އެމްޑީޕީ “އެއް ބުރުން” ޚާއްޞަ ޖަލްސާއެއް ރޭ އައްޑޫ ސިޓީގައި ބާއްވައިފި

އެމްޑީޕީން “އެއް ބުރުން” މި ނަމުގައި ޚާއްޞަ ޖަލްސާއެއް ބާއްވައިފިއެވެ. އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުހައްމަދު ނަޝީދު ޝަރަފްވެރިކޮށް ދެއްވި މި ޚާއްޞަ ޖަލްސާ ކުރިއަށް ދިޔައީ އައްޑޫ ސިޓީގެ ހިތަދޫގައެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބް ވިދާޅުވީ މިއަދު ރާއްޖޭގެ ކަންކޮޅު ތަކުން ފެނިގެން މިދަނީ ރާއްޖޭގެ ރައްޔިތުން އެމްޑިޕީގެ ވިސްނުމާއި ރައީސް ރައީސް ނަޝީދުގެ ވިސްނުންފުޅު ބަލައިގަންނަމުންދާ މަންޒަރު ކަމަށެވެ.

އިލިޔާސް ލަބީބު ވިދާޅުވީ އެމްޑީޕީންގެ ސަރުކާރުން ރައީސް މުޙައްމަދު ނަޝީދު 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވި އިރު ރާއްޖޭގެ އިޤްތިޞާދު ވަނީ ކަޅު އަނދިރި ވަޅުގަނޑަކަށް ވެއްޓިފައި ކަމަށެވެ. 2008 ވަނަ އަހަރާއި 2009 އަހަރު އައިއެމްއެފް އާއި ވޯލްޑްބޭންކް ފަދަ މާލީ އިދާރާތަކުން ނެރުނު ރިޕޯޓްގައި ރާއްޖެ ބަނގުރޫޓް ވެފައިވާ ކަމަށާއި ދިވެހިރާއްޖެ ބޭންކްރަޕްސީ އިއުލާން ކުރަންޖެހިފައިވާ ކަމަށް ރިޕޯޓް ތަކުގައި ބަޔާން ކޮށްފައިވާ ކަމަށްވެސް އިލިޔާސް ލަބީބް ވިދާޅުވިއެވެ.

އިލިޔާސް ލަބީބް ވިދާޅުވީ ރައީސް ނަޝީދު ވިސްނުންތެރިކަމާއެކީ ޕްލޭންތަކެއް އެކުލަވައިލާ އެޕްލޭންތައް ތަންފީޒު ކުރައްވާ ރާއްޖެ ވެއްޓިފައިވާ އިޤްތިޞާދީ އަނދަވަޅުން ނެރެދެއްވި ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސް މުޙައްމަދު ނަޝީދަށް ޝުކުރު އަދާ ކުރައްވާ ކަމަށް އިލިޔާސް ލަބީބް ވިދާޅުވިއެވެ.

