޔާލަން ލިބޭވަރު ވެއްޖެއެވެ. ހަވީރުގެ އެއްކޮޅުން އަނެއްކޮޅަށް ބަލައިނުލެވިގެން އުޅެނިކޮށް ބޯޓް ޖައްސަން 10 ވަރަކަށް މިނިޓަށް ވެއްޖެކަމަށް ކެޕްޓަން އިއުލާނު ކޮށްފިއެވެ. އިމިގްރޭޝަން ނިމިގެން ބެލްޓާއި ހަމައަށް ދެވުނު އިރު ތިންހަތަރު އިސްތިހާރު ބޯޑް ފެނުނެވެ. ކަސްޓަމްސް ކްލިއަރަންސް ނިންމާފައި ނުކުތްއިރު ކުރިމަތީގައި ބަރިއަކަށް ފެންނާން ހުރީ ބެންކް އޮފް ސިލޯން، އެޗް އެން ބީ، ޕީޕަލްސް ބޭންކް، ސޭލަން ބޭންކް އަދިވެސް އިތުރު ބޭންކް ތަކުގެ ބޭރުފައިސާ މާރުކޮށްދޭ ކައުންޓަރ ތަކެވެ. ހަމަ އެކައުންޓަރ ތަކުން ނިމިގެން ދެތިން ފޫޓް ހިގާލާތަނުން ފެންނާންހުރީ އެކި ހޮޓާތަކުގެ ކައުންޓަރ ތަކެވެ. ކުމާރަގެ ވޭން އޮތުމާއެކު ފިސާރި ހަލުވިކޮށް ވޭންއާއި ދިމާއަށް ގޮސް ކޮޅުބަށް ދާން ދަތުރު ފެށީމެވެ. އެއަރޕޯޓް ގޭޓުން ބޭރަށް ނުކުތް ދިމާލުގައި އެހުރި ބޮޑު އިސްތިހާރު ބޯޑަކީ ސްރީލަންކާގެ ބޯޑް އޮފް އިންވެސްޓްމަންޓުގެ ބޯޑެކެވެ. ސްރީލަންކާގައި އިންވެސްޓް ކުރެވެން ހުރި ދާއިރާތަކާއި ބީއޯއައި އާއި ގުޅޭނެ ނަމްބަރު ތަކާއި ގޮތްތައް އެގޭން ހުއްޓެވެ.
ކޮންމެއަކަސް ދުއްވަމުން ދިޔަވަރަކަށް މަގުގެ ދެފަރާތުންވެސް ފެންނަނީ އެކި ބާވަތްބާވަތުގެ ތަކެއްޗާއި ޚިދްމަތްތަކުގެ އިސްތިހާރު ބޯޑު ތަކެވެ. 11 ޖަހާ ދިޔައީއެވެ. ހޮޓާތަކުގައި ގަދައަށް ލަވަޖަހާފައި ހުންނަ އަޑުފަށްގަޑު މުޅިހިސާބަށް ހުރެއެވެ. ގަޑިއެއްހާ އިރު ދުއްވާފައި ގޮސް ވަނީ ޓްރާންސް އޭޝިޔާ ހޮޓަލަށެވެ. ވޭނުން ފައިބައިގެން ހޮޓަލަށް ވަންއިރު ދެބައިކުޅަ އެއްބައި ހުދު ތުބުޅިއެއް ހުރި ލައިގެން ހުރި ރީތި ހުދުގަމީހުގެ ޖީބުގައި އެންމެފަހުގެ މޮންޓްބްލަންކް ދެތިން ގަލަން ޖަހާލާފަ ޓައީގައި ދިވެހިދިދައިގެ ޕިނެއް ޖަހާފައި ހުރި ފަންސާހުގެ އުމުރު ފުރާވަރުގެ މީހަކު މާހެވިލާފައި އައިސް ‘ހެލޯ ސަރ’ ކިޔާފައި ސަލާމްކޮށްލާފައި އޭނާ އެއީ ކުމާރަ ކަމުގައި ތައާރަފް ވިއެވެ. ފުދޭވަރަކަށް ދަތުރު ވަރުބަލި ވެފައި ހުރުމުން އަވަސް ވެގަތީ އަވަހަށް ގޮސް އަރާމުކޮށް ނިދާލާށެވެ.