އެހެން ނަމަވެސް މިއަދު ބަޣާވާތު ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް ނާޅާ ބޭކާރު ޚަރަދު ކުރަމުންގެންދާ މަންޒަރު ފެނިގެންދާ ކަމަށް އިލިޔާސް ލަބީބު ވިދާޅުވިއެވެ. އަދި އެމްއެމްއޭގެ ގަވަނު ވިދާޅުވާ ގޮތުގައި ރާއްޖޭގެ މިވަގުތު ރިޒާވުގައި ހުރީ 118 މިލިއަން ޑޮލަރު ކަމަށާއި އެއީ ވިއްސަކަށް ދުވަހު އިންޕޯޓް ފައިސާ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު މިފެނިގެން މިދަނީ 7 ފެބްރުއަރީ 2012 ވަނަ ދުވަހުގެ ބަޣާވާތަށްފަހު ރާއްޖެ އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓިގެންދާ މަންޒަރު ކަމަށެވެ. އަދި ހަރުދަނާ ފިޔަވަޅުތަކެއް ނާޅާ ރާއްޖޭގެ އިޤްތިޞާދު ސަލާމަތްވާން ނެތްކަމަށް އައިއެމްއެފް އާއި ވޯލްޑް ބޭންކުން އަންގާފައިވާ ކަމަށްވެސް އިލިޔާސް ލަބީބް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އައްޝައިޚް ޙުސައިން ރަޝީދު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ދުވަހުގެ ތެރޭގައި އައްޑު އަތޮޅަށާއި ރާއްޖޭގެ އެހެން ހުރިހާ ދިމާލަކަށްވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވަފައިވާ ކަމަށެވެ. އަދި މަޢުމޫނުގެ ވާހަކަ ދެއްކުން ހުއްޓާލެވެން ނެތް ކަމަށާއި އެއީ މައުމޫނުގެ ދައުރާއި މުޙައްމަދު ނަޝީދުގެ ދައުރު އަޅާކިޔަން ޖެހޭ ކަމަށެވެ. އަދި މައުމޫނުގެ ދައުރުގައި ރައްޔިތުން ބިރުވެރިކަމުގައި ބައިތިއްބާފައިވާ ކަމަށެވެ. އަދި ދީނަށްޓަކައޭ ކިޔާފައި ބަޣާވަތް ކުރުމަށްވުރެ ބޮޑު ލާދީނީ ކަމެއް ނޯންނާނެ ކަމަށްވެސް އައްޝައިޙް ހުސައިން ރަޝީދު ވިދާޅުވިއެވެ.

ޝައިޙް ހުސައިން ރަޝީދު ވިދާޅުވީ އެމްޑިޕީ ރިޔާސީ ކެންޑިޑޭޓް އަކީ ރައްޔިތުންނާއި ގުޅިގެން ޤައުމު ކުރިޔަށް ގެންދެވޭނެ ޤާބިލްކަން ހުރި ބޭފުޅެއް ކަމަށެވެ. އަދި ރައީސް ނަޝީދު އަކީ ދީނީ އިލްމުވެރިން ދެއްވާ ލަފާފުޅުތައް ޤަބޫލު ކުރައްވާ ބޭފުޅެއް ކަމުގައިވެސް ވިދާޅުވިއެވެ. ރާއްޖޭގެ ވެރިކަމަށް މިހާރު ކުރިމަތި ލައްވައިގެން ތިއްބެވި ބޭފުޅުންގެ ގައިގާ ރައްޔިތުނަށް ވެރިކަމެއް ކޮށްދިނުމުގެ ވިސްނުމެއް ނެތްކަމަށް ހުސައިން ރަޝީދު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި ރޭ އެމްޑީޕީން ބޭއްވި ޚާއްޞަ ޖަލްސާގައި އެމްޑިޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ ކޮންމެ ގޮތަކަށް ވެރިކަމަށް އަރައިގެން ހުންނެވި ބޭފުޅެއް ކަމުގައި ވީނަމަވެސް ރައްޔިތުންނަށް އިންޒާރެއް ދެނީ ކަމަށް ވާނަމަ އެއީ ވަރަށް ބޮޑަށް ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ. އަދި މިކަމުން ދޭހަވަނީ ރާވައިގެން ބޮޑު ހަމަނުޖެހުމެއް ހިންގަން އުޅޭ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އެހެންނަމަވެސް އެމްޑީޕީން އެއްވެސް ވަރަކަށް ފަހަތައް ނުޖެހޭނެ ކަމަށާއި އެމްޑީޕީގެ މިސްރާބް ވަރަށް ސާފު ކަމަށާއި އެމްޑިޕީގެ އަމާޒަށް ވާޞީލް ވާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީއަށް ބިރުދައްކައިގެން އެމްޑީޕީއަށް ގޮންޖަހައިގެން މާބޮޑު ކުރިއެރުންތަކެއް ލިބޭތަން ނުފެންނަ ކަމަށެވެ. އަދި އަސްލަމްގެ ވާހަކަފުޅުގައި މިހާރު ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވައިގެން އުޅޭ ބައެއް ކެންޑީޑޭޓުންނާއި އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓްއާއި ދެމެދު ހުރި ތަފާތުގެ މައްޗަށް ބައްލަވައި ލެއްވިއެވެ. އަދި ބައެއް ކެންޑިޑޭޓުން މަސައްކަތް ކުރައްވަނީ އަމިއްލަ މަންފާއަށް ކަމަށެވެ. އަދި ރައްޔިތުންގެ އަސާސީ ބޭނުންތައް ކޮށްދޭން ވިސްނުމުގައި ނެތް ބޭފުޅުން މިކަމާ ނޫޅުއްވުމަށް އިލްތިމާސް ކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީއަށް އެއްބުރުން ރިޔާސީން އިންތިޙާބް ކާމިޔާބު ކުރެއްވޭ ސަބަބުތަކެއް އެބަހުރި ކަމަށާއި އެއީ އެމްޑީޕީގެ ސިޔާސަތު ތަކެއް ވާތީ ކަމަށާއި އެސިޔާސަތު ތަކަކީ ހަރުދަނާ ސިޔާސަތު ތަކެއް ވާތީ ކަމަށެވެ. އަދި އެމްޑީޕީން ބަލަނީ ރައްޔިތުން ބޭނުންވަނީ ކޮންކަންތަކެއްތޯ ކަމަށާއި ރައްޔިތުނަށް ހަމަޖެހިގެން ދިރި އުޅެވޭނެ ގޮތެއް ހަމަޖެހިގެން ދިއުން ކަމަށެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑިޕީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ވިދާޅުވީ ރާއްޖޭގެ ޒުވާނުންނަށް ރަނގަޅު ގޮތްތަކެއް ފަހިކޮށްދިނުމަށް މިހާތަނަށް މަސައްކަތްތަކެއް ކޮށްފައި އޮތީ އެމްޑީޕީ ކަމަށެވެ. އަދި އެމްޑިޕީ ސަރުކާރުން ވާނީ އެކަން ސާބިތުކޮށްދީފައި ކަމަށް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

މުޙައްމަދު ރަޝީދުގެ ވާހަކަފުޅުގައި އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް އިންތިހާބު ކުރުމަށް ކެންޕެއިން ޓީމުތަކުގައި ރެޔާދުވާލު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ފަށްފަށުން ޝުކުރު ދަންނަވާފައެވެ. އަދި އައްޑޫ ސިޓީގެ ހުރިހާ ޒުވާނުންނަށް ވޯޓް ލެވޭނެގޮތްތައް ހަމަޖެހިގެން ދާނެ ކަމަށާއި އެމަގަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ.

މުހައްމަ ރަޝީދުގެ ވާހަކަފުޅުގައި 7 ފެބްރުއަރީ 2012 ގެ މައްސަލަތައް ނުބަލައި އައްޑޫގެ އެތައް ޒުވާނުން ތަކަކަށް ޓެރަރިޒަމްގެ ދޮގު ދަޢުވާ ހައްޤަކާއި ނުލައި އުފުލާފައިވާ ކަމަށާއި އެކަމަކީ އިންސާފުގެ ހަމަހަމަ ކަމެއް ނެތްކަމުގެ ހެއްކެއް ކަމަށް ވިދާޅުވެފައެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް ވިދާޅުވީ މިއަދު މިކުރަމުން ދާ މަސައްކަތަކީ ރައީސް ނަޝީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވައިގެން އައްޑޫ އަށް ގެނެސްދެއްވަމުން ގެންދެވި ތަރައްޤީ އެއްބުރުން ކަށަވަރު ކުރުމަށްޓަކައި އައްޑޫ ސިޓީގެ ރައްޔިތުން ކުރަމުންދާ މަސައްކަތް ކަމަށެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިފާޒު ވިދާޅުވީ ބަޣާވާތެއް ކޮށްފައި އޮންނަ ޤައުމެއްގައި އިންތިހާބެއް ހޯދުމަކީ ފަސޭހަ ކަމެއްނޫން ކަމަށާއި އަދި ޤާނޫނު އަސާސީގައި އިންތިހާބެއްގެ ތާރީޚް އޮތް ކަމުގައިވިއަސް އިންތިހާބެއް ހޯދުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. މިއަދު ވެރިކަމުގައި ތިބީ ބާޣީ ކަމަށާއި އިންތިހާބެއް ބޭއްވުމަށް ބާޣީން ފުރުޞަތެއް ނުދޭނެ ކަމަށާއި އެ ފުރުޞަތު ހޯދަން ޖެހޭނީ އައްޑޫ ސިޓީއާއި މުޅި ރާއްޖޭގެ އެމްޑީޕީގެ ރައްޔިތުން ކަމަށް ޝިފާޒް ވިދާޅުވިއެވެ.