އަނެއް ދުވަހު ހެދުނުހެދުނާ ތެދުވެ ފާޚާނާއަށް ވަދެލާފައި ނުކުމެ ބޭރު ދޮރު ހުޅުވާލާފަ ބަލައިލިރު ދޮރުގެ ގޮބުގައި އެލުވާލައިފައި ލަންކާގެ ދުވަހު ނޫސް އައިލެންޑް އިނެވެ. އަވަހަށް ނޫސް ހިފައިގެން އައިސް ކިޔާން ފެށުމުން ކުރިން ނުފެންނަ ކިތަންމެ އެއްޗެއް ހިތަށް ފެންނާން ފަށައިފިއެވެ. ނޫހުގެ އެތަންމިތަނުގައި ވަކި ތަރުތީބަކުން އިސްތިހާރުތައް ހުއްޓެވެ. ހައިރާން ވާވަރަށް ފާހަގަ ކުރެވުނު އެއްކަމަކީ ބޭންކުން ދޭ ޚިދްމަތްތަކުގެ އިސްތިހާރުތައް ގިނަކަން ފާހަގަ ކުރެވުމެވެ. އެކިއެކި ބޭންކުތަކުން ދޭ އެކިއެކި ފައިދާ ތަކެވެ. މީގެ ތެރޭގައި ގެދޮރުގެ ލޯން ދިނުމާއި، ބޭންކުތަކާއި މާލީ ކުންފުނިތަކުގައި ގިނަ ދުވަހު ބަހައްޓާ ނަގުދު ފައިސާއަށް ދޭ ނަފާތަކާއި އެކި ބާވަތް ބާވަތުގެ ފައިދާތަކާއި މިޒާތުގެ އިޝްތިހާރުތައް ނޫހުގައި ގިނަ އަދަދަކަށް ހުއްޓެވެ. ހަމަ އެވަރަކަށް އިންޝުރަންސް ކުންފުނިތަކުން ދޭ އަވަސް ޚިދުމަތްތަކާއި ނަފާ ތަކުގެ އިޝްތިހާރު މަދުން ހުއްޓެކޭ ނުދެންނެވޭނެއެވެ. ހެދުނުގެ ނާސްތާ ނިންމާލައިގެން އަޅުގަޑުމެން ދެވެރިން ނުކުތީ ކުޑަކޮށް ބާޒާރު ކޮށްލާ ރަށުތެރޭގައި ދުއްވާލާށެވެ.
ފުރަތަމަ ދިޔައީ ކްރެސްކެޓަށެވެ. އެތަނުގެ ތިރީބައިގައި ހުންނަ ސުޕަރމާކެޓުން އެއްޗެއް ގަނެލަން ވަދެފައި ނުކުތްއިރު ފެނުނު ފޮތް ހަރެއްގައި އިން އެލްއެމްޑީ މަޖައްލާ ބަލައިލާނަމޭ ހިތާ އެފޮތްވެސް ގަތީމެވެ. އެމަޖައްލާގައި ހުރީ ސްރީލަންކާގެ އިގްތިސާދާ ގުޅޭ މަޒްމޫނުތަކާއި ލަންކާގެ މިހާރުގެ މަޝްރަހު ވަރަށްރަގަޅަށް އޮޅުންފިލާނެ މަޒްމޫނުތަކެވެ.