އަދި އިންތިހާބެއް ލިބުމުންވެސް ދެފުއް ފެންނަ އިންތިހާބެއް ކަށަވަރު ކުރުމަށްޓަކައި އެމްޑިޕީގެ މެންބަރުން ވަރަށް ބޮޑު ހިތްވަރެއް ލާންޖެހޭ ކަމަށާއި އަދި ރައްޔިތުން މަޖިލީހުގެ ރައީސްގެ އަތުގައި ވެރިކަން އޮވެގެން މެނުވީ މިހާރު މިފެންނަ ގޮތުން ދެފުއްފެންނަ އިންތިހާބެއް ނުބޭއްވޭނެ ކަމާއި މިކަން ކަށަވަރު ކުރުމަށްޓަކައި ޒުވާނުން ތެދުވަން ޖެހޭ ކަމަށެވެ. އަދި އިންތިހާބެއް ބޭއްވިޖެނަމަ ޝައްކެއް ނެތް ގޮތުގައި އެއްބުރުން އެމްޑީޕީން އިންތިހާބް ކާމިޔާބު ކުރާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

މި ޖަލްސާގައި އެމްޑިޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މީގެ ހަފްތާއެއްކުރިން އެމްޑީޕީއާއި ގުޅިވަޑައިގެންރޭ އެމްޑިޕީއަށް މެންބަރުން އިތުރު ކުރެއްވުމަށް މަސައްކަތް ތަކެއް ކުރެއްވުމަށް ވިދާޅުވީ އެތައް ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. އެގޮތުގެ މަތިން ހަފްތާއެއްގެ ތެރޭގައި 1300 މީހުން އެމްޑީޕީއާއި ގުޅިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އަދި އެމްޑީޕީއަށް މެމްބަރުން އިތުރުކުރުމަށް ކުރަމުންގެންދާ މަސައްކަތަށް އަތޮޅުތަކާއި ރައްތަކުން ވަރަށްބޮޑު ތަރުހީބެއް ލިބެމުންދާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެބޭފުޅާ އެމްޑީޕީއާއި ގުޅިވަޑައިގަންނަވާ ވާހަކަޔަށް އެތައްބަޔަކު ގުޅުއްވައި އެމްޑީޕީއާއި ގުޅެން ބޭނުންވާކަމަށާއި އެމްޑީޕީއާއި އެކު މަސައްކަތް ކުރުމަށް ބޭނުންވާކަމަށް ބުނެފައިވާކަމަށެވެ. މީގެ އިތުރުން ޝާހިދުވަނީ ކުރިއަށް އޮތް އިންތިހާބު އެމްޑީޕީން އެއްބުރުން ކާމިޔާބުކުރާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

އަބްދުﷲ ޝަހީދުގެ ވާހަކަފުޅުގައި ރައީސް މުޙައްމަދު ނަޝީދު ވެރިކަމުގައި އައްޑޫ ހޯދާފައިވާ ތަރައްޤީ އާއި ކުރިއެރުން އަދި އުއްމީދުތައް މިހާރު ހުއްޓިފައިވާ ކަމާށެވެ. އެހެން ނަމަވެސް މިއަދުވެސް މިހާރުވެސް މި ފެނިގެން މިދަނީ އައްޑޫ ރައްޔިތުންގެ ތަރައްޤީއަށް އައްޑޫ ރައްޔިތުން ދެއްވާ ޝައުޤު ވެރިކަމާއި ތަރުޙީބު ކަމަށްވިދާޅުވިއެވެ.