އަޅުގަޑަކީ ކޮންމެވެސް ވަރަކަށް ދިވެހި ނޫސްތަކާއި މަޖައްލާތައް އާންމުކޮށް ބަލާ އުޅޭ މީހެއްކަމަށް އަޅުގަޑު ގަބޫލު ކުރަމެވެ. އެހެންކަމުން އަޅުގަޑު ހިތަށް ކުއްލިއަކަށް ވަން އެއްޗަކީ ރާއްޖޭގައި ނޫސް މަޖައްލާތަކުން ކުރެވެމުންދާ އިޝްތިހާރުތަކެއް ގޮތަށް ފެންނަނީ ޖޫސްތަކާއި ބިސްކޯދުތަކާއި ޑަލްޖަން ލޯޝަނާއި ދަވާދުތަކާއި މޯބައިލް ފޯން ޚިދުމަތް ތަކާއި ޕްލާސްޓިކް ދޮރުފަތް މިފާޑުގެ އިސްތިހާރު ތަކެވެ. އެއާއި ޚިލާފަށް ލަންކާގެ ނޫސް މަޖައްލާތަކުގައި މާލީ ވިޔަފާރިތަކާއި އަދި ޖުމްލަ ގޮތެއްގައި ވިޔަފާރީގެ މާގިނަ ބާވަތްތަކާއި ޚިދްމަތްތައް އިޝްތިހާރު ކުރެވެމުން މިދަނީ ކީއްވެ ބާއޭ ހިތަށްއެރިއެވެ.
މިކަމާ ގުޅޭގޮތުން އަހަންމަދާ ވާހަކަ ދައްކާލުމުން އޭނާއަށްވެސް އެކަން ފާހަގަ ކުރެވޭ ކަމަށް ބުންޏެވެ. އޭނަވެސް ދިގު ލިސްޓެއް ކިޔާލިއެވެ. އޭގެ ތެރޭގައި ލީޒިން ކުންފުނިތަކުގެ ލިސްޓެއްވެސް އެއްނޭވައިން އަމުނާލާފައި ބުންޏެވެ، “އަހަރެމެން މާބޮޑެއްވެފަ އަހަރެމެން ވަރެއް ނެތިފަ މިތިބެވެނީ ވަޅުބޮކަށް ވެގެން ދޯއެވެ”. މިވާހަކަތައް ދެއްކުމުގައި އަޅުގަޑުމެން ދެވެރިންގެ މެންދުރު ކެއުން ނިންމާލެވުނު އިރު ފާހަގަ ކުރެވުނު އެއްކަމަކީ ދިވެހިރާއްޖޭގައި ވިޔަފާރީގެ މާހައުލު ހުޅުވާލެވިފައި އޮތްވަރު ކުޑަކަމެވެ. އަދި ހަމަ އެފަދައިން ވިޔަފާރީގެ މާހައުލަށް ކަށަވަރުކަން އުފައްދައި ދިނުމަށް ބޭނުން ގާނޫނީ ހިމާޔަތް އުފެއްދިފައި ނެތްކަމެވެ. ނަތީޖާ އަކީ އަޅުގަޑުމެންގެ އަތުގައި ހުރި ތަނަވަސް ކަމުގެ ބޭނުން ހިފެން ނެތުމާއި އެއަށްވުރެ ބޮޑެތި ރައުސުލްމާލު ހޯދޭނެ ގޮތްތަކަށް މަގު ހުޅުވާލެވުނު ކަމުގައިވިޔަސް މަގުގައި ދަތުރު ކުރެވޭނެ ރައްކާތެރިކަން ނެތުމުގެ ސަބަބުން ޔަގީންކަން ގެއްލިފައި އޮތުމެވެ.
މިހާރަށް ބަލާއިރު އަޅުގަޑުމެންގެ ގައުމަށް އުފައްދާ ދެވިފައިވަނީ ވިޔަފާރީގެ ދެ ބާވަތެކެވެ އެއީ އިމްޕޯޓް މުދާ ވިއްކުމުގެ ވިޔަފާރިއާއި ޓުއަރިޒަމް ވިޔަފާރިއެވެ. މި ދެ ވިޔަފާރީގެ ޕަރފޯމަންސަށް ބަލާއިރު ކުރިއެރުމާއި ވާދަވެރިކަމާއި އިގްތިސާދަށް ލިބޭ ނަފާ ކުޑައެކޭ ދެންނެވޭކަށް ނެތެވެ. މީގެ އިތުރުން ދެންހުރި ވިޔަފާރިތަކަށް ދޮރުތައް ހުޅުވާލެވިފައި ނެތްކަމުގެ ހުސްކަން މިހާރު އިހްސާސް ކުރަން ޖެހެއެވެ.
ގެދޮރުގެ ވިޔަފާރިއަކީ ގަނެ ވިއްކާ މުދަލުގެ ވިޔަފާރިއެއް ގޮތުގައި ހެދިފައި ނެތުމުގެ ސަބަބުން އެވިޔަފާރިއަށް މަގު ތަނަވަސް ކޮށްދެވިފައެއް ނެތެވެ. އަމިއްލަ އުފެއްދުންތެރިކަމަށް ހިތްވަރު ދެވިފައި ނެތުމުގެ ސަބަބުން އެވިޔަފާރި ވަނީ އުވި ގޮސްފައެވެ. ދަޑުވެރިކަމާއި މަސްވެރި ކަމުގެ މަސައްކަތަށް އަތެއް ދިއްކޮށްލެވިފައި ނެތުމުން ދަޑުވެރިކަމުގެ ވިޔަފާރިން ނަފާ ލިބޭނޭ ގޮތްތަކެއް އުފައްދާދެވިފައެއް ނެތެވެ. އަދި މިކަންކަން މިހެން އޮތުމުގެ ސަބަބުން މާލީ އިދާރާތަކަށް ވިޔަފާރި ފެންނާކަށް ނެތެވެ.
ވިޔަފާރީގެ މާހައުލު އުފެއްދިފައި ނެތް ތަނެއްގައި މާލީ އެހީތެރިކަމުގެ މާހައުލުގެ ނިކަމެތިކަން މިއޮތީ ވަރަށް ފާޅުކޮށް ފެންނާށެވެ. ފެންނާން މިއޮތީ އަސާސެއް ނެތް ހުސްކަން އޮތް އިގްތިސާދެކެވެ. އަމިއްލަވަންތަ އަބުރުވެރި ރައްޔިތެއް އުފެއްދިފައި ނެތްކަމާއި މަސައްކަތް އުފައްދާ ދެވިފައި ނުވާކަމާއި، އިގްތިސާދީ އެކިދާއިރާތަކުގެ ނުގުޅުމާއި މުޅި އިގްތިސާދީ ގިޔުގަޑު ހެދި ލާމެހިފައި ނެތުމުގެ ގެއްލުމެވެ. ދަޑުވެރި ކަމާއި މަސްވެރި ކަމާއި ހުރި އިގްތިސާދީ ގުޅުމާއި، ޓުއަރިޒަމާއި މަސްވެރިކަމާއި ދަޑުވެރިކަމާއި ދަތުރުފަތުރާއި އިމްޕޯޓް މުދާ ވިއްކުމާއި އެކިއެކި ޚިދުމަތް ދިނުމުގެ ވިޔަފާރިއާއި މައުލޫމާތާއި މުނިފޫހި ފިލުވުމުގެ ވިޔަފާރީގެ ގުޅުންތައް ގުޅުވާލެވިފައި ނެތެއް ނޫންތޯއެވެ؟ މިކަމާމެދު ރަގަޅަށް ފިކުރު ހިންގަވާ މިހުރިހާ ދާއިރާތަކުގެ ވިޔަފާރީގެ ޕްލޭނެއް އެކުލަވާލައި ގައުމުގެ މަސައްކަތުގެ މާރުކޭޓުގެ ސައިޒާއި ވިޔަފާރީގެ ސައިޒަށް ބަލާލައިފިނަމަ އެކިބާވަތް ބާވަތުގެ ފައިސާ ވިއްކާ މާލީ ވިޔަފާރިތައް އުފެދޭނެކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ.